ENGLISH

09 ފެބްރުއަރީ 2026

Advertisement

ރަސްމީ ދަތުރުފުޅެއްގައި ރައީސް ޖަރުމަނުވިލާތަށް ފުރާވަޑައިގެންފި

09 ފެބްރުއަރީ 2026

|

ޢަލީ ޝަހީމް

11 ފެބްރުވަރީ 2024، ޔޫ.އޭ.އީ.އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ރައިސުލްޖުމްހޫރިއްޔާ ފުރާވަޑައިގެންނެވުން. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރަސްމީ ދަތުރުފުޅެއްގައި މިއަދު ޖަރުމަނުވިލާތަށް ފުރާވަޑައިގެންފިއެވެ. 

މި ދަތުރުފުޅަކީ، ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ސްޓައިންމަޔަރގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅެކެވެ. 

ރައީސުލްޖުމްހޫރިއްޔާ މިދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައިވަނީ މިހިނގާ ފެބްރުއަރީ މަހުގެ 9 އިން 13 އަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ޖަރުމަނުވިލާތުގެ ރައީސް ސްޓައިންމަޔަރގެ އިތުރުން ޖަރުމަނު ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ޖަރުމަނުވިލާތުގައި ބިޒްނަސް ފޯރަމެއް ބޭއްވެވުމުގެ އިތުރުން، މިދަތުރުފުޅުގެ ބައެއްގެ ގޮތުގައި ހިމެނިގެން، ބަރލިންގައި ހުންނަ ހަމްބޮލްޓް ޔުނިވަރސިޓީއަށް ވަޑައިގެން "މޫސުމީ ބަދަލަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ" ހިއްސާކުރައްވައި އެ ޔުނިވަރސިޓީގައި ތަޤުރީރުކުރައްވާނެއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ޖަރމަން ކައުންސިލް ފޮރ ފޮރިން ރިލޭޝަންސަށް ޒިޔާރަތް ކުރައްވައި ތަޤުރީރު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މި ދަތުރުފުޅު ދިމާވަނީ ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތާއެވެ. ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 5 ޖުލައި 1966 ގައެވެ.

ކިޔުންތެރިންގެ ހިޔާލު