ENGLISH

09 ފެބްރުއަރީ 2026

Advertisement

ބޮޑު ދެ އިންތިޚާބު އެއްކޮށް ބާއްވަން މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

09 ފެބްރުއަރީ 2026

|

ޢަލީ ޝަހީމް

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން. ދެ އިންތިޚާބު އެއްކޮށް ބާއްވަން އެ ކޮމިޓީން ވަނީ ފާސްކޮށްފަ. ފޮޓޯ: މަޖިލިސް

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބާއްވަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. 

ބޮޑު ދެ އިންތިޚާބު އެއްކޮށްލަން ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރި މިއަދު ބޭއްވި ބައްދަލުވުމުގައެވެ. މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ވޯޓަށް މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އެހުމުން، ފާސްކުރީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ. 

ބިލް ކޮމިޓީން ފާސްކުރުމުން ދެން ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ. 

ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ފާސްކުރެވޭނީ ރައްޔިތުންގެ އާއްމު ވޯޓަކުން އަގުލަބިއްޔަތު ލިބިއްޖެ ނަމަ އެވެ. އަދި، އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާއެކު، ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ރައްޔިތުންގެ ޚިޔާލު އެހުމުގެ ވޯޓު ނެގޭތޯ އަންނަނީ މަސައްކަތްކުރަމުންނެވެ. 

ދެ އިންތިޚާބު އެއްކޮށްލުމުގެ ބިލު މަޖިލީހުން ފާސްކުރިއިރު، ބިލުގެ ދިރާސާގެ ތެރެއިން ބަންޑާރަ ނައިބާއި އިލެކްޝަންސް ކޮމިޝަން އަދި ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދާފައިވެއެވެ. 

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމަށް ޤާނޫނު އަސާސީ އިސްލާޙުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެކުރިން ވިދާޅުވެފައެވެ. 

ޕީއެންސީގެ ޖަގަހަ ޖަލްސާއެއްގައި 7 ޖުލައި 2024 ވަނަ ދުވަހުގެ ރޭ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެންމެ ފަހުގެ ރިޔާސީ އިންތިޚާބަށް 180 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދި މަޖިލިސް އިންތިޚާބުގައި 120 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވި ކަމަށެވެ. 

ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކީ ދެ އިންތިޚާބު އެއްކޮށްލުން ކަމަށާއި، އޭރުން 120 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ. އަދި، ރައްޔިތުން މިގޮތަށް ނިންމަވައިފި ނަމަ ޤާނޫނު އަޞާސީއަށް އިސްލާހު ގެނެސް 2028 ވަނަ އަހަރު ދެ އިންތިޚާބު އެކު އެކީގައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު