ENGLISH
11 ޖެނުއަރީ 2026
ބިދޭސީންގެ ވޯކް ޕާމިޓް ފީން ލިބުނު އާމްދަނީ ދެ އަހަރުން 36.6 އިންސައްތަ މައްޗަށް
10 ޖެނުއަރީ 2026
|
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނުގެ ތެރެއިން// ފޮޓޯ؛ އިމިގްރޭޝަން
ރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ ބިދޭސީންގެ ވޯކް ޕާމިޓް ފީ ގެ ގޮތުގައި ނިމުނު އަހަރު ލިބުނު އާމްދަނީ 2023 ވަނަ އަހަރާ އަޅާބަލާއިރު 36.6 އިންސައްތަ އިތުރުވެއްޖެއެވެ.
މީރާއިން ކޮންމެ މަހަކު އެއްފަހަރު އާއްމުކުރާ މާލީ ހިސާބުތަކަށް ބަލާއިރު 2025 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް ބިދޭސީންގެ ވޯކް ޕާމިޓް ފީގެ ގޮތުގައި ދައުލަތަށްވަނީ 783,267,800 (ހަތް ސަތޭކަ އަށްޑިހަ ތިން މިލިއަން ދެ ލައްކަ ފަސްދޮޅަސް ހަތް ހާސް އަށް ސަތޭކަ) ރުފިޔާ ލިބިފައެވެ.
2024 ވަނަ އަހަަރުގެ ހިސާބުތަކަަށް ބަލާއިރު، އެ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ބިދޭސީންގެ ވޯކް ޕާމިޓް ފީ ގެ ގޮތުގައި ލިބިފައިވަނީ 670,932,30 (ހަ ސަތޭކަ ހަތްދިހަ މިލިއަން ނުވަ ލައްކަ ބައްތިރީސް ހާސް ތިރީސް) ރުފިޔާ އެވެ. 2023 ވަނަ އަހަރު ލިބުނީ 573,307,350 (ފަސް ސަތޭކަ ހަތްދިހަ ތިން މިލިއަން ތިން ލައްކަ ހަތް ހާސް ތިން ސަތޭކަ ފަންސާސް) ރުފިޔާއެވެ.
ވުމާއެކު 2024 ވަނަ އަހަރު ބިދޭސީންގެ ވޯކް ޕާމިޓް ފީގެ ގޮތުގައި މީރާއަށް ލިބުނު އާމްދަނީއަކީ 2023 ވަނަ އަހަރާ އަޅާ ބަލާއިރު 16.9 އިންސައްތަ އިތުރު އަދަދެކެވެ. އަދި ނިމުނު 2025 ވަނަ އަހަރު ބިދޭސީންގެ ވޯކް ޕާމިޓް ފީގެ ގޮތުގައި މީރާއަށް ލިބުނު އާމްދަނީއަކީ 2023 ވަނަ އަހަރު ލިބުނު އާމްދަނީއަށްވުރެ 36.6 އިންސައްތަ އިތުރު އަދަދެކެވެ. ވުމާއެކު، އައު ސަރުކާރު ވެރިކަމާ ހަވާލުވެ ބިދޭސީންނާ ގުޅޭ ޖޫރިމަނާއާއި ފީތަކުގެ ތެރެއިން ދައުލަތަށް ނުލިބިހުރި ފައިސާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށް، އެކަމުގައި ބޮޑު ކުރިއެރުމެއް ހޯދާފައިވާކަން މީރާގެ ހިސާބުތަކުން ދައްކައެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ އެކްސްޕެޓް ޕޯޓަލްގައި ވަޒީފާދޭ 68،000 ފަރާތް ރަޖިސްޓްރީވެފައިވެއެވެ. ގަވައިދުން ފީތައް ދައްކަމުން ދަނީ 7،900 އެއްހާ މީހުންނެވެ. ބިދޭސީންނާ ގުޅޭ ފީތައް ނުދައްކައިގެން 8،000 އަށްވުރެ ގިނަ ފަރާތް، އެކްސްފެޓް ސިސްޓަމުން ވަނީ ސަސްޕެންޑްކޮށްފައެވެ. އެ ފަރާތްތަކުން ދަޢުލަތަށް ލިބެންޖެހޭ 1.7 ބިލިޔަން ރުފިޔާގެ ތެރެއިން މިހާތަނަށް 1.2 ބިލިއަން ރުފިޔާ ވަނީ ހޯދާފައެވެ.
ބިދޭސީންނާ ގުޅޭ ޖޫރިމަނާއާއި ފީތައް ދެއްކުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ދައްކަމުން ނުދާ ފަރާތްތަކުގެ ނަންތައް އާންމުކޮށް، ފީތައް ދެއްކުމަށް، އެއްބަސްވުމެއްގެ ދަށުން މީގެ ކުރިން ވުޒާރާއިން ވަނީ ލުއިގޮތްތަކެއް ހަމަޖައްސާދީފައެވެ.
ނަމަވެސް ހުސްވި އޮކްޓޯބަރުމަހު ވުޒާރާއިން ބުނެފައިވަނީ ބިދޭސީންނާ ގުޅޭ ޖޫރިމަނާއާއި ފީތައް ދެއްކުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ދައްކަމުން ނުދާ ފަރާތްތަކަށް އިތުރު ފުރުޞަތެއް ދެން ނުލިބޭނެކަމަށެވެ.
އަދި ފާއިތުވެދިޔަ މުއްދަތުގައި، ސެޓްލްމަންޓް އެގްރީމަންޓްގެ ދަށުން އެއްވެސް ފައިސާއެއް ދައްކާފައިނުވާ ފަރާތްތަކަށް، އިތުރު އެއްބަސްވުމެއްގެ ދަށުން ފައިސާ ދެއްކުމުގެ ފުރުސަތު ދެން ނުދޭނެކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފަ އެވެ.
ބިދޭސީންނާ ގުޅޭ މައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްތްތަކެއް ސަރުކާރުން ކުރަމުންދާއިރު މިހާތަނަށް ދާހިލީ ވުޒާރާއިން ވަނީ ރާއްޖޭފައި ދިރިއުޅެމުންދާ 177،000އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާފައެވެ.