ENGLISH

12 ފެބްރުއަރީ 2026

Advertisement

ބެލެނިވެރިޔާގެ ދުލުން: އެލްޖީއޭއިން ބިން ދޫކުރާ ހިސާބަށް ކަންކަން ދިޔަ

12 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ސީއީއޯ މުހައްމަދު ނިމާލް. ފޮޓޯ؛ޕީއެންސީ

އަތޮޅު ތެރޭގައި ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ ޕްރޮޖެކްޓުތައް ހުއްޓުވުމަށް ވާދަވެރިންގެ މެޖޯރިޓީ އޮންނަ ކައުންސިލުތަކުން ކުރަމުންދިޔަ ޖެއްސުމުގެ ސަބަބުން ލޯކަލް ގަވަމަންޓް އޮތޯރިޓީން އެ މަޝްރޫއުތަކަށް ބިން ދޫކުރާ ހިސާބަށް ކަންކަން ދިޔަކަމަށް އެ އޮތޯރިޓީގެ ސީއީއޯ މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ. 

ސަރުކާރުން ހިންގަން ބޭނުންވާ ތަރައްގީގެ ޕްރޮޖެކްޓުތަކަށް އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލްތަކުން ހުރަސްއަޅުއްވާކަމަށް ވިދާޅުވެ ސަރުކާރުގެ އިސް ބޭފުޅުން ދައްކަވާ ވާހަކަފުޅުތަކަށް ބާރު ދެއްވައި ހެއްކާއެކު ވާހަކަފުޅު ދައްކަވަމުން ކޮންގްރެސް ޕާޓީގެ މާފަންނު މެދު ދާއިރާގެ ޖަގަހަ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ނިމާލް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. 

ލޯކަލް ގަވަމަންޓް އޮތޯރިޓީއަކީ ކައުންސިލުތަކުގެ ބެލެނިވެރި ފަރާތްކަމަށް ވުމާއެކު ރާއްޖޭގެ ރައްޔިތުންނަށް ފެންނަ މަންޒަރާއި އެ އޮތޯރިޓީގެ މެމްބަރެއްގެ ހައިސިއްޔަތުން، އެނގޭ މިންވަރާއި ފެންނަ މަންޒަރު ތަފާތު ވާނޭކަމަށް ނިމާލު ވިދާޅުވިއެވެ. 

އެމްޑީޕީގެ ސުޕަރ މެޖޯރިޓީ ކައުންސިލްތަކުން ސަރުކާރަށް ކުރި ދުއްތުރާތަކުގެ ތަފްސީލު ވެސް ނިމާލު ވަނީ ކިޔައިދެއްވާފައެވެ.

"ސަރުކާރަށް މެޖޯރިޓީ ބޭނުންވާ ސަބަބަކީ މިއީ. މިސްކިތެއްގައި އިސްލާމް މިނިސްޓްރީން ހުއްދަ ދީގެން، އެ މިސްކިތުގައި ނަމާދު ނުކުރެވިގެން، އަޅުގަނޑަށް އިސްލާމިކް މިނިސްޓަރު އެތައް ފަހަރަކު ގުޅުއްވި އެލްޖީއޭއިން މިކަމުގައި މަގެއް ހޯއްދަވައިދެއްވާށޭ. އިދިކޮޅު މެންބަރުން ތިއްބެވި ކައުންސިލެއް އެއީ. އިއުލާނު މި ކުރަނީ މިތަނަށް، ކޮންޓްރެކްޓުގެ ސޮއި ކުރަނީ މިތަނުގައި، މަސައްކަތް ފަށައިގެން ދައުލަތުގެ ބުރަ ޖައްސަން، ދައުލަތަށް އުނދަގޫ ކުރަން ވެގެން، އެ ގެއްލުމުގެ ބަދަލު ހޯދައިދިނުމުގެ ނިޔަތުގައި ސަރުކާރަށް ޖެއްސުން ކުރާ ކައުންސިލްތައް އެބަ ހުރި." - ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ސީއީއޯ މުހައްމަދު ނިމާލް

އޭޓީއެމް ބަހައްޓަން ރަށްރަށުން ބިން ދޫނުކޮށްގެން އެލްޖީއޭގެ ފަރާތުން ބިން ކަނޑާ ދޫކުރާ ހިސާބަށް ވެސް ކަންކަން ދިޔަކަމަށް ނިމާލް ވިދާޅުވިއެވެ. އަދި ޕާސްޕޯޓްގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކައުންސިލު އިދާރާ ތެރޭގައި ޑެސްކެެއް ބަހައްޓާނެ ޖާގަ އިމިގްރޭޝަނަށް ފޯރުކޮށްނުދީގެން މޭޒު ބެހެއްޓުމުގެ ހުއްދަ ގާނޫނުގެ ތެރެއިން ހޯދައިދޭންޖެހުނުކަމަސް ވެސް ނިމާލް ވިދާޅުވިއެވެ. 

"މިއީ މަދު ވާހަކަކޮޅެއް، ރަށްރަށުގެ ތާރު އެޅުމުގެ މަސައްކަތަށް އާރްޑީސީން ގެންދާ ލޭބަރުން ބައިތިއްބާނެ ހިޔާވަހިކަން ހޯދުމަށްޓަކައި ވަގުތީ ބިންކޮޅެއް ދޭށޭ، ބުނީމަ އެރަށްރަށުން ބުނަނީ ތިމަންނަމެންނަކަށް ނުދެވޭނެއޭ. ތިމަަންނަމެން ބޭނުމެއް ނޫނޭ ތާރު އަޅާކަށް. މިއީ ރައްޔިތުންނަށް އެނގެން ޖެހޭ ވާހަކަ." - ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ސީއީއޯ މުހައްމަދު ނިމާލް

ސަރުކާރަށް މެޖޯރިޓީ ހޯދައިދޭން ބޭނުންވަނީ މިކަންކަން މިގޮތަށް ހުރުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ އުނދަގޫތަކަށް ނިމުމެއް ގެނައުމަށް ކަމަށް ނިމާލް ވިދާޅުވިއެވެ. 

ވާހަކަފުޅު ނިންމަވާލެއްވީ އެލްޖީއޭގެ ސީއީއޯގެ ހައިސިއްޔަތުން ރައްޔިތުން ބޭނުންވާ ތަރައްގީގެ ޓަކި، ދޮރުގައި ޖެހުމުން ވީހާވެސް ފަސޭހަކަމާއިއެކު އެކަން ކޮށްދިނުމަށް ތަކުރާރުކޮށް ކައުންސިލުތަކަށް އިލްތިމާސް ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު