ENGLISH

11 ޖެނުއަރީ 2026

Advertisement

ކަންކަން ވާނީ ކައުންސިލާއި ސަރުކާރު ގުޅިގެން، އައްޑޫ ކައުންސިލުން ކުރީ އުނދަގޫ: އިޙްސާން

11 ޖެނުއަރީ 2026

|

އަޙުމަދު ޙަމީދު

މިނިސްޓަރު އިޙްސާން

ރަށްރަށާއި ސިޓީތަކުގެ ތަރައްޤީއާ ރައްޔިތުންގެ ފަސޭހައާ ލާބައަށް ކަންކަން ކުރެވޭނީ ކައުންސިލްތަކާއި ސަރުކާރާއި ރަނގަޅު ގުޅުމަކުން ގުޅިގެން ކަމަށާ އެހެން ނުވެއްޖެނަމަ ތަރައްޤީއާ ކުރިއެރުން ހުއްޓޭ ކަމަށް ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އައްޑޫ ސިޓީ ފޭދޫ މަގުއްދޫ ދާއިރާގެ ކެމްޕޭނު އޮފީސް ހުޅުވުމަށް ފަހު ދެއްކެވި ވާހަކަފުޅުގަ އެވެ. މިނިސްޓަރު ފާހަގަ ކުރެއްވީ ރަށްރަށާއި ސިޓީތަކުގެ ތަރައްޤީއަށް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމު ކަމެކެވެ.

ވިދާޅުވީ ސަރުކާރަށް ޖެއްސުމާއި އުނދަގޫ ކުރުމުގެ ވިސްނުމުގައި މަސައްކަތް ކުރާ ކައުންސިލެއް ހޮވިއްޖެނަމަ ރައްޔިތުންގެ ފަސޭހައާ ލާބައަށް ކުރަން ހުންނަ ކަންކަން ހުއްޓޭ ކަމަށެވެ. އައްޑޫސިޓީގައި މިހާރު އޮތް ކައުންސިލްގެ އަމަލުތައް ފެންނަނީ އެގޮތަށް ކަމަށް ވިދާޅުވި އެވެ.

ސަރުކާރަށް ދެ އަހަރުވީއިރު މިދިޔަ ދެ އަހަރުތެރޭ ކައުންސިލްގެ އަމާޒަކަށްވީ ވީވަރަކުން ސަރުކާރަށް އުނދަގޫ ކުރުން ކަމުގައިވެސް ވިދާޅުވި އެވެ. އަދި މީގެ ކުރީން ޕީޕީއެމްގެ ސަރުކާރެއް އޮތްއިރުވެސް އިދިކޮޅު ކައުންސިލުން ކަންކުރީ އެެގޮތަށް ކަަމަށް އިޙްސާން ވިދާޅުވި އެވެ.

އިޙްސާން ވިދާޅުވީ ސަރުކާރަށް ޖެއްސުންކުރުމުގެ ގޮތުން ކުރާ ކަންކަމުން ހުއްޓެވީ ރަށްރަށުގެ ތަރައްޤީ ކަމަށެވެ. އެއީ ޤަބޫލުކުރެއްވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. މިހާރުވެސް މަރަދޫގައި ޕޮލިސް ސްޓޭޝަނަށް އެޅުމަށް ބަޔަކާއި ހަވާލުކުރެވި ދުވަސްތަކެއް ފާއިތުވީއިރު އަދިވެސް ކައުންސިލުން ބިމެއް ހަމަޖައްސައިދީފައިނުވާ ކަމަށް ވިދާޅުވި އެވެ.

އެހެން ކަމުން ސަރުކާރަށް އުނދަގޫކޮށް ދުއްތުރާ ކުރާނެ ކައުންސިލެއް އިންތިޚާބު ނުކުރަން މިނިސްޓަރު ވަނީ ގޮވާލައްވާފަ އެވެ. އަދި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރާ ކައުންސިލެއް އިންތިޚާބުކޮށްފިނަމަ އެކަމުގެ ފައިދާއާ ހެޔޮ ބަދަލު ފެންނާނެ ކަމުގައި ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު