ENGLISH
14 ޖެނުއަރީ 2026
ފުވައްމުލަކާމެދު މަސީހުގެ ތަސައްވުރު؛ ފަތުރުވެރިކަން އައު ހަރުފަތަަކަށް ގެންގޮސް، ތައުލީމުގެ ހަބަކަށް ހެދުން
14 ޖެނުއަރީ 2026
|
ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ފުވައްމުލައް ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އަލީ މަސީހު
ފުވައްމުލައް ސިޓީއަކީ ރާއްޖޭގައި އެއްފަސްކޮށް އޮންނަ ހަމައެކަނި ގުދުރަތީ އަތޮޅެވެ. ސިޓީއެއްގެ ދަރަޖަ ލިބިފައިވާ މި ރަށަކީ ތަރައްގީގެ އައު ހަރުފަތްތައް ގިރާކުރަމުންދާ، ގެސްޓުހައުސް ފަތުރުވެރިކަމުގައި ރާއްޖޭގެ އެހެން ރަށްރަށާ މުޅިން ތަފާތު މާކެޓަކަށް ހާއްސަވެ، އެ މާކެޓުގައި ބޮޑެތި ކާމިޔާބުތައްް ހޯދަމުން އަންނަަ ސިޓީއެކެވެ. ނިސްބަތުން ތައުލީމީ މީހުން ގިނަ ފުވައްމުލަކަކީ އިހުއްސުރެ ދެކުނުގައި ކީރިތި ގުރުއާނާއި ދީނުގެ ތައުލީމުގެ މަރުކަޒެއްގެ ގޮތުގައި އޮތް ރަށެކެވެެ. ފަތުރުވެެރިކަމުގެ ދާއިރާގެ އެކި ފަންނުތަކުގެ ތަޖުރިބާކާރުންނާއި މާހިރުން ގިނަ ރަށެކެވެ. ޒަމާނީ އިލްމުތައް ހާސިލުކޮށްގެން، އިންފޮމޭޝަން ޓެކްނޮލޮޖީ ފަދަ ދާއިރާތަކުގައި ރާއްޖޭގެ އެންމެ މަތީ ފަންތީގައި ގުނައިލެވޭ ޒުވާނުން އެ ސިޓީއަކަށް ނިސްބަތްވާ ސިޓީއެވެ.
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް ޕާޓީގެ ފަރާތުން ފުވައްމުލައް ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާ އަލީ މަސީހު އެ މަގާމަށް ވާދަކުރައްވަނީ އެ ސިޓީގެ ތަބީއީ ހަގީގަތްތަކާއި، އާބާދީގެ ގޮތުން އެ ރަށަށް ހާއްސަ ސިފަތައް ރަނގަޅަށް އެނގިވަޑައިގެން ހުންނަވައި، ތަޖުރިބާއާއި ތައުލީމުގެ އަލީގައި އެ ސިޓީގެ މުސްތަގުބަލާމެދު ގެންގުޅުއްވާ ހަރުދަނާ ތަސައްވުރަކާއެކުއެވެ. އެމްއެމްޓީވީގެ "ނިއުޅެމުންދާ ހަބަރު" ޕްރޮގުރާމުގައި މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން އޭނާވަނީ ފުވައްމުލަކާމެދު އޭނާ ކުރަހައިލައްވާ ތަސައްވުރު ނިއުޅައިދެއްވާފައެވެ. ހަމައެހެންމެ އެ ތަަސައްވުރުގައި ކުލަޖައްސަވަން ގެންގުޅުއްވާ ސިޔާސަތުތައް ތަފުސީލުކޮށްދެއްވާފައެވެ.
މަސީހު ވިދާޅުވި ގޮތުގައި އޭނާގެ ތަސައްވުރުގެ މައިގަނޑު އަމާޒަކީ ފުވައްމުލަކީ އިގުތިސާދީ ގޮތުން ބާރުވެރި ރައްޔިތަކު ދިރިއުޅޭ ރަށެއްކަމަށް ހެއްދެވުމެވެ. މަސީހު ދެކެވަޑައިގަންނަވާ ގޮތުގައި އެ އަމާޒު ހާސިލުކުރެއްވޭނީ ފުވައްމުލަކުގެ ފަތުރުވެރިކަން އައު ހަރުފަތަކަށް ގެންދަވައިގެންނެވެ.
ފުވައްމުލަކުގެ ފަތުރުވެރިކަން މިހާރު އޮތް ހަރުފަތުން އެހެން މަރުހަލާއަކަށް ގެންދެވުމަށް ދެ ވިސްނުންފުޅެއް މަސީހު ހުށަހަޅުއްވައެވެ. އެއްކަމަކީ އެ ސިޓީއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިހާރަށްވުރެ އިތުރުކޮށް ފަތުރުވެރިކަން ހަރުދަނާކުރުމެވެ.
މަސީހު ފާހަގަކުރެއްވި ގޮތުގައި މިހާރު ފުވައްމުލަކަށް އަންނަ ފަތުރުވެރިންގެ 90 އިންސައްތައެއްހައި ފަތުރުވެރިންނަކީ ޑައިވްކުރުމަށް އަންނަ ފަތުރުވެރިންނެވެ. ޑައިވިން މާކެޓުގެ އިތުރަށް އެހެން މާކެޓުތަކަށް ފުވައްމުލަކުގެ ފަތުރުވެރިކަން ފުޅާކުރެއްވުމަކީ ރަށުގެ އިގުތިސާދު ހަރުދަނާކުރުމަށާއި ފަތުރުވެރިކަން އައު އުސްމިންތަކަކަށް ގެންދިއުމަށް އޭނާ ހުށަހަޅުއްވާ ދެވަނަ ސިޔާސަތެވެ.
"އިތުރު މާކެޓުތަކުގެ މީހުން ފުވައްމުލަކަށް ޒިޔާރަތްކުރާނެ ގޮތަށް، ފަތުރުވެރިކަމުގެ ރަނގަޅު މާސްޓަރ ޕްލޭނެއް ހަދައިގެން ކުރިއަށްގެންދިއުން،" މަސީހު ވިދާޅުވިއެވެ.
ޒަމާނުއްސުރެ ތައުލީމީ އާބާދީއެއް އޮތް ރަށެއްގެ ގޮތުގައި މަޝްހޫރު ފުވައްމުލަކާމެދު މަސީހު ގެންގުޅުއްވާ ތަސައްވުރުގެ ދެވަނަ ބަޔަކީ ފުވައްމުލަކަކީ ރާއްޖޭގެ ތައުލީމާއި ތަމްރީނުގެ މަރުކަޒެއް ކަމަަށް ހެއްދެވުމެވެ. އެގޮތުން އެ ރަށުގައި ދަނާލެއް ތަރައްގީކުރައްވަައި، ތަމްރީނާއި ހުނަރުތައް ތަރައްގީކުރުމުގެ އެކި ކޯސްތައް އެ ރަށުގައި ހިންގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުން ދަރިވަރުން އެ ރަށަށް އައިސް އެ ކޯސްތަައް ފުރިމަކުރަން ފުރުސަތު ލިބޭ ގޮތަށް އެ ސިޓީގެ ތަރައްގީގެ އުންސުރުތައް އަތުރައިލެއްވުމަކީ އޭނާގެ އަމާޒެވެ.
"ރާއްޖޭގެ އެހެން ރަށްރަށުގައި ނޫނީ އެހެން ހިސާބުތަކުގައި ނުހިންގާ ކަހަލަ ކޯސްތައް އަދި ވޮކޭޝަނަލް ޓްރެއިނިން ޕްރޮގުރާމުތައް ފުވައްމުލަކަށް ގެނެސްގެން ފުވައްމުލަކަށް އެކުދިން އައިސް ފުވައްމުލަކުގައި ތިބެގެން ކިޔަވާ ގޮތަށް ހެދުމަކީ އަމާޒެއް،" މަސީހު ވިދާޅުވިއެވެ.
މަސީހު ދެކެވަޑައިގަންނަަވާ ގޮތުގައި ފުވައްމުލަކަށްވެސް ކުރިމަަތިވެފައި އެޮތް އެންމެ ބޮޑު އެއް މައްސަލައަކީ ރާއްޖޭގެ ގިނަ ރަށްތަކާއި ސިޓީތަކަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުން ކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލައެވެ. ފުވައްމުލަކުން އެކަށީގެންވާ ބޯހިޔާވަހިކަމެއް ނުލިބުމަކީ ސިޓީ ދޫކޮށް އެހެން ތަންތަނަށް ގިނަ އަދަދެއްގެ ބަޔަކު ހިޖުރަކުރާ ސަބަބެކެވެ.
މަސީހު ބޭނުންފުޅުވަނީ ފުވައްމަލަކުގެ ރަށްވެހިންނަށް އެ ރަށުން ގެދޮރުވެރިކަމުގެ ފުރުސަތުތައް ފަހިކޮށްދެއްވާށެވެ. އޭގެ އިތުރަށް އިގުތިސާދީ ކުރިއެރުން ހާސިލުކުރުމަށް އެކަށީގެންވާ އާބާދީއެއް އޮތުމުގެ މުހިއްމުކަން ވިސްނިވަޑައިގަންނަވާތީ މަސީހު ބޭނުންފުޅުވަނީ އެ ސިޓީއަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ލިބޭނެ ގޮތަށް އެ ސިޓީން ބޯހިޔާވަހިކަމުގެ ފުރުސަތުތައް ފަހިކޮށްދެއްވާށެވެ.
"ފުވައްމުލަކު ސިޓީގެ ރައްޔިތުން ދިރިއުޅޭނެ ހައުސިން ފެސިލިޓީސްތަަކާއި، އަދި ފުވައްމުލަކަށް ހިޖުރަކުރަން އެންކަރޭޖުކޮށްގެން އެހެން ރަށްރަށުން އައިސްގެން ފުވައްމުލަަކުގައި ވަޒަންވެރިވެވޭނެ ގޮތަކަށް ހައުސިން ޕްރޮވައިޑްކޮށްދިނުމަކީ އަޅުގަނޑުގެ އަމާޒެއް،" މަސީހު ވިދާޅުވިއެވެ.
މަސީހުގެ ވާހަކަފުޅުގައި އޭނާ ފާހަގަކުރެއްވީ ފުވައްމުލަކުގެ ތަބީއީ ހާއްސިއްޔަތަކާއި، އެ ރަށުގައި އޮތް ޒުވާން ހުނަރުވެރި މަސައްކަތްތެރި އާބާދީއާއެކުވުމުން، ހޯދައި ބަލައިފި މީހަކަށް ފެންނާން ހުރި އިގުތިސާދީ ފަހި ފުރުސަތުތަކެވެ. އޭނާާ މޭޔަރުކަމުގެ މަގާމަށް ވާދަކުރައްވަނީ އެ ފުރުސަތުތައް ހޯއްދަވައި ބެއްލެވުމަށްފަހު، އެ ފުރުސަތުތަކުގެ ތެރެއިން އެ ސިޓީގެ ރައްޔިތުންނަށް އެންމެ ބޮޑު މަންފާއެއް ހޯދައިދެއްވޭނެ ގޮތުގެ ޕްލޭނާއެކުއެވެ. އެ ޕްލޭން ތަންފީޒުކުރުމުގައި ސަރުކާރާއެކު މަސައްކަތްކުރެވޭނެ ކަމުގެ ކަށަވަރުކަން ރައްޔިތުންނަށް ދެއްވަމުންނެވެ.