ENGLISH
11 ޖެނުއަރީ 2026
ޔަހޫދީން، އެމެރިކާއިން ހޯދާ އަސްކަރީ އެހީއަށް ބަރޯސާވުން ނިމުމަކަށް ގެންނަން މަސައްކަތް ކުރަނީ
10 ޖެނުއަރީ 2026
|
ކުރިއަށް އޮތް 10 އަހަރު ތެރޭގައި އެމެރިކާއިން ފޯރުކޮށްދޭ އަސްކަރީ އެހީއަށް ބަރޯސާވުން ނިމުމަކަށް ގެނައުމައް މަސައްކަތް ކުރާނެކަމަށް ޔަހޫދީންގެ ނިރުބަވެރި ދައުލަތުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ބުނެފިއެވެ.
ދާދިފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބޭއްވި ބައްދަލުވުމުގައި އެމެރިކާއިން ފޯރުކޮށްދޭ އަސްކަރީ އެހީ ނިމުމަކަށް ގެނެސް އަމިއްލަ އަސްކަރީއެއް އުފެއްދުމުގެ ގާބިލުކަން ހުންނަން ޖެހޭ ކަމުގެ މަޝްވަރާތައް ވަނީ ކޮށްފައެވެ. ހަމަމިއާއެކު އެމެރިކާއިން ދޭ އެހީއަށް ނަތަންޔާހޫ ޝުކުރުއަދާކޮށްފައިވެއެވެ.
މިދިއަ އަހަރު ޑިސެމްބަރ މަހުގައި ނަތަންޔާހޫ ބުނީ، އެހެން ގައުމުތަކަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި، އަމިއްލަ އަސްކަރީ ސިނާއަތެއް ކުރިއެރުވުމަށް ކުރިއަށް އޮތް އަހަރުތަކުގައި އިޒްރޭލުން 350 ބިލިއަން ޝެކަލް (110 ބިލިއަން ޑޮލަރު) ހަރަދުކުރާނެ ކަމަށެވެ.
ޔަހޫދީން 2024 ވަނަ އަހަރު އަސްކަރީ އުފެއްދުންތައް ބޭރު ގައުމުތަކަށް އެކްސްޕޯޓްކުރި މިންވަރު 13 އިންސައްތަ އިތުރުވެ، ޖުމްލަ އާމްދަނީ ރެކޯޑް އަދަދެއް ކަމަށްވާ 15 ބިލިއަން ޑޮލަރަށް ވަނީ އަރައިފައެވެ. މި ކުރިއެރުމުގެ ބޮޑު ބަޔަކީ ވައިގެ ދިފާއީ މުހިންމު ނިޒާމުތަކަށް ބޭރު ގައުމުތަކުގައި އޮތް ބޮޑު ޝައުގުވެރިކަމެއްގެ ނަތީޖާ ކަމަށްވާއިރު، އެކްސްޕޯޓްކުރި ތަކެތީގެ ގާތްގަނޑަކަށް 48 އިންސައްތައަކީ މިސައިލާއި ވައިގެ ދިފާއީ ވަސީލަތްތަކެވެ.
މި ވިޔަފާރީގެ 50 އިންސައްތައަށްވުރެ ބޮޑުބައެއް ޔޫރަޕްގެ ގައުމުތަކުން ހިއްސާކުރާއިރު، ހަނގުރާމައިގެ މައިދާނުގައި މި އާލާތްތަކުގެ ގާބިލުކަން ސާބިތުވެފައިވުމީ ބައިނަލްއަގުވާމީ މާކެޓުގައި ޔަހޫދީންގެ ދިފާއީ ސިނާއަތަށް އޮތް އިތުބާރު ބޮޑުވެ، ބޮޑެތި ކޮންޓްރެކްޓްތަކެއްގައި ސޮއިކުރަން މަގުފަހިވި މައިގަނޑު ސަބަބެވެ.
އެމެރިކާއިން 2016 ވަނަ އަހަރު އިޒްރޭލަށް 10 އަހަރުގެ މުއްދަތަށް (2028 އަށް) 38 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ދޭން އެއްބަސްވިއެވެ. އެގޮތުން 33 ބިލިއަން ޑޮލަރު ހަނގުރާމަވެރި އާލާތްތަކަށް އަދި 5 ބިލިއަން ޑޮލަރު މިސައިލުން ދިފާއުވާ ނިޒާމުތަކަށް ދީފައިވެއެވެ.
އެމެރިކާއިން އިޒްރޭލަށް ދޭން އެއްބަސްވެފައިވާ 38 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީގެ އެއްބަސްވުމަކީ، އެމެރިކާގެ ތާރީޚުގައިވެސް އެހެން ގައުމަކަށް ދިނުމަށް އެއްބަސްވި އެންމެ ބޮޑު އަސްކަރީ އެހީގެ ޕެކޭޖެވެ. އެއްބަސްވުން 2028 ވަނަ އަހަރާއި އާ ހަމައަށް ދެމިގެންދާއިރު، މި އެއްބަސްވުމުގެ ދަށުން އަހަރަކު 3.8 ބިލިއަން ޑޮލަރު އިޒްރޭލަށް ލިބޭނެއެވެ.