ENGLISH

12 ފެބްރުއަރީ 2026

Advertisement

ކުޑަހުވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ތަރައްޤީކުރި ޖިމް ހުޅުވައިފި

12 ފެބްރުއަރީ 2026

|

އާމިނަތު ނުޒްލާ

ކުޑަހުވަދޫ ޖިމް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ދ. ކުޑަހުވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ތަރައްޤީކުރި ޖިމް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހުޅުއްވައިދެއްވައިފި އެވެ.

ޖިމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމާއި ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް ހަރަކާތްތެރިކޮށް އުޅުމަކީ މުހިއްމު ކަމެއް ކަމަށެވެ. މިފަދަ ޖިމެއް ހުޅުވުމަކީ މިކަމަށް ލިބިގެންދިޔަ ބާރެއްކަމުގައި އެކަމަނާ ފާހަގަކުރެއްވި އެވެ.

ކުޑަހުވަދޫ ޖިމް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ސަރުކާރުން ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަމާއި އާންމު ސިއްޙަތު ރައްކާތެރިކުރުމަށް ނުހަނު އިސްކަމެއްދެއްވައިގެން މަސައްކަތްކުރައްވާކަން ފާހަގަކުރައްވައި، އެކަމަނާ ވަނީ އާންމު ސިއްޙަތު ކުރިއެރުވުމަށާއި، ބަލިތަކުން ރައްކާތެރި ވެއްޓެއް ޤާއިމުކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކާއި، ކުރައްވާފައިވާ މަސައްކަތްޕުޅުތައް ފާހަގަކޮށް ޓައިމް މަޖައްލާއިން ހޮވި، 2026 ވަނަ އަހަރު ސިއްޙީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަޚްޞިއްޔަތުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ހިމެނިވަޑައިގެންފައިވާކަން ފާހަގަކުރައްވާފަ އެވެ. ވަކިން ޚާއްސަގޮތެއްގައި އެމަނިކުފާނުގެ އިސްނެންގެވުމުގެ ދަށުން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އަޅުއްވާފައިވާ ފިޔަވަޅުތައް އެކަމަނާ ފާހަގަކުރެއްވި އެވެ.

މިއަދު ކުޑަހުވަދޫގައި ހުޅުވި ޖިމަކީ އާންމު ސިއްޙަތު ކުރިއެރުވުމަށާއި، ބަލިތަކުން ރައްކާތެރި ވެއްޓެއް ޤާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވައި އެކަމަނާ ވަނީ މި ޖިމްގެ ބޭނުން ހުރިހާ ފަރާތްތަކުން އެންމެ ފުރިހަމަގޮތުގައި ހިފާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފަ އެވެ.

ކުޑަހުވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިސްނެގުމާއިއެކު މިފަދަ ޖިމެއް ހުޅުވިގެން ދިއުމަކީ މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވައި އެކަމަނާ ވަނީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ އެހެން ކޮމެޓީތަކުން މިކަން ނަމޫނާއަކަށް ބަލައި މިފަދަ ކޮމެޓީތަކުގެ މުހިންމުކަމާއި އެބޭފުޅުން ކުރައްވާ ހިތްވަރުގަދަ މަސައްކަތް ފާހަގަކުރައްވާފަ އެވެ.

ކުޑަހުވަދޫ ޖިމް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ޖިމް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާ ގެ މެމްބަރު ޙުސައިން ޙަމީދު އަދި ކުޑަހުވަދޫ ކައުންސިލް މެމްބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންގެ އިތުރުން ރަށުގެ ގިނައަދަދެއްގެ ރައްޔިތުން ބައިވެރިވި އެވެ.

ކިޔުންތެރިންގެ ހިޔާލު