ENGLISH

11 ޖެނުއަރީ 2026

Advertisement

ގާނޫނަށް ގެނައި އިސްލާހާއެކު ޓޫރިޒަމް ބިންތަކުގެ ކުލީގެ މުއްދަތު އިތުރުކޮށްގެންް ލިބުނު އާމްދަނީ 226.9 އިންސައްތަ އިތުރުވެއްޖެ

10 ޖެނުއަރީ 2026

|

ޝިފްޒާން އަޙްމަދު

ރާއްޖޭގެ ރިސޯޓެއް، ފޮޓޯ: ގޫގްލް

ޓޫރިޒަމްގެ ގާނޫނަށް ގެނައި އިސްލާހާއެކު ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 226.9 އިންސައްތަ އިތުރުވެއްޖެއެވެ. 

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ބިންތަކުގެ ލީސް މުއްދަތު އިތުރުކޮށްގެން ދައުލަތަށް 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ ނިޔަލަށް 64.6 މިލިއަން ޑޮލަރު ލިބުނެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 994.04 މިލިއަން ރުފިޔާއެވެ. 

2024 ވަނަ އަހަރު ޓޫރިޒަމްގެ ބޭނުންތަކަށް ދޫކުރި ބިންތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި 20 މިލިއަން ޑޮލަރު ލިބުނެވެ. އެއީ ދިވެހި ރުފިޔާއިން 306.6 މިލިއަން ރުފިޔާއެވެ. 

އެހެންކަމުން 2025 ވަނަ އަހަރު ޓޫރިޒަމްގެ ބޭނުމަށް ދޫކުރި ބިންތަކުގެ ކުލީގެ މުއްދަތު އިތުރުކުރަން ދެއްކި ފީގެ ގޮތުގައި ލިބުނު އާމްދަނީ އޭގެ ކުރީ އަހަރާ އަޅަބަލާއިރު 226.9 އިންސައްތަ އިތުރެވެ. ލީސްގެ މުއްދަތު އިތުރުކޮށްގެން ލިބުނު އާމްދަނީ އިތުރުވީ ފާއިތުވި އަހަރު ޓޫރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުންެނެވެ. 

އެގޮތުން ނިމުނު އަހަރުގެ މާރިޗު މަހުގައި ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނައި ބަދަލާއެކު، ލީސްގެ މުއްދަތު އިތުރުކުރުމުގެ ފީ އަވަހަށް ދެއްކުމުން ބޮޑެތި ލުއިތަކެއް ލިބެއެވެ. އެގޮތުން ޓޫރިޒަމް ބޭނުމަށް ދޫކުރާ ފަޅުރަށެއް ނުވަތަ ފަޅެއް 50 އަހަރަށް ކުއްޔަަށް ދޫކުރުމަށްފަހު، ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސްދުވަހުގެ ތެރޭގައި 49 އަހަރަށް މުއްދަތު އިތުރުކުރާނަމަަ ފަސް މިލިއަން ޑޮލަރު، އަދި 20 އަހަރަށް އިތުރުކުރާނަމަ 2.5 މިލިއަން ޑޮލަރު، އަދި 25 އަހަރު އިތުރުކުރާނަމަ ތިން މިލިއަން ޑޮލަރު ދައްކަންޖެހެއެވެ. 

އަދި އިސްލާހަށް އަމަލުކުރަން ފެށިތާ ހަ މަސްފަހުން 49 އަހަރު ކުލީގެ މުއްދަތަށް އިތުރުކުރާނަމަ އެއްފަހަރާ 10 މިލިއަން ޑޮލަރު ދައްކަންޖެހެއެވެ. 

މި އިސްލާހު ގެނައުމުގެ ކުރިން ގާނޫނުގައި ބުނާ ގޮތުން ކުލީގެ މުއްދަތު އިތުރުކުރާނަމަ އިތުރުކުރާ ކޮންމެ އަހަރަކަށް އެއް ލަައްކަަ ޑޮލަރު ދައްކަންޖެހޭނެއެވެ. އެ ފައިސާ ދައްކަންޖެހެނީ ހަ މަސް ދުވަހުގެ ތެރޭގައެވެ. އެ މުހުލަތުގައި ފައިސާ ނުދެއްކިއްޖެނަމަ އިތުރުކުރާ ކޮންމެ އަހަރަކަށް ދެ ލައްކަ ޑޮލަރުގެ ރޭޓުން ފީއެއް ދައްކަންޖެހެއެވެ. 

ނިމުނު އަހަރު މީރާއަށް އާމްދަނީގެ ގޮތުގައި 26 ބިލިއަން ރުފިޔާ ލިބުނުއިރު ޑޮލަރުން 1.4 މިލިއަން ޑޮލަރު ލިބުނެވެ. ޓޫރިޒަމާ ސީދާ ގުޅުންހުރި ޓެކުސްތަކާއި ފީތަކުން އެކަނި ދައުލަތަށް 1.3 ބިލިއަން ޑޮލަރު ލިބުނުކަން މީރާގެ ހިސާބުތަކުން ދައްކައެވެ. 

ކިޔުންތެރިންގެ ހިޔާލު