ENGLISH

12 ފެބްރުއަރީ 2026

Advertisement

މަސްއޫލިއްޔަތު އުފުލޭ ގާބިލު މީހެއްނަމަ ތަފާތުކުރުމެއް ނެތް: ޑރ. ޝަހީމް

12 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު. ފޮޓޯ؛ޕީއެންސީ

މަގާމުތަކަށް އައްޔަނުކުރުމަށް އިސްލާމްދީން ބާރު އަޅަނީ ކަންކަމުގެ މަސްއޫލިއްޔަތު އުފުލޭ ކަންކަމަށް ގާބިލު މީހުން ކަމަށާއި، މި ޝަރުތުތައް ފުރިހަމަ ވާނަމަ ދެ ޖިންސުގެ މެދުގައި ތަފާތެއް ނުކުރެވޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. 

ވަޒީރު މިފަދައިން ވިދާޅުވީ ރޭ ޕީއެންސީގެ މާފަންނު މެދު ދާއިރާގެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިސް މަގާމުތަކަށް ކުރިމަތިލައްވާފައިވާ ކަނބަލުންނާ ދެކޮޅަށް ވާދަވެރިން ދީނީ ގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ. 

ކަނބަލުން މިފަދަ މަގާމުތަކަށް ނުކުތުމަކީ ހަރާމްކަމެއްގެ ގޮތުގައި ސިފަކޮށް ވާހަކަ ދައްކާ މީހުންނަށް ރައްދު ދެއްވައި ވަޒީރު ވިދާޅުވަނީ، އިސްލާމީ ތާރީހުގައި އަންހެނުންގެ ދައުރާ ބެހޭގޮތުން ވަރަށް ތަފްސީލީ ގޮތެއްގައި އޮޅުންފިލުއްވައި ދެއްވާފައިވާކަމަށެވެ. 

"އިސްލާމީ މިންގަނޑުގެ ތެރެއިން، އިސްލާމީ އުސޫލުތަކުގެ ތެރެއިން، އަދި އިސްލާމީ އަހުލާގުގެ ތެރެއިން ގާބިލުކަން ހުރި ކޮންމެ ކަނބަލަކަށް މުޖުތަމައަށް ހިދުމަތް ކުރުމަށްޓަކައި ވަޒީރަކަށް ވެސް ވެވޭނެ، ކައުންސިލުގެ ރައީސާއަކަށް ވެސް ވެވޭނެ، ކައުންސިލް މެމްބަރަކަށް ވެސް ވެވޭނެ، މޭޔަރަކަށް ވެސް ވެވޭނެ. ބަލަން ބޭނުންވަނީ އެމީހަކީ ގާބިލު މަސްއޫލިއްޔަތު އުފުލޭ މީހެއްތޯ. އެކަން އެހެން އޮތް ނަމަ ދެ ޖިންސުގެ ދެމެދުގައި ތަފާތުކުރުމެއް ނެތް." - އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ރާއްޖެ ސަލާމަތްކުރުމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން ކާމިޔާބު ކުރަން ޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޒުވާން ޖީލު ބިނާކުރުމަށް ދިވެހި އަސްކަރީ ހިދުމަތުން ކުރިއަށް ގެންދާ ވަތަނީ ޒުވާނުން ބިނާކުރުމުގެ މަޝްރޫއުތަކާއި ރާއްޖޭގެ އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޒުވާން ހަތީބުންނާއި ޒުވާން ހާފިޒުން ބިނާ ކުރުމުގެ މަޝްރޫތަކާއި އެހެނިހެން ތަރައްގީގެ މަޝްރޫތަކުން އެނގެނީ ރާއްޖެ އަލިވިލެމުން ދަަނީ އައު ފަތިހަކަށްކަން ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

އަދި އެކަންކަމުން ރާއްޖެ ދަތުރުކުރަމުންދަނީ ރަނގަޅު މިސްރާބަކަށްކަން ދޭހަވާކަމަށް ވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު