ENGLISH
12 ފެބްރުއަރީ 2026
މާފުށީގެ ނަރުދަމާ އަޕްގްރޭޑް ކުރުމާއި، ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ޤާއިމުކުރަން ޙަވާލުކޮށްފި
12 ފެބްރުއަރީ 2026
|
މާފުށީގެ ނަރުދަމާ އަޕްގްރޭޑްކުރުމާއި، ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: އިމާރާތްކުރުމާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
ކ. މާފުށީގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތާއި، މާފުށީ ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ދެ މަޝްރޫޢު ވެސް ޙަވާލުކުރީ މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭޑަބްލިއުއެސްސީ) އާ އެވެ.
މިއަދު އޮތް ރަސްމިއްޔާތުގައި، އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. އެމްއޭޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޢަބްދުލްމަޠީން މުޙައްމަދު އެވެ.
މާފުށީގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމް އަޕްގްރޭޑް ކުރުމަށް ދައުތަލުން 57،402،888.14 ރުފިޔާ ޚަރަދުކުރާނެއެވެ.
މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، މާފުށީގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމު އަޕްގްރޭޑްކުރުމާއި، ނަރުދަމާ ޕަންޕިން ސްޓޭޝަން ބެހެއްޓުމާއި، ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި، އަދި ނަރުދަމާ އައުޓް ފޯލް އެޅުން ހިމެނެއެވެ.
މީގެ އިތުރުން ވެސް މަޝްރޫޢުގެ ދަށުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާކަމަށް އިމާރާތްކުރުމާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
މާފުށީގެ ނަރުދަމާ އަޕްގްރޭޑްކުރުމާއި، ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: އިމާރާތްކުރުމާ ބެހޭ ވުޒާރާ
މާފުށީގެ ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަޝްރޫޢަށް ޚަރަދުވާނީ 128،605،793.86 ރުފިޔާ އެވެ.
މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި، މާފުށީ ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ހޮޅި އެޅުމާއި، ނަރުދަމާ ޕަންޕިން ސްޓޭޝަން ބެހެއްޓުމާއި، ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި، އައުޓް ފްލޯ އެޅުން ހިމެނެއެވެ.
އިތުރު މަސައްކަތްތަކަށް ބަލާއިރު، މާފުށި ހިއްކި ސަރަޙައްދުގައި ދުވާލަކު 1500 ޓަނުގެ ފެން އުފެއްދޭ ވަރުގެ 02 އާރުއޯ ޕްލާންޓް ބެހެއްޓުމާއި، 3500 ޓަނުގެ ފެން ރައްކާކުރެވޭ ވަރުގެ 02 ޓޭންކު ބެހެއްޓުމާއި، ފެން މީޓަރުތައް ބެހެއްޓުމާއި، އައުޓްފްލޯ އެޅުމުގެ އިތުރުން މަޝްރޫޢުގެ ދަށުން ނިންމަންޖެހޭ އެހެނިހެން ކަންކަން ވެސް ކުރިއަށްގެންދާނެކަމަށް އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
ދެ މަޝްރޫޢު ނިންމަން އެމްޑަބްލިއުއެސްސީއަށް ދީފައިވަނީ 571 ދުވަހުގެ މުއްދަތެކެވެ.
މާފުށީގެ ނަރުދަމާ އަޕްގްރޭޑް ކުރުމާއި ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ޤާއިމުކުރުމަކީ މިދިޔަ އަހަރުތަކުގައި އެރަށަށް ނުވެ އޮތް މުހިއްމު ކަމެކެވެ. މި މަޝްރޫޢުތައް ނިމުމުން، މާފުށިން ދޫކޮށްފައިވާ ގޯތިތަކުގައި ރައްޔިތުންނަށް ވަޒަންވެރިވުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.