ENGLISH

14 ޖެނުއަރީ 2026

Advertisement

ޑިސެމްބަރު މަހު ޑެންގީ އާއި އިންފްލުއެންޒާގެ ކޭސްތައް ގިނަވެއްޖެ

14 ޖެނުއަރީ 2026

|

ޢަލީ ޝަހީމް

މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު ޑިސެމްބަރު މަހު ޑެންގޫ އާއި އިންފްލުއެންޒާގެ ކޭސްތައް ގިނަވެފައިވާކަން ޞިއްޙީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

އެ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުގައި ވާގޮތުން، ޑިސެމްބަރު މަހު ވަނީ 413 މީހަކު ޑެންގޫއަށް ޕޮޒިޓިވްވެފައެވެ. ނޮވެމްބަރު މަހު ޑެންގޫ ޖެހުނު މީހުންގެ އަދަދަކީ 382 އެވެ. 

ނޭވާލާ ނިޒާމުގެ ތެރެއިން ފެތުރޭ އިންފްލުއެންޒާއަށް ނޮވެމްބަރު މަހު ޕޮޒިޓިވްވީ 152 މީހުންނެވެ. ނޮވެމްބަރު މަހު އެ އަދަދު ހުރީ 121 ގަ އެވެ. އިންފްލުއެންޒާ ވައިރަސް ޖެހިއްޖެ ނަމަ ރޯގާޖެހި، ހުން އައިސް، ކެއްސުމާއި ކަރުގައި ރިއްސުންފަދަ އަލާމާތްތައް އިންސާނާގެ ހަށިގަނޑުން ފެނެ އެވެ.

ތަފާސްހިސާބުގައި ވާގޮތުން، މިދިޔަ އަހަރު އިންފްލުއެންޒާއަށް 4407 މީހަކު ވަނީ ޓެސްޓުކޮށްފައެވެ. އަދި، ޖުމްލަ 1270 މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. 

އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްވި އަދަދާއި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްވި އަދަދު ޑިސެމްބަރު މަހު ވަނީ މަދުވެފައެވެ. އެގޮތުން އަރިދަފުސް ރޯގާ ޖެހިގެން ޑިސެމްބަރު މަހު 28،619 ކޭސް ރިޕޯޓްވީއިރު ނޮވެމްބަރު މަހު ރިޕޯޓްވީ 32،859 ކޭސް އެވެ. 

ބޭރަށް ހިންގުމާއި ހޮޑުލުމާއި ގުޅޭ 4102 ކޭސް ނޮވެމްބަރު މަހު ރިޕޯޓްވިއިރު، ޑިސެމްބަރު މަހު އެ އަދަދު ހުރީ 2931 ގަ އެވެ. 

ޗުއްޓީ ތެރޭގައި އަރިދަފުސް ރޯގާއާއި އިންފްލުއެންޒާގެ އިތުރުން އެހެނިހެން ރޯގާތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ. 

އެޗްޕީއޭއިން އަޅަން އެދިފައިވާ މުހިއްމު ފިޔަވަޅުތައް!

  • ސައިބޯނި ލައިގެން ގިނަގިނައިން ރަނގަޅަށް އަތް ދޮވުން. 
  • ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުން، ނިކުންނަން ޖެހިއްޖެ ޙާލަތެއްގައި މާސްކު އެޅުން. 
  • ބަލި ޖެހުމުން، ނުރައްކާވުމުގެ ފުރުޞަތު ބޮޑު މީހުން ބޭރުގައި އުޅޭއިރު އަދި ގިނަ މީހުންގެ ތެރެއަށް ނުކުންނައިރު މާސްކު އަޅައިގެން އުޅުން. 
  • ރޯގާޖެހި ދިގުލާނަމަ އަދި ބަލީގެ ޙާލަތު ގޯސްވެދާނެ ފަރާތްތަކުން ވީހާވެސް އަވަހަށް ޞިއްޙީ އެހީތެރިއެއްގެ ލަފާ ހޯދުން. 
  • އަރިދަފުސް ރޯގާގެ އަލާމާތެއް ހުރިނަމަ ނޭފަތާއި އަނގަ ނިވާވާނެހެން ރަނގަޅަށް މާސްކު އެޅުން. 
  • ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ ކުޑަކުދިންނާއި ބަލި މީހުން ގާތަށް ޒިޔާރަތް ނުކުރުން. 
ކިޔުންތެރިންގެ ހިޔާލު