ENGLISH

24 ޖެނުއަރީ 2026

Advertisement

ޕީއެންސީގެ ކައުންސިލަރުންނަށް ޒިންމާ އަދާ ނުކުރެވޭ ކަމަށް ބުނުން: އާޒިމް މައާފަށް އެދެންޖެހޭނެ

24 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، އަޙްމަދު ނަރީޝް. ފޮޓޯ: އެމްއެމް

ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މާލޭ ސިޓީ ކައުންސިލަށް އިންތިހާބުވެފައިވާ ކައުންސިލަރުންނަކީ، ވަޒީފާގެ ޒިންމާ އަދާ ކުރެވޭ ބައެއް ނޫންކަމަށް ބުނެ ދެއްކި ވާހަކަތަކަށް މާލޭގެ މޭޔަރު އާދަމް އާޒިމް މަޢާފަށް އެދެންޖެހޭނެކަމަށް އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، އަޙްމަދު ނަރީޝް ވިދާޅުވެއްޖެއެވެ. 

މާލޭގެ މޭޔަރުކަމުގެ ދެ ވަނަ ދައުރެއް ހޯއްދެވުމަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ މިހާރުގެ މޭޔަރު އާދަމް އާޒިމް މިފަހުން ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ކައުންސިލަރުންނަކީ، ވަޒީފާގެ ޒިންމާ އަދާ ކުރެވޭ ބައެއް ނޫންކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގައި ކަމެއް ނުވެގެން ޕީއެންސީއަށް މެޖޯރިޓީ ނުލިބިގެން ނޫންކަމަށް ވަނީ ވިދާޅުވެފައެވެ. 

އާޒިމްގެ ވާހަކަތަކަށް ރައްދު ދެއްވައި "އެމްއެމްޓީވީ"ގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ކުރިން މާލޭގެ ޑެޕިއުޓީ މޭޔަރުކަމުގެ މަގާމުވެސް ފުރުއްވާފައިވާ ނަރީޝް ވިދާޅުވީ ޕީއެންސީގައި ތިއްބެވީ މަސައްކަތް ކުރަން ދަންނަ، ޒިންމާ އަދާކުރަން ދަންނަ ކައުންސިލަރުން ކަމަށެވެ. ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއެކު ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިރުޝާދުފުޅާއި ލަފާފުޅުގެ ދަށުން ރައްޔިތުންނަށް ފައިދާ ވާނެ ގޮތަށް މާލޭ ސިޓީ ކައުންސިލުގެ ހުރިހާ މަސައްކަތްތަކެއް ކުރަމުން އަންނަނީ ޕީއެންސީ ކައުންސިލަރުންކަމަށް ނަރީޝް ވިދާޅުވިއެވެ.

މި މަސައްކަތްތަކުގެ ކްރެޑިޓް ނެގުމަށް މޭޔަރު އާޒިމް މަސައްކަތްކުރައްވަމުން ގެންދަވާއިރު ވެސް އެކަމަށް ޕީއެންސީގެ ކައުންސިލަރުން މި ވީހާތަނަށް އެއްވެސް އެއްޗެއް ބުނެފައިނުވާކަމަށެވެ. މިއަދާ ހަމައަށް މޭޔަރަށް ދޭންވާ އިހުތިރާމާއި އެއްބާރުލުން ދެމުން އަންނަނިކޮށް ރާއްޖޭގެ ރައްޔިތުން އަޑު އަހަމުން ދިޔަ ޖަލްސާއެއްގެ ޕޯޑިއަމްގައި އެހާ ހަޑިހުތުރު ބީދައިން ވާހަކަ ދެއްކުމަކީ ބަލައިގަންނާނެކަމެއް ނޫންކަމަށް އާޒިމް ވިދާޅުވިއެވެ. 

""އެ ކައުންސިލަރުންގެ އަހަރީ ޗުއްޓީ ނުނަގައި ރެއެއް ދުވާލެއް ނުބަލައި ކުރި މަސައްކަތަކީ ނުކުރާ މަސައްކަތެއްގެ ގޮތުގައި މޭޔަރު އެ ހެއްދެވީ. ގޮތެއް ފޮތެއް ނެތް ބަޔަކަށް ޕީއެންސީގެ ކައުންސިލަރުން ލޭބަލްކުރީ. މޭޔަރަށް ނޭނގެނީތޯ ކިހާ ބައެއްގެ ސަޕޯޓު އެ ކައުންސިލަރުންނަށް އޮތް ކަން. މާލޭ ރައްޔިތުންގެ ކިބައިން ވެސް އަދި ކައުންސިލަރުންގެ ކިބައިންވެސް ކުރިއަށް އޮތް ކައުންސިލް ބައްދަލުވުމުގައި މޭޔަރު އާޒިމް މައާފަށް އެދެންޖެހޭނެ". " - އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، އަޙްމަދު ނަރީޝް 

ކުރިއަށް އޮތް ލޯކަލް އިންތިހާބަށް ތައްޔާރުވަމުންދާއިރު އާޒިމް އަމަލުކުރަމުުންދާ ގޮތާމެދު މާލޭގެ ރައްޔިތުން ވިސްނަންޖެހޭނެކަމަށް ނަރީޝް ވިދާޅުވިއެވެ. 

ނަރީޝް މިފަދައިން ވިދާޅުވިއިރު މާލޭގެ މިހާރުގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު އަރީޝް ވެސް ވަނީ ޕީއެންސީގެ ކައުންސިލަރުންނަށް ސިޓީ ކައުންސިލުގެ ތެރެއިން މޭޔަރު ހުރަސްއަޅުއްވަމުން ގެންދަވާކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ރައްޔިތުންނަށް ފައިދާ ވާނެ ގޮތަށް މާލޭ ސިޓީ ކައުންސިލުގެ ހުރިހާ މަސައްކަތްތަކެއް ކުރަމުން އަންނަނީ ކޮންގްރެސް ޕާޓީގެ ކައުންސިލަރުން ކަމަށާއި އެހެންނަމަވެސް ފެނިގެންދަނީ ޕީއެންސީ މެޖޯރިޓީން ކުރާ މަސައްކަތްތަކުގެ ކްރެޑިޓް މޭޔަރު އާޒިމް ނަގަމުންދާތަންކަމަށް އަރީޝް ވަނީ ވިދާޅުވެފައެވެ. 

މި ކަންބޮޑުވުންތަކާއެކު މާލޭގެ ކުރިމަގަށް ވިސްނައި ކުރިއަށް އޮތް އިންތިހާބުގައި ރައްޔިތުންް ވޯޓު ދެއްވާއިރު ރަނގަޅަށް ވިސްނެވުމަށް ދެބޭފުުޅުން ވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު