ENGLISH

11 ޖެނުއަރީ 2026

Advertisement

މަސް އެކްސްޕޯޓުކުރި އަދަދު %86.9 މައްޗަށް، 122 މިލިއަން ޑޮލަރުގެ މަސް ބޭރުކުރި

10 ޖެނުއަރީ 2026

|

ޝިފްޒާން އަޙްމަދު

މަސްވެރިކަމުގެ ސިނާއަތުގެ އުފެއްދުންތެރިކަން އިތުރުވީ މަސްވެރިންނަަށް 48 ގަޑިއިރު ތެރޭ ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމާ ގުޅިގެން، ފޮޓޯ: ރައީސް އޮފީސް

ރާއްޖެއިން މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓުކުރި މިންވަރު ފާއިތުވި އަހަރު އޭގެ ކުރީ އަހަރާ އަޅާބަލާއިރު 86.9 އިންސައްތައިން އިތުރުވިކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

އެމްއެމްއޭއިން ކޮންމެ މަހަކު އެއްފަހަރު އާއްމުކުރާ އިގުތިސާދީ ހިސާބުތަކަށް ބަލާއިރު 2025 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް 69،564.2 މެޓްރިކް ޓަނުގެ މަސް އަދި މަހުގެ އުފެއްދުންތައް ރާއްޖެއިން ބޭރުކޮށްފައިވެއެވެ. އޭގެ ކުރީ އަހަރު ބޭރުކުރީ 37،213.2 މެޓްރިކް ޓަނުގެ މަސް އަދި މަހުގެ އުފެއްދުންތަކެވެ. އެހެންކަމުން މަހާއި މަހުގެ އުފެއްދުންތައް ބޭރުކުރި މިންވަރު 2024 ވަނަ އަހަރާ އަޅާބަލާއިރު 86.9 އިންސައްތަައިން އިތުރުވެފައިވެއެވެ. 

ރާއްޖެއިން އެންމެ ގިނައިން މަސް ބޭރުކޮށްފަައިވަނީ ތާޒާކޮށް ނުވަތަ ފިނިކޮށްގެންނާއި ގަނޑުކޮށްގެންނެވެ. އެގޮތުން ތާޒާކޮށް، އަދި ފިނިކޮށްގެންނާއި ގަނޑުކޮށްގެން 61،281 މެޓްރިކްޓަނުގެ މަސް ރާއްޖެއިން ބޭރުކޮށްފައިވެއެވެ. 2024 ވަނަ އަހަރު ތާޒާކޮށް އަދި ފިނިކޮށްގެންނާއި ގަނޑުކޮށްގެން ބޭރުކުރީ 29،910.3 މެޓްރިކްޓަނުގެ މަހެވެ. އެހެންކަމުން އަހަރުން އަހަރަށް ތާޒާކޮށާއި، ފިނިކޮށްގެންނާއި ގަނޑުކޮށްގެން މަސް ބޭރުކުރި މިންވަރު 104.9 އިންސައްތަ އިތުރުވެފައިވެއެވެ. 

2025 ވަނަ އަހަރު ބޭރުކުރި މަހުގެ ތެރެއިން އެންމެ ގިނައީ ކަޅުބިލަމަހެވެ. އެގޮތުން ނިމުނު އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލށް 53،075.3 މެޓްރިކްޓަނުގެ ކަޅުބިލަމަސް ބޭރުކުރިއެވެ. 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ބޭރުކޮށްފައިވަނީ 21،447.7 މެޓްރިކްޓަނުގެ ކަޅުބިލަމަހެވެ. 

މަސް ބޭރުކުރި މިންވަރުގެ އިތުރަށް މަސް ކިރުވި މިންވަރުވެސް 2025 ވަނަ އަހަރުވަނީ އިތުރުވެފައެވެ. 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަަށް ކިރުވާފައިވަނީ 48،590 މެޓްރިކްޓަނުގެ މަހެވެ. 2025 ވަނަ އަހަރުގައި އެ އަދަދުވަނީ 78،387.3 މެޓްރިކްޓަނުގެ މަހަށް އަރާފައެވެ. އެއީ އަހަަރުން އަހަރަށް 61.3 އިންސައްތައިގެ އިތުރުވުމެކެވެ.

2024 ވަނަ އަހަރު 37،547 މެޓްރިކްޓަނުގެ ކަޅުބިލަމަސް ކިރުވި ނަމަވެސް 2025 ވަނަ އަހަރު ކިރުވި ކަޅުބިލަމަހުގެ އަދަދުވަނީ 64،774.9 މެޓްރިކްޓަނަށް އިތުރުވެފައެވެ. 2024 ގައި 10،754 މެޓްރިކްޓަނުގެ ބޮޑުކަންނެލި ކިރުވިއިރު ނިމުނު އަހަރު އެ އަދަދުވަނީ 13،180.9 މެޓްރިކްޓަނަށް އަރާފައެވެ. 

މަސް ކިރުވި އަދަދާއި މަސް ބޭރުކުރި އަދަދު އިތުރުވިއިރު، ބޭރުކުރި މަހުގެ އަގުވެސްވަނީ އިތުރުވެފައެވެ. އެގޮތުން 2024 ވަނަ އަހަރު 75.8 މިލިއަން ޑޮލަރުގެ މަސް ބޭރުކޮށްފައިވާއިރު، 2025 ވަނަ އަހަރު 122.7 މިލިއަން ޑޮލަރުގެ މަސް ބޭރުކޮށްފައިވެއެވެ. އެއީ 61.9 އިންސައްތަައިގެ އިތުރުވުމެކެވެ. 

މަސް ބޭރުކުރި އަދަދު އިތުރުވެ، ބޭރުކުރި މަހުގެ އަގުވެސް މައްޗަށް ގޮސްފައިވާއިރު، 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ސަރުކާރުން އަންނަނީ މަސް ކިރުވާތާ 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދޫކުރެވޭނެ ނިޒާމެއް ގާއިމުކޮށް ތަންފީޒުކުރަމުންނެވެ. 

މަސްވެރިކަމަށް ލިބުނު ކުރިއެރުމުގެ މައިގަނޑު ސަބަބަަކީ ސަރުކާރުން ސިޔާސަތަށް ގެނައި ބަދަލާއެކު މަސްކިރުވާ މިންވަރު އިތުރުވެ، މަސްވެރިކަމުގެ އުފެއްދުންތެރިކަން އިތުރުވުމެވެ. ސަރުކާރުން އަންނަނީ މަސްވެރިކަން އިތުރަށް ތަރައްގީކުރުމަށްޓަކައި އެ ސިނާއަތުގެ ބިނާރުތައް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު