ENGLISH

22 ޑިސެމްބަރު 2025

Advertisement

ޕޭމަންޓް މޯލްޑިވްސް؛ ޑިޖިޓަލް މާލީ ހިދުމަތްތައް މުޅިން އައު ހަރުފަތަކަށް ގެންދާނެ

22 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

އެމްއެމްއޭގެ ޕޭމެންޓު މޯލްޑިވްސް ކުންފުނި ގަވަނަރު އިފުތިތާހުކޮށްދެއްވުން، ފޮޓޯ: އެމްއެމްއޭ

ރާއްޖޭގެ މާލީ ހިދުމަތްތަައް ޑިޖިޓަލައިޒްކޮށް ވިޔަފާރިތަކާއި އާއްމުންނަށް ޕޭމެންޓު ހިދުމަތްތައް ފަސޭހަ ރައްކާތެރި ހަލުއި އިންތިޒާމުތަކެއްގެ ތެރެއިން ފޯރުކޮށްދިނުމަށް މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އުފެއްދި ކުންފުނި ޕޭމެންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިފުތިތާހުކޮށްފިއެވެ. 

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަރުކަޒީ ބޭންކުގެ ގަވަނަރު އަހްމަދު މުނައްވަރު އިފުުތިތާހުކޮށްްދެއްވި މި ކުންފުންޏަކީ ރީޓެއިލް ޕޭމެންޓު ނިޒާމުތައް ހަރުދަަނާކޮށް ހިންގުމާއެކު، ޒަމާނީ ޓެކްނޮލޮޖީގެ އެކި ވަސީލަތްތަކުގެ ޒަރީއާއިން އައު ހިދުމަތްތައް ތައާރަފުކުރުމުގެ މަގުސަދުގައި އެމްއެމްއޭއިން އުފެެއްދި ކުންފުންޏެކެވެ. 

އެގޮތުން މިހާރު އެމްއެމްއޭއިން ފޯރުކޮށްދޭ ޕޭމެންޓު ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ފަވަރައާއި އޮޓޯމޭޓެޑް ހައުސް ފަދަ ރީޓެއިލް ޕޭމެންޓު ނިޒާމުތައް އެމްއެމްއޭއާ ވަކިން، ވަކި މެނޭޖުމެންޓެއްގެ ބެލުމުގެ ދަށުން ހިންގައި ކުރިއެރުވުމުގެ ހުރިހާ ޒިންމާއެއް އަދާކުރަނީ މި ކުންފުނިންނެވެ. 

މިހާރުގެ ހިދުމަތްތައް ކުރިއެރުވުމުގެ ތެރެއިން ކުރަން ހުރި މުހިއްމު މަސައްކަތްތަކުގެ ތެރޭގައި ފަވަރައާއި އިންޑިޔާގެ ޔޫޕީ ގުޅުވައިލާ ބޯޑަރު ހުރަސްކޮށް ޕޭމެންޓު ހެދޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތާއި، ޕޭއެމްވީ ކިއުއާރް ކޯޑު ތައާރަފުކުރުމުގެ މަސައްކަތް ހިމެނެއެވެ. 

ރާއްޖެއަށް އައު ނަމަވެސް މިފަދަ ކުންފުނިތައް ހިންގައި ޕޭމެންޓު ނިޒާމުތައް ގާއިމުކޮށް އައު އީޖާދީ ވިސްނުންތަކާއެކު ތަރައްގީކުރުމުގެ މަސައްކަތަކީ އެކި ގައުމުތަކުގައި ކާމިޔާބުކަމާއެކު ތަޖުރިބާކޮށްފައިވާ ކަންކަމެވެ. އެގޮތުން އިންޑިޔާގެ ނޭޝަނަލް ޕޭމެންޓް ކޯޕަރޭޝަން އޮފް އިންޑިޔާއާއި އޮސްޓްރޭލިއާގެ އެންޕީޕީ އޮސްޓްރޭލިޔާ ފަދަ ކުންފުނިތަކަކަކީ އެ ގައުމުތަކުގެ މަރުކަޒީ ބޭންކުތަކައި ވިޔަފާރި ބޭންކުތައް ގުޅިގެން އުފައްދައި ތަރައްގީކޮށްފައިވާ ކުންފުނިތަކެވެ. 

އެމްއެމްއޭއިން ބުނެފައިވާ ގޮތުން ޕޭމެންޓް މޯލްޑިވްސް އުފެދި މަސައްކަތް ފެށުމުން ދިވެހިރާއްޖޭގެ މާލީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް އަންނާނެއެވެ. ދިވެހިން ޑިޖިޓަލް ޕޭމެންޓު އުސްލޫބުތައް ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ، ރަނގަޅު ހަރުދަނާ ރައްކާތެރި އަދި އެންމެނަށް ބޭނުންކުރެވޭ ޑިޖިޓަލް އިންފްރަސްޓްރަކްޗާ ގާއިމުކުރުމުގެ ބޭނުންތެރިކަން އިތުރުވެފައިވާކަން އެ ބޭންކުން ފާހަގަކުރެއެވެ. 

މަރުކަޒީ ބޭންކުން ބުނި ގޮތުގައި އަލަށް އުފެދުނު ޕޭމެންޓް މޯލްޑިވްސްއާއެކު އެމްއެމްއޭއިން މިހާރު ގާއިމުކޮށްފައިވާ ޕޭމެންޓު ނިޒާމުތައް އިތުރަށް ތަރައްގީކުރުމާއެކު އައު އީޖާދީ ޕްލެޓުފޯމުތައް އުފަންކުރާނެއެވެ. މިހާރު ބޭނުންކުރާ މަންސަތަކަށް ގެނެވޭ ކުރިއެރުމާއި އަލަށް އުފައްދާ ޕްލެޓުފޯމުތަކާއެކު، ރައްޔިތުންނަށް އަވަސް އަދި އިތުބާރު ހިފޭ ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމުގައި އެމްއެމްއޭއިން ބުނެއެވެ. 

ޕޭމެންޓު މޯލްޑިވްސް ކުންފުނި އިފުތިތާހުކުރުމުގެ ތެރެއިން 

މާލީ މުއާމަލާތްތަކުގެ ރައްކާތެރިކަން އިތުރަށް ކަށަވަރުކުރެވި، އައު އީޖާދީ މާލީ ހިދުމަތްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދީ، މާލީ ހިދުމަތްތަކަކީ އެންމެންނަށް ބައިވެރިވެވޭ ޝާމިލު ހިދުމަަތްތަކަކަށް ހަދައި، އިތުރު ބަޔަކަށް ރަސްމީ މާލީ ނިޒާމުގައި ބައިވެރިވުމުގެ ފުރުސަަތު ފަހިކޮށްދެވޭނެއެވެ. 

އަދި ވިޔަފާރިތަކުން ޕޭމެންޓު ހިދުމަތްތައް ހޯދުމަށް ކުރާ ހަރަދު ކުޑަކޮށް، އައު ފަންނިއްޔާތުތަކާއި ހިދުމަތްތަކަށް އަހުލުވެރިވުމުގެ ފުރުސަތު ފޯރުކޮށްދީ ބައިނަލްއަގުވާމީ ވިޔަފާރީގެ ތެރެއިން ތަފާތު ފުރުސަތުތައް ދިވެހި ވިޔަފާރިތަކަށް ފަހިވެގެންދާނެ ކަމުގައި އެމްއެމްއޭއިން ބުނެއެވެ. 

މި ކުންފުންޏާއެކު ރާއްޖޭގެ މާލީ ބިނާރު އިތުރަށް ވަރުގަދަކުރެވި، ޑިޖިޓަލް އިގުތިސާދަކަަށް އަމާޒު ހިފައި، އެ މިސްރާބަށް އިތުރު ފިޔަވަޅުތައް އަޅާއި، ދިވެހި ރައްޔިތުންނާ ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކާ ފަސޭހަތައް ލިބިގެންދާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު