ENGLISH
24 ޖެނުއަރީ 2026
އެފްއޭއެމް 14 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް އަންނަ މަހު ފަހެއް ގައި ފަށަނީ
24 ޖެނުއަރީ 2026
|
އެކަޑެމީތަކުގައި މީގެ ކުރިން ބޭއްވި މުބާރާތެއްގެ ތެރެއިން
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް- އެފްއޭއެމްގެ 14 އަހަރުންދަށުގެ މުބާރާތް އަންނަ ފެބުރުއަރީމަހުގެ ފަސް ވަނަ ދުވަހު ބާއްވަން ނިންމަިފިއެވެ.
އެފްއޭއެމްގެ އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މުބާރާތުގެ ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވާއިރު، މިއަހަރުގެ މުބާރާތުގައި ޖުމްލަ 18 އެކަޑަމީއަކުން ވާދަކުރެއެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 11-ވީ-11 ފޯމެޓަށެވެ. ހަފްތާ ބަންދުގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މެޗެއްގެ ކުޅުން ބަހާލެވިފައިވަނީ 30 މިނެޓުގެ ދެ ހާފަށްކަމަށް އެފްއޭއެމްއިން މައުލޫމާތުދެއެވެ. މުބާރާތުގެ ލީގު ބުރުގެ ކުޅުން ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވަނީ ކުރިއަށް އޮތް ރަމަޟާން މަހަށް ފަހުގައެވެ.
އެފްއޭމުން ބާއްވާ 14 އަހަރުން ދަށުގެ މުބާރާތުގެ ގުރުނެގުމުގެ ތެރެއިން. ފޮޓޯ: އެފްއޭއެމް
މުބާރާތުގައި ވާދަކުރާ 18 ޓީމު ގްރޫޕުތަކަކަށް ވަނީ ބަހާލާފައެވެ. އެގޮތުން ގުރޫޕް އެކެއްގައި ހިމެނެނީ ޔުނައިޓެޑް ވިކްޓްރީ، އޮޑި ސްޕޯޓްސް އެކަޑަމީ، އަޝްފާގް އެކަޑަމީ، ވިލިމާލެ ޔުނައިޓެޑް، ބިސްބުރު ސްޕޯޓްސް އެކަޑަމީ އަދި ހުޅުމާލެ ޔޫތް އެންޑް ސްޕޯޓްސް އެކަޑަމީއެވެ.
ގުރޫޕް ދޭއްގައި އީގަލްސް އެކަޑަމީ، ޓީސީ ސްޕޯޓްސް ކުލަބު އެކަޑަމީ، ބީޖީ އެކަޑަމީ، އެޑްވެންޗަ ފުޓްބޯލް އެކަޑަމީ، ޖޫނިއަ ފުޓްބޯލް އެކަޑަމީ އަދި މަހިބަދޫ ސްޕޯޓްސް ކުލަބު އެކަޑަމީ ހިމެނޭއިރު ކުލަބު ވެލެންސިއާ، މާޒިޔާ ސްޕޯޓްސް އެކަޑަމީ، ހުޅުމާލެ ސްޓާސް އެކަޑަމީ، ހުއްރިއްޔާ އެކަޑަމީ، ފްރެންޑްސް ފުޓްބޯލް ފެމިލީ އެކަޑަމީ އަދި މޯލްޑިވްސް ސޮކަމޭޓްސް އެކަޑަމީ ހިމެނެނީ ގްރޫޕް ތިނެއްގައެވެ.
މުބާރާތުގެ ފުރަތަމަ ބުރުގެ ކުޅުން އަންނަ މަހުގެ ފަސް ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، މި ބުރުން އެންމެ ގަދަ 10 ޓީމު ހޮވާނެއެވެ.
މިއީ 14 އަހަރުން ދަށުގެ އުމުރުފުރާއަށް އަމާޒުކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތެވެ.
އެފްއޭއެމުން ބުނީ، މިފަދަ މުބާރާތެއް ބޭއްވުމުގެ ބޭނުމަކީ ރާއްޖޭގައި ހުނަރުވެރި ޒުވާން ކުޅުންތެރިން އުފެއްދުމުގެ އިތުރުން ގްރާސްރޫޓް ފުޓްބޯޅަ ދިރުވާ އާލާކުރުން ކަމަށެވެ. އަދި މި މުބާރާތަކީ، އެ އެސޯސިއޭޝަނުން ޒުވާން ކުޅުންތެރިން އުފެއްދުމަށް ކަނޑައަޅާފައިވާ ދިގުރާސްތާ ޕްލޭންގެ ދަށުން، ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެއް ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.
އަދި، މިފަދަ މުބާރާތެއްގެ ޒަރިއްޔާއިން، ރާއްޖޭގައި ތިބި ޒުވާން ކުޅުންތެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ، ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ތަރައްގީކުރެވިގެންދާނެ ކަމަށް އެފްއޭއެމުން ބުނެއެވެ. މީގެއިތުރުން، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މި ކުޅިވަރު ފުޅާކޮށް، ވަރުގަދަ ބިންގަލެއްގެ މަތީގައި ތަރައްގީކުރުމަކީ އެފްއޭއެމްގެ އަމާޒެކެވެ.