ENGLISH

12 ފެބްރުއަރީ 2026

Advertisement

އިންތިޚާބުގައި ގިނަ ބަޔަކު ނިކުމެ ވޯޓުދިނުން މުހިއްމު: ރައީސްގެ އަނބިކަނބަލުން

12 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން އަދި ފަސްޓްލޭޑީ ސާޖިދާ މުހައްމަދު. ފޮޓޯ؛ޕީއެންސީ

ކުރިއަށް އޮތް އިންތިހާބުގެ ވޯޓުލުމަށްޓަކައި ވީހާވެސް ގިނަ އަދަދެއްގެ ރައްޔިތުން ނުކުތުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން އަދި ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ގޮވާލައްވައިފި އެވެ.

މާފަންނު މެދު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އެކަމަނާ ވަނީ ވޭތުވެދިޔަ ލޯކަލް ކައުންސިލް އިންތިހާބުތަކުގައި ވޯޓުލާން ނުކުތް މީހުން ނިސްބަތުން ވަރަށް މަދު ކަމަށެވެ. އެކަން ބަދަލުކޮށް ވީހާވެސް ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ ކައުންސިލް އިންތިހާބުގައި ވޯޓު ދޭންޖެހޭކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ. 

"ވަރަށް ގިނަ ބޭފުޅުން ވިދާޅުވޭ ކީއްކުރަންހޭ ވޯޓު ލަނީ. ކޮންމެ މީހަކު އަޔަސް ތިމަންނަމެންނަށް އެންމެ ރަނގަޅޭ. މިއީ ރަނގަޅު ވާހަކައެއް ނޫން. އަޅުގަނޑުމެން މި ކިޔަނީ ތަރައްގީގެ ވާހަކަ. އަޅުގަނޑުމެން މި ކިޔަނީ ތަމައްދުންގެ ވާހަކަ. މި ހުރިހާ ކަމެއް ކުރުމަށްޓަކައި އަޅުގަނޑުމެން އެބަ ބޭނުންވޭ ސަރުކާރާ އެކުގައި މަސައްކަތް ކުރާނެ ރަނގަޅު ކައުންސިލެއް." - ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން އަދި ފަސްޓްލޭޑީ ސާޖިދާ މުހައްމަދު 

އެކަމަނާ ވިދާޅުވީ ސަރުކާރާއެކު މަސައްކަތް ކުރާނެ ކައުންސިލެއް ހޮވުމަށް ވޯޓު ދިނުމަށް ފަސްޖެހިއްޖެނަމަ ދެން ހޮވޭ މީހުންނަކީ ސަރުކާރުގެ ތަރައްގީއާ ދުރު ހިޔާލު ގެންގުޅޭ ބަޔަކަށް ވެދާނެކަމަށެވެ. 

ރައްޔިތުން ލާ ވޯޓަކީ ސަރުކާރުގެ ތަރައްގީއާއި ރަށުގެ ކުރިއެރުމާއި ދަރިންގެ މުސްތަގުބަލާ ގުޅިފައިވާ ވޯޓެއްކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. 

އެގޮތުން ރައްޔިތު މީހާ ލާ ވޯޓުގެ ސަބަބުން ރަށަށް އަންނަ ތަރައްގީ ކޮންމެ މީހަކު ހިއްސާވާނެ ކަމަށް ވިދާޅުވެ ވޯޓުލާން ނިކުންނަން ޖެހެނީ އެހެންވެގެން ކަމަށް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުތަކުގައި މީގެކުރިން ވޯޓުލާފައި ހުރީ ގާތްގަނޑަކަށް 30 އިންސައްތަކަން ފާހަގަކުރައްވަމުން މި އިންތިހާބުގައި މި އަދަދު މައްޗަށް ޖައްސާލުމުގެ އަމާޒުގައި މަސައްކަތް ކުރުމަށް އެ ކަމަނާ އިލްތިމާސްކުރެއްވިއެވެ.  

ކިޔުންތެރިންގެ ހިޔާލު