ENGLISH

24 ޖެނުއަރީ 2026

Advertisement

އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޕޮލިހުން ހޯދައިފި

24 ޖެނުއަރީ 2026

|

މުޙައްމަދު އަދުހަމް

މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޕޮލިސް ޓީމު ޓްރޮފީއާއެކު. ފޮޓޯ: ވީއޭއެމް

އިންޓަ އޮފީސް ވޮލީބޯލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހޯދައިފިއެވެ.

މުބާރާތުގެ ލީގު ބުރުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކުރި ޕޮލިހުން ވަނީ ރޭ ކުޅުނު ފައިނަލް މެޗުގައި ސީދާ ތިން ސެޓުން އެމްޓީސީސީ ބަލިކޮށްފައެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ދެ ސެޓު 25-22 އާއި 25-23 އިން ޕޮލިހުން ގެންގޮސްފައިވަނިކޮށް، ތިންވަނަ ސެޓުގައި އެމްޓީސީސީ އިން ކުޅުން ރަނގަޅުކޮށް ނިމެންދިޔައިރު ލީޑުގައި ވެސް އޮތެވެ.

މުބާރާތުގެ ފައިނަލް މެޗުގެ ތެރެއިން. ފޮޓޯ: ވީއޭއެމް

އެހެންނަމަވެސް، ޕޮލިހުން ވަނީ 24-24 އިން އެއްވަރުކުރުމަށްފަހު، ދެން ޖެހިގެންއައި ދެ ޕޮއިންޓް ހޯދައި 26-24 އިން ކުރިހޯދައި ޗެމްޕިއަންކަން ހޯދައިފައެވެ. ފައިނަލް މެޗުގެ ކުއީން އޮފް ދަ މެޗުގެ މަގާމަށް ހޮވުނީ ޕޮލިހުގެ ހައިފާ އިމާދު އެވެ.

މި މުބާރާތުގައި އިއްޔެ ކުޅުނު ތިންވަނަ ހޮވާ މެޗުގައި މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ސީދާ ތިން ސެޓުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް އިމިގްރޭޝަނުން ކާމިޔާބުކުރީ 25-17، 25-19، އާއި 25-15 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިމިގްރޭޝަންގެ އާމިނަތު އަފާފް ނިޒާމެވެ.

މުބާރާތުގެ ފަޚުރުވެރި ރަން ވަނަތައް ހާސިލްކުރި ފަރާތްތައް. ފޮޓޯ: ވީއޭއެމް

މުބާރާތުގެ ފައިނަލް މެޗަށްފަހު ފަޚުރުވެރި ވަނަތައް ހޯދީ ފަރާތްތަކަށް އިނާމުދިންއިރު، ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ އެމްވީޕީ އެވޯޑް ހާސިލްކުރީ ޕޮލިހުގެ އާމިނަތު އަރީޝާ އެވެ.

އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ؛ ޕޮލިހުގެ ފާތިމަތު އަރީޝާގެ އިތުރުން އެ ޓީމުގެ ހައިފާ އިމާދު އާއި އެމްޓީސީސީގެ މާޔާ ހުސައިން ސޮލާހު، ފާތިމަތު އަމާނީ ޝިޔާމް އާއި އާމިނަތު ރަފާ އިބްރާހިމް އަދި އިމިގްރޭޝަންގެ އާމިނަތު އަފާފް ނިޒާމެވެ. އެންމެ މޮޅު ލިބެރޯ އަކަށް ހޮވުނީ ޕޮލިހުގެ މާސާ ފާރޫޤު އެވެ. އެންެމެ މޮޅު ކޯޗަކަށް ހޮވުނީ ޕޮލިހުގެ ކޯޗު މުނާ މުނީރު އެވެ.

ކިޔުންތެރިންގެ ހިޔާލު