ENGLISH

12 ފެބްރުއަރީ 2026

Advertisement

ރަސްމާލެ "އޭރިއާ އޭ" އިން 116 ހެކްޓަރުގެ ބިން ހިއްކައިފި

12 ފެބްރުއަރީ 2026

|

އާމިނަތު ނުޒްލާ

ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ތެރެއިން--ފޮޓޯ:އެމްއޭސީއެލް

ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި މި ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން "އޭރިއާ އޭ" ގެ 116 ހެކްޓަރު ހިއްކުމުގެ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މައުލޫމާތުގައި އެމްއޭސީއެލް އިން ބުނީ މިހާރު އެ ސައިޓުގެ "އޭރިއާ އޭ" އިން ހިއްކުމަށް ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން 116 ހެކްޓަރު ނިމިފައިވާ ކަމަށާއި އަދި އެ ސައިޓުގެ 84.36 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ވެސް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ. 

ރަސްމާލެ މަޝްރޫއުގެ "އޭރިއާ އޭ" ގެ ބިން ހިއްކުން ފަށާފައިވަނީ ޑިސެމްބަރު މަހު އެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ތެރެއިން--ފޮޓޯ:އެމްއޭސީއެލް

ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއު އަވަސްކުރުމަށް އެމްއޭސީއެލްއިން ގެނައި 2 ޑްރެޖަރާއެކު ބިން ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް އެމެއޭސީއެލް އިން ކުރިން ވަނީ ބުނެފަ އެވެ. އެގޮތުން 'ކްރިސްޓަބެލް ކޮލޯން"ގެ ނަމުން ނަން ދީފައިވާ ދުނިޔޭގެ އެންމެ ބޮޑު ޓްރެއިލާ ސަކްޝަން ހޮޕާގެ ދެ ޑްރެޖަރު ރާއްޖެ ގެނެސް ރަސްމާލެ ހިއްކުމުގެ މަސައްކަތް އިތުރަށް ވަނީ ހަލުއިކޮށްފަ އެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ތެރެއިން--ފޮޓޯ:އެމްއޭސީއެލް

ބޯހިޔާވަހިކަމުގެ މައްސަލައަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ މިމަޝްރޫޢުގައި ބިން ހިއްކަމުންދަނީ 12 ސަރަޙައްދަކަށް ބަހާލައިގެންނެވެ. މި މަޝްރޫޢުގެ ދަށުން 1009 ހެކްޓަރު ހިއްކުމަށްވަނީ ހަމަޖެހިފަ އެވެ.

މީގެ ތެރެއިން ތިން ސަރަޙައްދެއްގެ މަސައްކަތުގެ ތެރެއިން ސައިޓް-ޖޭގެ ވަނީ ހިއްކާ ނިންމާފަ އެވެ. މީގެ އިތުރުން ސައިޓް-އެލްގެ 25.53 އިންސައްތަ މަސައްކަތް ނިމިފައިވާއިރު ސައިޓް-ސީގެ 20.09 އިންސައްތަ ވަނީ ނިންމާފަ އެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި ރަސްމާލެ ތަރައްގީކުރަނީ ސައްތައިން ސައްތަ ޒީރޯ ނެޓް ކާބަން ސިޓީއެއްގެ ގޮތުގައި ސްމާޓު އިކޯ ސިޓީއެއްގެ ހުރިހާ ޝަރުތެއް ފުރިހަމަވާ ގޮތަށެވެ. އެއީ ރާއްޖޭގެ ތާރީހުގައި މޫސުމީ ބަދަލުތަކަށް ހޭނުމަށް ހިންގޭ އެންމެ ބޮޑު މަޝްރޫއުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ތެރެއިން--ފޮޓޯ:އެމްއޭސީއެލް

ރަސްމާލެއަކީ މާލޭ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ހިންގާ ބޮޑު މަޝްރޫއެކެވެ. މިހާރު އެ މަޝްރޫއުގެ ތެރެއިން އެންމެ އަވަހަށް ހިއްކައި ނިމޭ ބިމުން 15،000 ގޯތި ދޫކުރުމަށް ރައީސް ވަނީ ނިންމަވާފަ އެވެ.

އޭގެ އިތުރަށް އެ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓު ތަރައްގީކުރުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ސަރުކާރުން ވަނީ ހަވާލުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު