ENGLISH

24 ޖެނުއަރީ 2026

Advertisement

ވަތަނީ ހިދުމަތުގެ ދެވަނަ ބުރު: ތަމްރީނުގެ ހުރިހާ ބައިވެރިންނަށް ރައީސް ކާމިޔާބަށް އެދިވަޑައިގެންފި

24 ޖެނުއަރީ 2026

|

އަޙުމަދު ޙަމީދު

ވަތަނީ ހިދުމަތުގެ ދެވަނަ ބުރުގެ ބައިވެރީން ފުރުން

މިޤައުމުގެ މުސްތަޤްބަލު ކަމުގައިވާ ދިވެހި ޒުވާނުންނަށް ފަހި ކުރިމަގެއް ކޮށައިދިނުމުގެ މަތިވެރި މަޤްޞަދުގައި ސަރުކާރުން ފެށި ދިވެހި ވަޠަނީ ޚިދުމަތުގެ ދެވަނަ ބުރުގެ ބައިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބަށް އެދިވަޑައިގެން ހެޔޮ އެދުންތައް ފޮނުއްވައިފި އެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ދެވަނަ ބުރުގެ ބައިވެރިން މިއަދު ވަނީ ޅ.މާފިލާފުށްޓަށް ފުރައިފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ 350 ޒުވާނުންނާއެކު ތިން މަސްދުވަހަށް ކުރިއަށް ގެންދާ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ ގެ ދެވަނަ ބުރުގެ ފެށުން ބައިނަލްއަޤްވާމީ ތަޢުލީމާބެހޭ ދުވަހު (އިންޓަރނޭޝަނަލް ޑޭ އޮފް އެޑިއުކޭޝަން) ގައި ފެށިގެން ދިއުމަކީވެސް ޚާއްޞަ އުފަލެއް ކަމުގައި ވިދާޅުވެފަ އެވެ.

“މިއީ، ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތާއި، ލީޑަރޝިޕާއި، ފަސްޓްއެއިޑާއި، ފަޔަރފައިޓިންގ އާއި، ހަށިހެޔޮކަމާއި، ފެތުމާއި މޫދަށް އަހުލުވެރި ކުރުވުމާއި، ފީލްޑް އެކްޓިވިޓީތަކުގެ އިތުރުން ޝައުޤުވެރި އަދި ބޭނުންތެރި ތަފާތު އެހެނިހެން އެތައް ޙަރަކާތްތަކެއް އެކުލެވޭގޮތަށް ކުރިއަށް ގެންދާ ތަމްރީނެއް،” ރައީސްގެ ޕޯސްޓްގައި ވެ އެވެ.

ރައީސް ވަނީ ތަމްރީނުގެ މުއްދަތުގައި، މި ޒުވާނުންގެ ހިތްތަކުގައި ދީނުގެ ރުކުންތަކަށާއި އިސްލާމީ ޝިޢާރުތަކަށް ލޯބި އިތުރުކޮށް، މި ޒުވާނުންނަކީ ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވާ އާލާކުރުމަށް ޝައުޤުވެރިވާ، އަޚުލާޤާއި ސުލޫކު ރަގަޅު، ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ބަޔަކަށް ހެދުމަށް ވަރަށް ބޮޑު އިސްކަމެއް ދެވޭނެ ކަން ފާހަގަ ކުރައްވާފަ އެވެ. އަދި، ރޫހާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ އަދި ހަށިހެޔޮ ބަޔަކަށް މި ޒުވާނުން ވެގެންދާނެ ކަމުގައި ވިދާޅުވި އެވެ.

ރައީސް ވަނީ ތަމްރީނުގެ ހުރިހާ ބައިވެރިންނަށްވެސް ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ.

ދިފާއީ ވުޒާރާއިން ބުނީ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގެ ދެވަނަ ބުރުގައި 112 ރަށަކުން 286 ފިރިހެން، އަދި 64 އަންހެން، ދަރިވަރުން ހިމެނޭހެން ޖުމްލަ 350 ދަރިވަރުން ބައިވެރިވާކަމަށެވެ.

ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނުތައް ފުރިހަމަކުރާނީ މާފިލަފުށީގައި ހުންނަ އެމް.އެން.ޑީ.އެފް ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައެވެ. ވުޒާރާއިން ބުނީ ބައިވެރިން އެ ރަށުގައި ތިން މަސް ދުވަހުގެ ތަމްރީނުތައް ފުރިހަމަ ކުރާނެ ކަމަށެވެ.

ވަތަނީ ހިދުމަތުގެ ޕްރޮގްރާމަކީ ދިވެހި ގައުމިއްޔަތަށް ލޯބި ކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް މަސައްކަތަށް އަހުލުވެރި އަޚްލާޤް ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާ ކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސް ނަންގަވައިގެން ރާއްޖޭގައި މުޅިން އަލަށް ފަށަން ނިންމި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގެ އަސާސީ ތަމްރީނުތައް މިހާރު ވަނީ ނިންމާލާފައެވެ. އެގޮތުން ވަތަނީ ހިދުމަތުގެ ފުރަތަމަ ޕްރޮގްރާމުގެ އިބްތިދާއީ ތަމްރީނުތައް ފެށީ ސެޕްޓެންބަރު 27، 2025 ވަނަަ ދުވަހުއެވެ. އެ ތަމްރީނުތައް ނިންމައިލީ 28 ޑިސެންބަރު 2025 ވަނަ ދުވަހުއެވެ. އެ ތަމްރީނުގައި 108 ރަށަކުން 350 ޒުވާނުން ބަައިވެރިވިއެވެ. އެއީ  64 އަންހެން ދަރިވަރުންނާއި 286 ފިރިހެން ދަރިވަރުންނެވެ. އެއިން 344 ދަރިވަރުންވަނީ ތަމްރީނު ފުރިހަމަކޮށް ދަސްވެނިވެފައެވެ.

އެ ތަމްރީނު ފުރިހަމަކޮށް ދަސްވެނިވި ދަރިވަރުންގެ ތެރެއިން 66 ދަރިވަރަކުވަނީ އެ ޕްރޮގުރާމުގެ ފަންނީ ތަމްރީނުގައި ބައިވެރިވާން ނިންމާފައެވެ. އެއީ 38 ރަށަކަަށް ނިސްބަތްވާ 15 އަހަރާއި 19 އަހަރާ ދެމެދުގެ ޒުވާނުންނެވެ. 

ކިޔުންތެރިންގެ ހިޔާލު