ENGLISH
19 ޖެނުއަރީ 2026
ރައްޔިތުންގެ ހިދުމަތުގައި 24 ގަޑިއިރު ދެމިހުރެ، މާލެ ސިޓީއަށް މާ އުފާވެރި އާ ޒަމާނެއް ހޯދައިދޭނަން: ޖަލީލު
19 ޖެނުއަރީ 2026
|
މާލެ ސިޓީގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ މޫސާ އަލީ ޖަލީލު، ފޮޓޯ: ޕީއެންސީ
މާލެ ސިޓީގެ މޭޔަރުކަމަަށް އިންތިހާބުވެވަޑައިގެންފިނަމަ ރައްޔިތުންގެ ހިދުމަތުގައި 24 ގަޑިއިރު ދެމިހުންނަވައި، އެ ސިޓީއަށް މާ އުފާވެރި، ތިޔާގި އާ ޒަމާނެއް ގެނެސްދެއްވާނެ ކަމުގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަަލް ކޮންގުރެސް ޕާޓީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލު ވިދާޅުވެއްޖެއެވެ.
އޭނާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖަލީލު ވިދާޅުވީ މާލޭ ސިޓީގެ ރައްޔިތުންނާއެކު ރައީސް ޑރ.މުޙައްމަދު މުޢިއްޒު ކުރިއަށްގެންދެވި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވިއިރު، އެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކާއި ޝަކުވާތައް އަޑުއެއްސެވުމަށްފަހު، ގައުމީ ހިދުމަތުގައި ސާބިތުކަންމަތީ ދެމިހުންނެވުމަށްފަހު ރިޓަޔާކުރައްވާފައިވާ ބޭފުޅެއްގެ ހައިސިއްޔަތުން ފަހަތަށް ޖެހިވަޑައިގެން ފިއްލެވުމަކީ ރަނގަޅު ގޮތްތޯ އަމިއްލަ ނަފުސާ ސުވާލުކުރެއްވުނު ކަމަށެވެ.
"ގައުމީ ހިދުމަތުގައި ރެއާ ދުވާލު ވަރަށް ބުރަކޮށް މަސައްކަތްކުރި، ވަރަށް ހިތްވަރާ އެކު އެތައް ގުރުބާނީއެއްވި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ހިތާހިތާ ކުރެވުނު އެއް ސުވާލަކީ ރައްޔިތުންނަށް ހިދުމަތްކުރަމުންދާ ރިޓަޔާވެފައި ހުރި މީހަކު މިހާރު ވީ ގެއަށް ވަދެ ފިލަންހޭ،"
އަޅުގަނޑުމެންގެ ހަށިގަނޑުގައި އަދިވެސް ހިތްވަރާއި ފަންވަރު އެބަހުރި. އަދި ހިދުމަތުގެ ތަޖުރިބާ ހުރި، އަޅުގަނޑު ކަހަލަ ހީވާގި ލީޑަރެއްގެ ފަހަތުގައި މަސައްކަތްކޮށްލަން އަތުކުރި އޮޅާލަންވީ ވަގުތު މި އައީ ރައީސް މުއިއްޒުގެ އަރިހުގައި މަސައްކަތްކުރަން އަޅުގަނޑުމެން ނުކުމެެގެން،" އޭނާގެ ތަޖުރިބާގެ އަލީގައި ރައްޔިތުންނަށް ހިދުމަތްކުރައްވަން ނުކުމެވަޑައިގަތީ އެކަމުގެ ފަންވަރާއި ގާބިލުކަން ހުރުމުންކަން ފާހަގަކުރައްވަމުން ޖަލީލު ވިދާޅުވިއެވެ.
އިތުރަށް ޖަލީލު ފާހަގަކުރެއްވީ އޭނާގެ ކެރިއާގައި ހަވާލުކުރެވުނު ކޮންމެ މަސްއޫލިއްޔަތެއްވެސް ވަރަށް ފުރިހަމައަށް އަދާކުރެއްވި ކަމެވެ. ސިފައިންގެ ހިދުމަތުގެ އެންމެ ދަށުން ފެށިގެން ޗީފް އޮފް ޑިފެންސްގެ މަގާމާ ހަމައަށް ވަޑައިގަތީ އެގޮތުގައި ކަމަށާއި، ފަހުން ޑިފެންސް މިނިސްޓަރު ކަމުގައިވެސް މަސައްކަަތްކުރެއްވީ އެގޮތުގެ މަތިންކަމަށް ޖަަލީލު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މޭޔަރުކަމަށް ވާދަކުރައްވަަނީވެސް އެ ރޫހާއި ވިސްނުންފުޅުގައެވެ. ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ހިދުމަތްކުރެއްވުމުގެ މަތިވެރި އަޒުމުގައެވެ.
"ތިޔަ ލޮބުވެތި ރައްޔިތުންގެ ހިދުމަތުގައި އަޅުގަނޑު ހުންނާނީ 24 ގަޑިއިރު ތައްޔާރަށް. ގައުމީ ހިދުމަތް، ރޭދުވާ ހޭދަކޮށްގެން ދޭނީ ރައްޔިތުންގެ މުހުތާދުތައް ފުއްދައިދިނުމާއި މާލޭ ސިޓީއަށް މާ ޗާލު، މާ އުފާވެރި، މާ ހިތްގައިމު، އާ ޒަމާނެއް ހޯދައިދިނުމަށް،" މާލޭ ސިޓީގެ މޭޔަރުގެ ހައިސިއްޔަތުން މަސައްކަތްކުރައްވާނެ ގޮތުގެ ތަފުސީލު ހާމަކުރައްވަމުން ޖަލީލު ވިދާޅުވިއެވެ.
ޖަލީލަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު ތިންވަނަ ދުވަހުގެ އުދުވާނީ ހަމަލާއިން ރާއްޖެ ދިފާއުކުރެއްވުމުގައި ތާރީހީ ދައުރެއް އަދާކުރެއްވި ބަތަަލެކެވެ. އޭގެ ފަހުން ސިފައިންގެ މަތީ ފަންތީގެ އެކި މަގާމުތަކުގައި ގައުމަށް ހިދުމަތްކުރައްވައި ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުންވެސް އަގުހުރި ގިނަގުނަ ހިދުމަތްތަކެއް ރާއްޖެއަށް ކޮށްދެއްވި ބޭފުޅެކެވެ.