ENGLISH
09 ފެބްރުއަރީ 2026
ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ލިސްޓުގެ ކުރީގައި މިހާރު ޗައިނާ
09 ފެބްރުއަރީ 2026
|
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކަށް ޗައިނާ-- ފޮޓޯ: މޯލްޑިވިއަން
އެންމެ މަޤްބޫލު
ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވާއިރު، އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކީ ޗައިނާކަން ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާއްމުކުރާ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ ވުޒާރާއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ އަދާހަމަ ރިޕޯޓުގައިވާގޮތުން، މިމަހުގެ 07 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެ ޒިޔާރަތްކުރީ 35،123 ފަތުރުވެރިންނެވެ. މިއާއެކު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓްގެ އެއްވަނާގައި މިހާރު ވަނީ ޗައިނާ އެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓްގެ އެންމެ ކުރީގަ އޮތީ ރަޝިއާ އެވެ. ޗައިނާއިން ޒިޔާރަތްކުރާ ފަތުރުވެރިން، ކޮންމެ އަހަރެއްގެވެސް ޗައިނާގެ އާ އަހަރާ ދިމާކޮށް އިތުރުވެއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ރާއްޖެއަށް ފަތުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ދެވަނައިގައި އޮތީ ރަޝިޔާއެވެ. އެ ޤައުމުން 35،112 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފަ އެވެ. ހަމައެއާއެކު، ލިސްޓުގެ ތިންވަނައިގައި އޮތް އިޓަލީވިލާތުން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 28،676 ފަތުރުވެރިންނެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް 285,127 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 270,706 ފަތުރުވެރިންނާ އަޅާބަލާއިރު 5.3 އިންސައްތަ އިތުރު އަދަދެކެވެ.
ފެބްރުއަރީ މަހުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 68 އިންސައްތަ ނުވަތަ 194،023 ފަތުރުވެރިން ޒިޔާރަތްކުރީ ރިސޯޓްތަކަށެވެ. ގެސްޓްހައުސްތަކަށް އައީ ޖުމްލަ ފަތުރުވެރިންގެ 27 އިންސައްތަ އެވެ. އެއީ، 77،075 ފަތުރުވެރިންނެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ހޮޓާތަކަށް 7703 ފަތުރުވެރިން ޒިޔާރަތްކުރި އެވެ. އަދި، ސަފާރީ އުޅަނދުތަކަށް އައީ 6069 ފަތުރުވެރިންނެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ފިޔަވައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ މާފަރު އިންޓަރނޭޝަނަލް އެއާޕޯޓު އަދި ގަން އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް ވަނީ 281،591 ފަތުރުވެރިން އެތެރެވެފައިވެ އެވެ. އަދި މާފަރު އެއާޕޯޓުން ރާއްޖެއަށް އައިސްފައިވަނީ 945 ފަތުރުވެރިންނެވެ.
މިމަހުގެ މިހާތަނަށް އެއްދުވަހެއްގެ ތެރޭގައި އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ، މިމަހުގެ އެއްވަނަ ދުވަހު އެވެ. އެ ދުވަހު 10،253 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ ރާއްޖެއަށް ރިކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ދުވަހެކެވެ.
މީގެ ކުރިން އެއްދުވަހަކު އެންމެ ގިނަ ފަރުތުވެރިން ރާއްޖެ އައިސްފައިވަނީ މިދިޔަ އަހަރު ފެބްރުއަރީ 11 ވަނަ ދުވަހު އެވެ. އެދުވަހު 10،213 ވަނީ ޒިޔާރަތްކޮށްފަ އެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު 7،171 ފަތުރުވެރިން ޒިޔާރަތްކުރެ އެވެ.
މިދިޔަ އަހަރު ރާއްޖެއަށް ވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. އެގޮތުން މިދިޔަ އަހަރުތެރޭ ރާއްޖެއަށް 2.2 މިލިޔަން އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2.5 މިލިއަން އަށް އެރުވުމަކީ، އަމާޒުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ އިއުލާން ކުރައްވާފަ އެވެ. މިއަމާޒަށް ވާސިލްވުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.