ENGLISH

14 ޖެނުއަރީ 2026

Advertisement

ތަފާތު ރާސްތާތައް ތައާރަފުކޮށް، ތައުލީމީ ނިޒާމަށް ބޮޑު އިންގިލާބީ ބަދަލެއް

14 ޖެނުއަރީ 2026

|

ޝިފްޒާން އަޙްމަދު

މާލޭ ވޮކޭޝަނަލް ހައި ސްކޫލުގެ ފުރަތަމަ ބެޗުގެ ދަރިވަރުންނާއެކު މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު

ޒަމާނުއްސުރެ ރާއްޖޭގެ ތައުލީމީ ސިޔާސަަތާއި މަތީ ތައުލީމުގެ ސިޔާސަތު ބައްޓަންކުރެވިފައި އޮތީ އެކަޑެމިކް ކާމިޔާބު ނުވަތަ ކިޔެވުމުގައި ހާސިލުކުރެވޭ ކާމިޔާބުތަކަށް ވަރަށް ބޮޑު ސަަމާލުކަމެއް ދެވޭ ގޮތަށެވެ. ނަތީޖާއަކީ ސްކޫލު މަރުހަލާއާއި އެއަށްފަހު މަތީ ތައުލީމުގެ މަރުހަލާގައިވެސް ކޮންމެވެސް ދާއިރާއަކުން މަތީ ފާސް ހާސިލުކުރުމަށް ހާއްސަ އަހަންމިއްޔަތުކަމެއް ދެވުމެވެ. 

މިދެންނެވުނު ނިޒާމުގައި ކުދިންގެ މެދުގައި ހުންނަ ތަބީއީ ތަފާތުތަކަށް އެކަށީގެންވާ ސަމާލުކަމެއް ނުދެވެއެވެ. ބައެއް ކުދިންނަކީ ތައުލީމީ ރޮނގުން ކާމިޔާބުތައް ހާސިލުކޮށް، އިލްމީ މީހުންނަށްވުމަށް ބޭނުންވާ ހުނަރާއި ޝައުގުވެރިކަން ހުންނާނެ ކުދިންނެވެ. އަނެއްބަައި ކުދިންނަކީ އިލްމީ ދާއިރާތަކަށްވުރެ ފަންނީ އުފެއްދުންތެރި މަސައްކަތްތެރިކަމަށް ޝައުގުވެރިކަން ހުންނާނެ ކުދިންނެވެ. މިތަފާތުތަކަށް ރިއާޔަތްނުކުރާ ނިޒާމެއްގެ ތެރެއިން އެތައް ހާސް ކުދިންނެއް ކޮންމެ އަހަރަކު ބޭކާރުވެ މުޖުތަމައުގެ ހަވާސާއަށް އުކައިލެވެމުންދިޔައެވެ. ދައުލަތުން އެކުދިންނަށް ފުރުސަތުތަކެއް ފަހިކޮށްނުދެވެއެވެ. އިގުތިސާދީ އިޖުތިމާއީ ހަރުގަނޑުން އެއް ހަރުފަތް ގިރާކޮށް އަނެއް ހަރުފަތަށް ވާސިލުވާން ބޭނުންވާ ފުރުސަތުތައް މިކުދިންނަށް އޮތީ ބަންދުވެފައެވެ. 

ނަމަވެސް މިހާރު ފެންނަމުންދާ މަންޒަރަކީ ހާލަތު ބަދަލުވަމުންދާ މަންޒަރެވެ. ތައުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނެވި ކޮންމެ ކުއްޖަކަށްވެސް އެ ކުއްޖެއްގެ ގާބިލުކަން ހުރި އަދި ޝައުގުވެރިވާ ދާއިރާއަކުން ކިޔަވައި ކުރިއަށްދިއުމުގެ ފުރުސަތު ލިބޭނެ ގޮތަށް ނިޒާމު އަލުން ފަރުމާކުރެވެމުންދާ މަންޒަރެވެ. 

ތައުލީމީ ނިޒާމުން ގިނަ މަގުތައް ފަހިވުމުގެ ފައިދާ ބޮޑު 

ތައުލީމީ ނިޒާމުގައި ކުރިއަށްދާން އެންމެ މަގެއް އޮތުމުގެ ބަދަލުގައި ތަފާތު މަގުތައް ފަހިވެފައި އޮތުމަކީ ކުދިންނަށް އަދި ގައުމަށްވެސް އެކަމުން މަންފާކުރާނެ ކަމެއްކަން މި ދާއިރާއިން ހެދިފައި ހުރި އިލްމީ ދިރާސާތަކުން ސާބިތުވެއެވެ. އެގޮތުން އޮސްޓްރޭލިއާގައި ހެދުނު ދިގު މުއްދަތުގެ ދިރާސާއަކުން ދައްކާ ގޮތުގައި "ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިން" ނުވަތަ މަސައްކަތްތެރިކަން އުނގަންނައިދިނުމާއި ތަމްރީނުކުރުމުގެ ރާސްތާ ފަހިވެފައި އޮތުމުން ޒުވާނުންނަށް އުމުރުން 25 އަހަރުވުމުގެ ކުރިން ވަޒީފާގެ ފުރުސަތު ނުވަތަ އާމްދަނީ ލިބޭނެ މަގުފަހިވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. 

