ENGLISH

25 ޑިސެމްބަރު 2025

Advertisement

ބިދޭސީންނަށް ކުއްޔަށް ދީފައިވާ ސޯޝަލް ހައުސިންތައް ހުސްކުރަން މުހުލަތެއް ދީފި

25 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ހިޔާ ފްލެޓްތައް -- ފޮޓޯ: އިޔާން

ބިދޭސީންނަށް ކުއްޔަށް ދީފައިވާ ސޯޝަލް ހައުސިންތައް ހުސްކުރަން މުހުލަތެއް ދީފި އެވެ.

އެކަން އެޗްޑީސީން މިރޭ ވަނީ ހާމަކޮށްފަ އެވެ. އެޗްޑީސީން ބުނީ ސޯޝަލް ހައުސިން ޔުނިޓްތައް ލިބިފައިވަނީ އެކަމަށް ޝަރުތުހަމަވާ މީހުންނަށް ކަމަށާ ނަމަވެސް އެފަދަ ބައެއް ތަންތަން ބިދޭސީންނަށް ކުއްޔަށް ދީފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އެއީ ޤަވާއިދާ ޚިލާފު ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ސޯޝަލް ހައުސިންގެ ތެރެއިން ދޫކޮށްފައިވާ އެއްވެސް ތަނެއް ބިދޭސީންނަށް ކުއްޔަށް ދީފައިވާނަމަ އެތަންތަން ހުސްކުރަން މުހުލަތެއް ވެސް ވަނީ ދީފަ އެވެ. އެގޮތުން އަންނަ ޖަނަވަރީ މަހުގެ ތިންވަނަ ދުވަހުގެ ކުރީން އެތަންތަން ހުސްކުރަން އެ މީހުންނަށް އެންގުމަށް އެޗްޑީސީން ވަނީ އެދިފަ އެވެ.

އެޗްޑީސީން ވަނީ ސޯޝަލް ހައުސިން ޔުނިޓްތައް ލިބިފައިވާ މީހުންނާއެކު ވެފައިވާ އެއްބަސްވުމަށް ފުރިހަމަ އަށް އަމަލުކުރުމަށް އިލްތިމާސް ކޮށްފަ އެވެ. އެ ކުންފުނިން ބުނީ ޖަނަވަރީ ތިނެއްގެ ފަހުން, ސޯޝަލް ހައުސިންގެ ތެރެއިން ދޫކޮށްފައިވާ އެއްވެސް ތަނެއް ބިދޭސީންނަށް ކުއްޔަށް ދީފައިވާނަމަ އެއްބަސްވުން އުވާލާނެ ކަމަށެވެ.

ސޯޝަލް ހައުސިން އަކީ ބޯހިޔާވަހިކަން ނެތް މީހުންނަށް ހިންގާ ސްކީމެކެވެ. އެ ސްކީމްގެ ދަށުން ބައެއް މީހުން ފްލެޓް ހޯދަނީ އޮޅުވާލައިގެން ގޯސް މައުލޫމާތު ދީގެން ކަމަށް ބައެއް މީހުން ދެކެ އެވެ. އެފަދަ މީހުން އެތަންތަން ލިބުމުން ބޮޑު އަގުގައި ކުއްޔަށް ދެ އެވެ. އެހެން ކަމުން ބޯހިޔާވަހިކަމުގެ މައްސަލައަށް ކުޑަވެސް ހައްލެއް ނުލިބެ އެވެ.

އެކަން އެނގުނު ނަމަވެސް މިހާތަނަށް ސަރުކާރަކަށް އެ މައްސަލަތައް ހައްލުކުރަން ހަރުދަނާ ފިޔަވަޅެއް އެޅިފައެއް ނުވެ އެވެ. މި ސަރުކާރުން އަޅާ މިފަދަ ފިޔަވަޅުތަކަށް ރައްޔިތުންގެ ވަރަށް ގިނަ ބަޔަކު ތާއީދު ކުރެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ސޯޝަލް ހައުސިންގެ މައްސަލަ ހައްލު ކުރައްވަން ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު