ENGLISH
11 ޖެނުއަރީ 2026
ރައީސް ނިންމުންތައް ނިންމަވަނީ މުސްތަގްބަލަށް، މުޖުތަމަޢު އަމާންކުރުމަށްޓަކައި: ޑރ. ޢާއިޝަތު ޝިހާމް
10 ޖެނުއަރީ 2026
|
ވަޒީރު ޑރ. ޢާއިޝަތު ޝިހާމް. ފޮޓޯ: އިޖުތިމާއީ ވުޒާރާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުންތަކަކީ، މުސްތަގްބަލަށް މުޖުތަމަޢު އަމާންކުރުމަށްޓަކައި ނިންމަވާ ނިންމެވުންތަކެއް ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ގެނެސްދެއްވާ "ތަރުޖަމާނާ އެކު" އެޕިސޯޑް 3 ގައި، އެކަނިވެރި މައިންނާއި ބަފައިންނަށް ސަރުކާރުން ދޭ އެލަވަންސް ބޮޑުކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުން ފޯރުކޮށްދޭ އެ އެލަވަންސަކީ ދިގު މުއްދަތަކަށް ކުރެވޭ އިންވެސްޓްމެންޓެއް ކަމަށެވެ.
އެކަނިވެރި މައިންނާއި ބަފައިންނަށް މީގެކުރިން ލިބުނީ ކުއްޖަކަށް 1000ރ. އެވެ. މި ސަރުކާރުން މިހާރު ވަނީ އެ އަދަދު ކުއްޖަކަށް 3000ރ. ލިބޭގޮތަށް ބޮޑުކޮށްފައެވެ. އެގޮތުން ކުއްޖަކަށް 3000ރ. ލިބޭއިރު އެންމެ ގިނަވެގެން މަހަކު ލިބޭ އަދަދުގެ ގޮތުގައި ކަނޑައަޅާފައިވަނީ 12،000ރ. އެވެ. އަދި، އަހަރަކު އެކަކަށް އެންމެ ގިނަވެގެން ދެވޭނީ 144،000ރ. އެވެ.
އެ އުޞޫލަށް ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ވަނީ އަމަލުކުރަން ފަށައިފަ އެވެ.
"އަޅުގަނޑުމެންގެ މި ޤައުމުގައި މިހާރު ރައީސުލްޖުމްހޫރިއްޔާ އެ ނަންގަވާ، ނިންމަވާ ނިންމެވުންތައް އެ ނިންމަވަނީ އަޅުގަނޑުމެންގެ މުސްތަގްބަލަށްޓަކައި، އެ މުސްތަގްބަލް ހަމަޖެހޭ އަމާން މުޖުތަމައަކަށް ހެދުމަށްޓަކައި. އެހެންވީމަ މިއީ މިއަދު އަޅުގަނޑުމެންނަށް ހަމަ ބޮޑު އަދަދަކުން ކުރެވޭ އިންވެސްޓްމަންޓެއް،" ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، އިޖުތިމާއީ ނިޒާމުގެ މުހިއްމުކަމަށްޓަކައި މިފަދަ ޕްރޮގްރާމްތަކުގެ މައުލޫމާތު ފޯރުކޮށްދިނުން އިތުރުކުރަން ޖެހޭ ކަމަށެވެ. އެލަވަންސްގެ ސަބަބުން މުުޖުތަމަޢުތަކަށް އަންނަ ތަފާތުތަކާއި ފައިދާގެ މައުލޫމާތު ފޯރުކޮށްދިނުމުން ރައްޔިތުންނަށް އެކަމުގެ މުހިއްމުކަން އެނގިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ޑރ. ޢާއިޝަތު ޝިހާމް އިތުރަށް ވިދާޅުވީ، ސަރުކާރުން އެލަވަންސްގެ އަދަދު ބޮޑުކޮށް، އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭން ފެށުމާއެކު، އޭގެ ފައިދާ ކުރިއަށް އޮތް ތިން އަހަރު ވެސް ފެނިގެންދާނެ ކަމަށެވެ.
ޔޫއެންގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ ޕެސިފިކް (އެސްކޭޕް) ގެ ޕްރޮގްރާމްތަކާ ޙަވާލާދެއްވައި ވަޒީރު ވިދާޅުވީ، އެސްކޭޕުން ހަދާފައިވާ ދިރާސާއެއްގައި، އެކަނިވެރި މައިންބަފައިންނަށް އެހީތެރިކަމެއް ފޯރުކޮށްދެވިއްޖެ ނަމަ މުޖުތަމަޢުގެ ފަގީރުކަން ގާތްގަނޑަކަށް 70 އިންސައްތައަށް ދަށްކުރެވޭ ކަމަށް ފާހަގަކޮށްފައިވާ ކަމަށެވެ.
ސަރުކާރުން ފޯރުކޮށްދޭ މާލީ އެހީތެރިކަމާއެކު އުއްމީދަކީ އާއިލާތަކުގެ ނިކަމެތިކަން ނައްތާލައި ކުރިމަގަށް އާއިލާތައް ބިނާކުރުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ މި ޕްރޮގްރާމްގެ ތެރެއިން އުއްމީދަކީ މި އާއިލާތަކަށް މިހާރު އެހީތެރިވެވުނީމަ، އިރާދަކުރެއްވިއްޔާ އެމީހުންގެ ކުދިން ބަދަލުވާނެ އަމިއްލަ ފައިމައްޗަށް ތެދުވެވި ގައުމަށް ޚިދުމަތް ކޮށްދެވޭނެ ބަޔަކަށް. އެހާ ހިސާބުން އެމީހުންގެ ނިކަމެތިކަން ކެނޑިގެންދާނެ،" ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.
ތަރުޖަމާނާއެކު އެޕިސޯޑްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނިވެރި ކުދިން ބަލަހައްޓާ މައިންނާއި ބަފައިންނަށް ދައުލަތުން އިނާޔަތް ދޭއިރު، އެ ފައިސާ ލިބެނީ ހައްގުވެރިންނަށްކަން ގާތުން ބަލާ ކަމަށެވެ. އަދި، އިޖުތިމާއީ އެހީތެރިކަމުގެ ނިޒާމަކީ މުޅި ދައުލަތް އޭގައި ހިމެނިގެންދާ ހުރިހާ އެންމެން އާއިލާއަކަށް އަމާޒުކުރެވިގެން ގެނެވިގެންދާ ބަދަލެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.