އެ ދިރާސާއިން އެނގޭ ގޮތުގައި "ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިން" ރާސްތާއެއް އިހުތިޔާރުކުރި ދަރިވަރުންގެ 97.4 އިންސައްތަ ކުދިންނަށް އެ ކުދިންގެ އުމުރުން 25 އަހަރުވުމުގެ ކުރިން މަސައްކަތެއް ލިބި އާމްދަނީ ހޯދޭނެ މަގެއް ފަހިވެގެންދިޔައެވެ. 

ތައުލީމީ ނިޒާމުގެ ތެރެއިން ދެ ބާވަތުގެ ރާސްތާއެއް ނުވަތަ މަގުތައް ފަހިވުމަކީ ފަރުދުންގެ އާމްދަނީއަށްވެސް އެއިން ރަނގަޅު އަސަރުކުރާ ކަމެކެވެ.  ވަޒީފާ ދޭ 87،000 އެއްހައި ފަރާތާއި 1.2 މިލިއަން މުވައްޒަފުން ބައިވެރިކޮށްގެން ސްވިޒްލޭންޑުގައި ހެދި ދިރާސާއަކުން އެނގޭ ގޮތުގައި މަސައްކަތުގެ މާހައުލުގައި އެކަޑެމިކް ޕެތާއި ވޮކޭޝަނަލް ޕެތު އިހުތިޔާރުކުރި ޒުވާނުން ޝާމިލުވާނަމަ، ފަރުދުންނަށް ވަޒީފާއިން ލިބޭ އާމްދަނީއަށް ހެޔޮ އަސަރެއް ކުރެއެވެ. މި ދިރާސާއިން އެނގޭ ގޮތުގައި ތައުލީމުގައި އެކި ރާސްތާ އިހުތިޔާރުކުރުމުގެ ފުރުސަތު ލިބުމަކީ މަސައްކަތުގެ ބާޒާރަށް ނިކުންނަ މަސައްކަތްތެރިންގެ ހުނަރު ސިންދަފާތުވެ، ގައުމީ އުފެއްދުންތެރިކަން އިތުރުވުމަށް މަގުކޮށައިދޭ ކަމެކެވެ. 

ރާއްޖޭގައި ދެ ރާސްތާ ތައާރަފުކުރެވުން 

މިފަހަކާ ޖެހެންދެން ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކުދިންނަށް އޮންނަ ހަމައެކަނި މަގަަކީ އެކަޑެމިކް ޕެތެވެ. އެ ރާސްތާއިން ކުރިއަށްނުދެވި ނާކާމިޔާބުވެއްޖެނަމަ ވަޒީފާއެއް ހޯދުމާއި، އިތުރަށް ތައުލީމު ހާސިލުކުރުން އޮންނަނީ ވަރަށް ހަނި ދާއިރާއެއްގައި ވަރަށް ތުރާލުން ނޫނީ ހާސިލުނުކުރެވޭ ހުވަފެނެއްގެ ގޮތުގައެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ތައުލީމީ ދާއިރާއަށް ގެންނެވި ބޮޑެތި އިސްލާހީ ބަދަލުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ބަދަލަކީ ތައުލީމީ ނިޒާމުގެ ތެރެއިން އިތުރު ރާސްތާތައް ފަހިކޮށްދެވުމެވެ. އެގޮތުން މިހާރު މަތީ ސާނަވީ މަރުހަލާގައި އެކަޑެމިކް ޕެތު ނުވަތަ އިލްމީ ރާސްތާގެ އިތުރަށް މަސައްކަތްތެރިކަމާއި ހުނަރުވެރިކަމުގެ ދާއިރާއިން ކުރިއަށްދެވޭނެ ރާސްތާވަނީ ކޮށައި އަލިކުރެވިފައެވެ. 

އޭގެ އިތުރަށް މަސައްކަތްކުރަމުން ހުނަރާއި ތަމްރީނު ހޯދުމުގެ ފުރުސަތު ފަހިކޮށްދޭ ރާސްތާއެއްވެސް މަތީ ސާނަވީ މަރުހަލާއަށް ތައާރަފުކުރެވިފައިވެއެވެ. އެއީ އާމްދަނީއެއް ހޯދަމުން އިތުރަށް މަސައްކަތް ދަސްކޮށް، ސަނަދެއް ހޯދައި މަތީ ތައުލީމުގެ ފުރުސަތުތަކަށް ވާސިލުވުމަށް މަގުފަހިކޮށްދޭ ރާސްތާއެކެވެ. 

މާލޭ ސަރަހައްދުގައި މަތީ ސާނަވީ މަރުހަލާއަށް ކިޔަވައިދޭ، ވޮކޭޝަނަލް އެޑިއުކޭޝަނަށް ހާއްސަ ސްކޫލެއް ހުޅުވައި އެ ސްކޫލުގެ ފުރަތަމަ ބެޗުގެ ދަރިވަރުން އެ ދާއިރާއިން މަތީ ސާނަވީއަށް ކިޔަވަންވަނީ ފަށާފައެވެ. މި ސްކޫލުގައި ކިޔަވާ ކުދިންނަށްވެސް ލިބޭނީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ، ޔުނިވަސިޓީތަކުން ގަބޫލުކުރާ ސަނަދެކެވެ. އެއާއެކު އެކުދިންނަށް މަސައްކަތުގެ ބާޒާރަށް ނުކުމެ ކެރިއާއެއް ފަށައިގެން ކުރިއަށްދިއުމަށް ފުރުސަތު ލިބޭނެއެވެ. ނުވަތަ މަތީ ތައުލީމުގެ މަރުހަލާ ކަނޑައްތުކޮށް އިތުރަށް އުނގެނި ފަންނީ ދާއިރާތަކުން ކުރިއަށްދިއުމަށް މަގުފަހިކުރެވިގެންދާނެއެވެ. 

ނަަތީޖާ؛ ބާކީނުވެ ކުރިއަށްދެވޭނެ މަގުފަހިވުން 

ޔުނިސެފުން ހިންގާ މަލްޓޕް ޕެތުވޭސް އިނިޝިއޭޓިވްއިން އަންދާޒާކުރާ ގޮތުގައި ތައުލީމީ ނިޒާމުގެ ތެރެއިން ގިނަ ރާސްތާތައް ފަހިކުރުމުގެ ސަބަބުން ސާނަވީ ތައުލީމު ފުރިހަމަކުރުމުގެ ފުރުސަތު ލިބޭ ޒުވާނުންނަށް އެކުދިންގެ މުޅި ހަޔާތުގައި ލިބޭ  އާމްދާނީ ދެ ޓްރިލިއަން ޑޮލަރާ ހަމައަށް އިތުރުކޮށް، ސަރުކާރުތަކަށް ޓެކުސްތަކުން ލިބޭ އާމްދަނީ 287 ބިލިއަން ޑޮލަރާ ހަމައަށް އިތުރުވާނެއެވެ. 

ޖަރުމަންވިލާތުގައި ހެދި ދިރާސާއެއް ދައްކާ ގޮތުން ވޮކޭޝަނަލްް އެޑިއުކޭޝަން ތައާރަފުކުރުމުގެ މަންފާ އެންމެ ބޮޑަށް ލިބެނީ މުޖުތަމައުގެ އެންމެ ނާޒުކު ހާލަތުގައި ތިބޭ ކުދިންނަށެވެ. އާއިލީ، މާލީ އަދި އެނޫންވެސްް ސަބަބުތަކާހުރެ މަތީ ތައުލީމު ހާސިލުކުރުމަށް އެކި ކަހަލަ ހުރަސްތައް މެދުވެރިވެފަައި ތިބޭ ކުދިންގެ ތައުލީމު މެދުނުކެނޑި ކުރިއަށްގެންދިއުމަށް ވޮކޭޝަނަލް އެޑިއުކޭޝަންގެ އެކި ރާސްތާތަކުން މަގުފަހިވެއެވެ. 

މި ހުރިހާ ދިރާސާތަކުން ފެންނަ ހަގީގަތަކީ ތައުލީމީ ނިޒާމުގައި ކުދިންނަށް ކުރިއަށްދިއުމަށް ފަހިކޮށްދެވޭ ރާސްތާތައް އިތުރުކުރުމަކީ އެ ނިޒާމުގެ ތެރެއިން ކުދިން ބާކީވެ، މުސްތަގުބަލުގައި ވަޒީފާއެއް އަދި މަތީ ތައުލީމުގެ ފުރުސަތެއްވެސް ނެތި ބާކީވުމުން ސަލާމަތްކޮށްދީ ކޮންމެ ކުއްޖަކީވެސް ޝަރަފުވެރިކަމާއެކު ދިރިއުޅުމަށް ބޭނުންވާ ފުރުސަތުތައް ފަހިވެފައިވާ ކުއްޖެއްކަން ޔަގީންކޮށްދޭނެ ކަމެއް ކަމެވެ. މިއީ ރާއްޖޭގެ ތައުލީމީ ނިޒާމަށް ގެނެވޭ ވަރަށް ބޮޑު ބަދަލެކެވެ. މިއީ ހަގީގީ މާނާގައި ގެނެވޭ ބޮޑު އިސްލާހެކެވެ. މި އިސްލާހުގެ ހެޔޮ އަސަރު ކުރިއަށް އޮތް ޖީލުތަކުުން ފެންނާނެކަމުގެ ޔަގީންކަން ދުނިޔޭގެ އެހެން ގައުމުތަކުގެ ތަޖުރިބާއިން ލިއްބައިދެއެވެ. 

ކިޔުންތެރިންގެ ހިޔާލު