ENGLISH

24 ޖެނުއަރީ 2026

Advertisement

ރެކޯޑު ނުބަލަހައްޓާތީ، މާލޭގައި އުޅޭކަމުގެ ލިޔުން ނުދޭން މަޑަވެލި ކައުންސިލުން ނިންމައިފި

24 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

މަޑަވެލި ކައުންސިލް އިދާރާ// ފޮޓޯ؛މިހާރު

ރަސްމީ ރެކޯޑު ނުބަލަހައްޓާތީކަމަށްބުނެ، މާލޭގައި ދިރިއުޅޭކަމުގެ ލިޔުން ނުދޭން މަޑަވެލި ކައުންސިލުން ނިންމައިފިއެވެ.

"ބޯހިޔާވަހިކަން އެންމެންނަށް" ސްކީމްގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމަށް މާލޭގައި 15 އަހަރު މެދުނުކެނޑި އުޅުނުކަމަށްބުނެ ބައެއް ފަރާތްތަކުން އަންނަނީ ކައުންސިލްތަކުން ލިޔުން ހޯދަމުންނެވެ.

ބިމާއި ފްލެޓަށް އެދި ހުށަހަޅާ ފަރާތްތަކުން މާލޭގައި ދިރިއުޅުނު މުއްދަތު ސާބިތުކޮށްދިނުމަށް ހުށަހެޅިދާނެ ލިޔެކިޔުންތަކުގެ ތެރޭގައި، ދައުލަތުގެ އިދާރާއަކުން ރަސްމީކޮށް ބަލަހައްޓާ ލިޔެކިޔުންތަކާއި މަޢުލޫމާތުތަކުން މާލޭގައި ދިރިއުޅުނުކަން ސާބިތުވާނަމަ، އެއިދާރާއަކުން ދީފައިވާ ލިޔުން ހިމެނެއެވެ.

އެހެންނަމަވެސް، އިދާރާއަކުން ދޫކުރާ ލިޔުން ބަލައިގަނެވޭނީ އެ އިދާރާއަކުން ރަސްމީކޮށް ބަލަހައްޓާ މަޢުލޫމާތުން، މާލޭގައި އުޅެފައިވާ މުއްދަތު ސާބިތުވާނަމައެވެ. ރަށު ކައުންސިލަކުން ނުވަތަ ސިޓީ ކައުންސިލަކުން މާލޭގައި ދިރިއުޅެފައިވާ މުއްދަތު ބަޔާންކޮށް ދޫކުރާ ލިޔުމަކީ އެ ކައުންސިލެއްގައި ބަލަހައްޓާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ސާބިތުކޮށް ނުދެވޭ ލިޔުމަކަށްވާނަމަ، އެލިޔުމަކީ ބަލައިގަނެވޭނެ ލިޔުމެއް ނޫންކަމަށް ހައުސިން މިނިސްޓްރީން ޢާއްމުކޮށްފައިވާ މަޢުލޫމާތުގައި ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން އެފަދަ އެއްވެސް މަޢުލޫމާތެއް މިހާތަނަށް މަޑަވެލި ކައުންސިލުން ރަސްމީކޮށް ބަލަހައްޓާފައި ނުވާތީ އެއްވެސް މީހަކަށް އެފަދަ ލިޔެކިޔުމެއް ދޫކުރެވެން ނެތް ކަމަށް މަޑަވެލި ކައުންސިލުން ޢާންމުކުރި އިޢުލާންގައި ވަނީ ބުނެފައެވެ.

"ބޯހިޔާވަހިކަން އެންމެންނަށް" މި ސްކީމަށް މާލޭގައި 15 އަހަރު އުޅުނު ކަމަށް ބުނާ ލިޔުން ހުށަހެޅުމުގައި ސަރުކާރުން ލުއިތަކެއް ވަނީ ދެއްވާފައެވެ. އެގޮތުން ވަަޒީފާއެއްގައި އުޅުނު ކަމުގެ ލިޔުން ނުވަތަ އާއިލާއެއް ބިނާކުރި ކަމުގެ ރަސްމީ ލިޔެކިޔުމެއް ނެތް ނަމަ، އެ ގެއެއްގެ ވެރިފަރާތެއްގެ ލިޔުން ހުށަހެޅިދާނެކަމަށް ވުޒާރާއިން ބުނެއެވެ. ނަމަވެސް ހުށަހަޅާ ލިޔެކިޔުމަކީ ސައްހަ ރަސްމީ ލިޔެކިޔުމަށް ވާންޖެހޭނެކަމަށްވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު