ENGLISH
19 ޖެނުއަރީ 2026
މާލެއަށް ބޭނުންވަނީ ރައީސާ އެއް ދުވެލީގައި މަސައްކަތްކުރާނެ ވެރިއެއް: ނައިބުރައީސް
19 ޖެނުއަރީ 2026
|
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު
މާލޭ ސިޓީގެ މޭޔަރުކަމަށް ބޭނުންވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދުވެލީގައި އެ ހަލުއިމިނުގައި މަސައްކަތްކުރައްވާނެ ބޭފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް ޕާޓީގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެ ޖަގަހަ ހުޅުވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ނައިބުރައީސް ވިދާޅުވީ މާލެ ސިޓީއަށް ކުރިމަތިވެފައި ހުރި ގިނަގުނަ މައްސަލަތައް ހައްލުކުރެވޭނެ ފަދަ ބޭފުޅުން އެ ސިޓީގެ ވެރިންނަށް އިންތިހާބުކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.
ރައީސް ޑރ.މުޢިއްޒަކީ މާލެ ސިޓީގެ މޭޔަރުކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ އިހުތިރާމާއި ލޯތްބާއި ތާއީދު ލިބިވަޑައިގެންފައިވާ ބޭފުޅެއްކަަން ފާހަގަކުރައްވަމުން ނައިބުރައީސް ވިދާޅުވީ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރުން ފެށިގެން މާލެ ސިޓީއާމެދު ހާއްސަ ތަސައްވުރެެއް ރައީސް ގެންގުޅުއްވާކަމަށާއި، އެމަނިކުފާނުގެ ރިޔާސީ މެނިފެެސްޓޯގައިވެސް އެ ތަސައްވުރާ ގުޅޭ ސިޔާސަތުތައް ހިމެނުއްވި ކަމަށެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް އިންތިހާބުކުރަންޖެހެނީ ގައުމު ދެކެ ލޯބިވާ ރައީސާ އެއް ސްޕީޑެއްގައި ހަލުއިކޮށް މަސައްކަތްކުރައްވާ ބޭފުޅެއްކަން ފާހަގަކުރައްވަމުން ނައިބުރައީސް ވިދާޅުވީ ކޮންގުރެސް ޕާޓީގެ ކެންޑިޑޭޓު މޫސާ އަލީ ޖަލީލަކީ އެފަދަ ހިންގުންތެރި ދުވެލި ހަލުއި ވަތަނީ ބޭފުޅެއް ކަމށެވެ.
ކައުންސިލުތަކުގެ ދައުރަކީ ސަރުކާރު ޖަވާބުދާރީކުރުވުން ނޫންކަމަށާއި، ސަރުކާރު ޖަވާބުދާރީކުރުވުމަށް ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރައްޔިތުން އިންތިހާބުކޮށްފައިވާކަމަށް ނައިބުރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ކައުންސިލުތަކަަށް ބޭނުންވަނީ ސަރުކާރާ ގުޅިގެން ރައްޔިތުންނަަށް ހިދުމަތްކުރާނެ ހިންގުންތެރިންނެވެ.
"އެކަންކަމަށް ކަނޑައަޅުއްވާފައިވާ ފަރާތްތައް އެތިއްބެވީ އެބޭފުޅުންގެ މަންދޫބުންގެ ގޮތުގައި އިޚްތިޔާރު ކުރައްވާފައި. އެހެންކަމުން ސަރުކާރު ޖަވާބުދާރީ ކުރުވާނީ އެދާއިރާތަކުގެ މެންބަރުން، އެ މުޢައްސަސާތަކުން. ކައުންސިލްތަކާއި ސިޓީކައުންސިލްތަކާއި، އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ފަދައިން ބޭނުންފުޅު ވަނީ ސަރުކާރާއި ގުޅިގެން ރައްޔިތުންނަށް ކަންކަން މަގުފަހިކޮށްދޭނެ ވެރިންތަކެއް.،" ނައިބުރައީސް ވިދާޅުވިއެވެ.
އިތުރަށް އެމަނިކުފާނު ފާހަގަކުރެއްވީ މާލޭ ސިޓީގެ ތޮއްޖެހުން ބޮޑުވެ ކާރޫބާރޫ ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެކަމުގައި އެންމެ ބޮޑު އެހީތެރިކަން ފޯރުކޮށްދެވޭނެ ފަރާތަކީ މާލެ ސިޓީ ކައުންސިލުގެ މޭޔަރު ކަމުގައިވީ ނަމަވެސް، ފާއިތުވި ދެ އަހަރު ސަރުކާރަށް މާލޭގެ މޭޔަރުގެ ފަރާތްޕުޅުން އެހީތެރިކަން ލިބިފައިނުވާ ކަމެވެ.
އެއާއެކު، ނައިބުރައީސް އެދިވަޑައިގަތީ މާލެއަށް ކުރިމަތިވެފައި ހުރި ގިނަގުނަ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި އެއްބާރުލުންދީ އެހީތެރިވެދެއްވާނެ މޭޔަރަކު މާލޭ ރައްޔިތުން އިންތިހާބުކޮށްދިނުމަށެވެ.