ENGLISH
24 ޖެނުއަރީ 2026
ރާއްޖޭގެ ފުޓްސަލް ޓީމުން މުޅި ގައުމު ފަހުރުވެރިކޮށްދީފި: ނައިބު ރައީސް
24 ޖެނުއަރީ 2026
|
މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރާއްޖޭގެ ފުޓްސަލް ޓީމު.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ގައުމީ ފުޓްސަލް ޓީމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަޠީފު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭން ކަށަވަރުކުރީ މިއަދު މެންދުރު ފަހު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުން ފަހަތުންއަރައި 3-1 އިން މޮޅުވެގެންނެވެ.
ގައުމީ ފުޓްސަލް ޓީމު ޗެމްޕިއަންކަން ހޯދުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަޠީފު ވަނީ، ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތް ކާމިޔާބުކުރުމާ ގުޅިގެން ރާއްޖޭގެ ފިރިހެން ފުޓްސަލް ޓީމަށް މަރުހަބާ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ރާއްޖޭގެ ފިރިހެން ފުޓްސަލް ޓީމުން ހާސިލްކުރި ތާރީޚީ މޮޅާއެކު މުޅި ޤައުމު ފަޚުރުވެރިކޮށްދީފައިވާ ކަމަށެވެ.
"މިއީ ބޮޑެތި ކާމިޔާބީތަކަށް ވާސިލްވުމަށް ޒުވާން އެތުލީޓުންނަށް ލިބިގެންދާނެ ބޮޑު ހިތްވަރަކަށް ވާނެ،" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
މިއަދުގެ ތާރީޚީ މެޗުގައި ކުރީން ލީޑުނެގީ ބޫޓާނުންނެވެ. ރާއްޖޭން މެޗު ކާމިޔާބުކުރީ ފަހަތުންއަރައި ޖެހި ގޯލުތަކުގެ އެހީގައެވެ. މެޗުގައި ރާއްޖޭގެ ލަނޑުތައް ޖަހައިދިނީ ޢަބްދުﷲ ޖުނައިދު އާއި އަހުމަދު ހަމީދު އަދި މުޙައްމަދު އިމްރާން އެވެ.
ފިރިހެން ފުޓްސަލް ޓީމުން ޗެމްޕިއަންކަން ކަށަވަރުކުރިއިރު، އަންހެން ފުޓްސަލް ޓީމު ވެސް ވަނީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކޮށް ހިތްވަރުގަދަ ކުޅުމެއް ދައްކައިފަ އެވެ. މިއީ ރާއްޖޭގެ ގައުމީ އަންހެން ފުޓްސަލް ޓީމުން ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކުރި ފުރަތަމަ ފަހަރެވެ.