ENGLISH

14 ޖެނުއަރީ 2026

Advertisement

ބަންގްލަދޭޝް އިން އޮން އެރައިވަލް ވިސާ ދޫކުރުން މަހަކަށް މެދުކަނޑާލަނީ

14 ޖެނުއަރީ 2026

|

ޢަލީ ޝަހީމް

ޚާރިޖީ ވުޒާރާ. ބަންގްލަދޭޝްއަށް ދަތުރުކުރާއިރު ވިސާގެ ކަންކަމަށް ސަމާލުވާން ވަނީ އެދިފައި. ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ބަންގްލަދޭޝް އިން އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ. 

ޚާރިޖީ ވުޒާރާއިން އާއްމުކުރި މަޢުލޫމާތުގައި ބުނީ ބަންގްލަދޭޝް އިން އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލީ އެގައުމުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ކަމަށެވެ. އެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުވަރީ މަހުގެ 12 ވަނަ ދުވަހު އެވެ. 

ބަންގްލަދޭޝް ސަރުކާރުން ނިންމާފައިވަނީ ޖަނަވަރީ 15 އިން ފެށިގެން ފެބްރުވަރީ 15 ގެ ނިޔަލަށް އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލާށެވެ. 

ވަގުތީ ގޮތުން އޮން އެރައިވަލް ވިސާ ދިނުން މެދުކަނޑާލަނީ މަޖިލިސް އިންތިޚާބާ ދިމާކޮށް ސަލާމަތީ ކަންކަން ވަރުގަދަކުރުމަށެވެ. 

ޚާރިޖީ ވުޒާރާއިން ބުނީ މި މުއްދަތުގެ ތެރޭގައި، ބަންގްލަދޭޝްއަށް ދަތުރުކުރަން ގަސްދުކުރާ ދިވެހި ރައްޔިތުން، ދަތުރުގެ ކުރިން ދިވެހިރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން ބޭނުންވާ ވިސާ ނެގުމަށް އިލްތިމާސްކުރާ ކަމަށެވެ. 

ވިސާއާ ގުޅޭ އިތުރު މަޢުލޫމާތާއި އެހީތެރިކަން ހޯދުމަށް ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައި ކޮމިޝަނަށް ގުޅުމަށް ޚާރިޖީ ވުޒާރާއިން ވަނީ އެދިފައެވެ. ބަންގްލަދޭޝް ހައިކޮމިޝަން މިހާރު ހުންނަނީ ހުޅުމާލޭގެ ނިރޮޅުމަގު 16 ނަންބަރު ގޯޅި، ޕްލޮޓް 10982 ގައެވެ. ވިސާއާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް އެ ކޮމިޝަންގެ ނަންބަރު 3320859 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް ޚާރިޖީ ވުޒާރާއިން އެދިފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު