ENGLISH
09 ފެބްރުއަރީ 2026
ޕެޓްސް މުބާރާތުގައި 16 ޤައުމެއްގެ 24 ޓީމަކާ ވާދަކޮށް އެމްއެންޑީއެފުން ރަން މެޑެލި ހޯދައިފި
09 ފެބްރުއަރީ 2026
|
ރަންމެޑަލް ހޯދި ސިފައިންގެ ޓީމް
އެންމެ މަޤްބޫލު
ޕާކިސްތާނުގައި ބޭއްވި 9 ވަނަ "އިންޓަރނޭޝަނަލް ޕާކިސްތާން އާމީ ޓީމް ސްޕިރިޓް (ޕެޓްސް) ކޮމްޕެޓިޝަން 2026" ގައި ބައިވެރިވި އެމްއެންޑީއެފްގެ ޓީމުން ރަން މެޑެލި ހޯދައިފި އެވެ.
ފެބުރުވަރީ ފަހަކުން ހަތަކަށް ޕާކިސްތާންގެ ނޭޝަނަަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރ، (ޕަބި) ގައި ކުރިއަށްދިޔަ މި މުބާރާތުގައި 16 ޤައުމެއްގެ އަސްކަރިއްޔާއިން 24 ޓީމެއް ބައިވެރިވިއެވެ.
މި މުބާރާތުގައި އެމްއެންޑީއެފުން ބައިވެރިވި ޓީމްގައި ހިމެނެނީ ސްޕެޝަލް ފޯސަސްގެ 15 ސިފައިންނެވެ. ޓީމުގެ މެނޭޖަރަކީ ލެފްޓިނަންޓް މުޙައްމަދު ނީވީން އެވެ. އޮބްޒާވަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައި ވަނީ ކާނަލް މުޙައްމަދު ނާޡިމެވެ.
ޕާކިސްތާން އަސްކަރިއްޔާއިން ކުރިއަށްގެންދާ "ޕެޓްސް ކޮމްޕެޓިޝަން" އަކީ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށްޓަކައި ހިންގޭ އެންމެ މަތީ ފަންތީގެ މުބާރާތެކެވެ. މިގޮތުން މި މުބާރާތުގައި އަސްކަރީ ގޮތުން ބޭނުންކުރާ އުކުޅުތަކާއި އެކިއެކި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ބޭރުގެ ގިނަ އަސްކަރިއްޔާތަކަކާ ވާދަކޮށް، ދިވެހި އަސްކަރިއްޔާއިން މި ފަޚުރުވެރި ކާމިޔާބީ ހާސިލުކޮށްފައި މި ވަނީ ދިވެހިރާއްޖެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި އަސްކަރިއްޔާގެ ޤާބިލުކަމާއި ދިވެހި ސިފައިންގެ ހުނަރުވެރިކަން މަތިކޮށް، ތަރައްޤީކުރުމަށް ދެއްވާ ޚާއްޞަ ސަމާލުކަމާއި، ދެއްވާ ލަފާފުޅާއި އިރުޝާދުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށް އަސްކަރިއްޔާއިން ފާހަގަ ކުރެ އެވެ.