ENGLISH
12 ފެބްރުއަރީ 2026
ޞިއްޙީ ދާއިރާގެ ނުފޫޒުގަދަ ލީޑަރުންގެ ލިސްޓުގައި ހިމެނުމުން ރައީސް ޑރ. މުޢިއްޒުއަށް ޑަބްލިއުއެޗްއޯގެ ތައުރީފް
12 ފެބްރުއަރީ 2026
|
ރައީސް މުއިއްޒު. ފޮޓޯ:ރައީސް އޮފީސް
އެންމެ މަޤްބޫލު
ޓައިމް މަޖައްލާއިން ހޮވި، 2026 ވަނަ އަހަރު ޞިއްޙީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަޙްޞިއްޔަތުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ހިމެނިވަޑައިގެންނެވުމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެ މަނިކުފާނަށް މަރުހަބާ ދަންނަވައިފިއެވެ.
އެމަނިކުފާނަށް މި ޝަރަފު ލިބިވަޑައިގެންފައިވަނީ، ޢާންމު ސިއްޙަތު ކުރިއެރުވުމަށާއި، ބަލިތަކުން ރައްކާތެރި ވެއްޓެއް ޤާއިމުކުރެއްވުމަށް، އެމަނިކުފާނު ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކާއި، އެމަނިކުފާނު ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ ސަބަބުންނެވެ.
މި ކާމިޔާބީއާ ގުޅިގެން ރައީސަށް މަރުހަބާ ދަންނަވައި ސޯޝަލް މީޑިއާގައި އެ ޖަމިއްޔާއިން ކުރި ޕޯސްޓެއްގައި ބުނީ ސިއްހީ ދާއިރާގައި އެންމެ ނުފޫޒުގަދަ 100 ޝަޙްޞިއްޔަތުގެ ލިސްޓުގައި ރައީސް މުއިއްޒު ހިމެނުމަކީ ބަލިތަކުން ދުރާލައި ރައްކާތެރިވުމާއި އާންމު ސިއްހަތާ ގުޅޭ ކަންކަން ކުރިއަރުވަން އެ މަނިކުފާނު ކުރެއްވި ބުރަ މަސައްކަތްޕުޅުގެ އަގުވަޒަންކުރުން ކަމަށެވެ.
ސިއްހަތާއި އާންމުންގެ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ރާއްޖެ އިން ކުރަމުން އަންނަ މަސައްކަތްތަކުގެ އަގު ވަޒަންކޮށް ސިއްހީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެ ޖަމާއަތުން ވަނީ ދީފައެވެ.
ޓައިމް މަޖައްލާއިން ހޮވި، 2026 ވަނަ އަހަރު ޞިއްޙީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަޙްޞިއްޔަތުގެ ތެރޭގައި ރައީސް ހިމެނިވަޑައިގެންނެވި އިރު، އެ މަޖައްލާ އިން ވަނީ، ބަލިތަކުން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާފައިވާ މި ސަރުކާރުގެ ޞިއްޙަތާބެހޭ ސިޔާސަތުތަކާއި، އެމަނިކުފާނުގެ އިސްނެންގެވުމުގެ ދަށުން، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް އަޅުއްވާފައިވާ ފިޔަވަޅުތައް ފާހަގަކޮށްފައެވެ. މީގެ ތެރޭގައި، ޖެނުއަރީ 2007 ގެ ފަހުން އުފަންވާ އެއްވެސް މީހަކަށް ދުންފަތުގެ އުފެއްދުންތައް ވިއްކުމާއި ގަތުން މަނާކޮށް ތަންފީޒުކުރައްވާފައިވާ ޖެނެރޭޝަނަލް ބޭން އާއި، ވޭޕް އާއި އީ ސިގިރޭޓު އެތެރެކޮށް، ވިއްކައި، ބޭނުންކުރުން މަނާކުރުން ހިމެނެއެވެ.
މަޖައްލާއަށް ދެއްވި ބަސްދީގަތުމުގައި އެމަނިކުފާނު ވަނީ، މީގެ ކުރިން ރާއްޖޭގެ ސިއްޙީ ސިޔާސަތުތައް ބިނާކޮށްފައި ހުރީ، ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، ބަލިޖެހުމުން ފަރުވާ ދިނުމުގެ މައްޗަށްކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް މި ސަރުކާރުން މަސައްކަތްކުރަނީ، ބަލިތަކުން ރައްކާތެރިވުމަށާއި ފަރުވާ ދިނުމަށް ހަމަހަމަ ސަމާލުކަމެއް ދެއްވުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.