ENGLISH
12 ފެބްރުއަރީ 2026
ރޯދަމަހުގެ ކުރިން އާ އިންޖީނެއް ފުވައްމުލަކު ސިޓީގައި އިންސްޓޯލްކޮށް ނިމޭނެ: ފެނަކަ
12 ފެބްރުއަރީ 2026
|
ފުވައްމުލައް ސިޓީ-- ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް
އެންމެ މަޤްބޫލު
ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ފެނަކައިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ރޯދަމަހުގެ ކުރިން ފުވައްމުލަކުގައި އިތުރު އިންޖީނެއް އިސްޓޯލްކޮށް ނިމޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ އިންޖީނިއަރ އަހްމަދު ރަފީޤް ވިދާޅުވީ، އާ އިންޖީނު އިންސްޓޯލް ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރަމުން އަންނަ މަސައްކަތަކީ އިންޖީނު ބެހެއްޓުމަށް ބޭނުންވާ ތަން މަރާމާތުކުރުމުގެ މަސައްކަތް ކަމަށެވެ. މި އިންޖީނަކީ 1.2 މެގަވޮޓްގެ އިންޖީނެއް ކަމަށާއި، ރޯދައިގެ ކުރިން އިންސްޓޯލްކޮށް ނިންމުމަށްޓަކައި އެ ކުންފުނިން ބާރު ސްޕީޑްގައި މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ރަފީޤް ވިދާޅުވި އެވެ.
ރަފީޤް އިތުރަށް ވިދާޅުވީ، ރޯދަމަހު ގާތްތަނޑަކަށް 6.5 މެގަވޮޓް ކަރަންޓް ބޭނުންކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިހާރު އެރަށުގެ ކެޕޭސިޓީއަކީ އަކީ 6.0 މެގަވޮޓް ކަމަށެވެ. ފެނަކައިން ފުވައްމުލަކުގައި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދެމުން އަންނަނީ ނުވަ އިންޖީނު ބޭނުން ކޮށްގެންނެވެ. މި ހުރިހާ އިންޖީނުގެ ކެޕޭސިޓީއަކީ 8 މެގަވޮޓް އެވެ.
ރަމަޟާން މަހަކީ ގޭބިސީތަކުން ކަރަންޓް ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެގެންދާ މަހެކެވެ. ކަރަންޓް ހިދުމަތަށް ދިމާވާ މައްސަލަތަކުގެ ސަބަބުން އަވަސް ހައްލެއް ލިބިގެން ދިއުމަކީ އެރަށު ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ ކަމެކެވެ. އެހެންކަމުން އަލަށް މި އިންސްޓޯލް ކުރެވޭ އިންޖީނާއެކު އެރަށުގެ ރައްޔިތުންނަށް ދިމާވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ފެނަކައިން ބުނެއެވެ.
ފުވައްމުލައް ސިޓީގެ އަބާދީ މިހާރު 13000 އަށް ވުރެ މައްޗަށް އަރަ އެވެ. ފުވައްމުލައް ސިޓީއަކީ ފަތުރުވެރިންނާއި އެކިއެކި ބޭނުންތަކަށް ވަރަށް ގިނަ އަދަދަކަށް ދިވެހިންވެސް ޒިޔާރަތްކުރާ އަދި ދިރިއުޅެމުން އަންނަ ސިޓީއެކެވެ.
މި ރަމަޟާންމަހު ކަރަންޓް އިޤްތިޞާދުކުރުމަށް، ފެނަކައިން ވަނީ ރައްޔިތުންނަށް އިލްތިމާސް ކޮށްފަ އެވެ.