ENGLISH

22 ޑިސެމްބަރު 2025

Advertisement

ވިލިމާލެ ހޮސްޕިޓަލްގެ ސާވޭ އާއި ޑިޒައިން މަސައްކަތަށް ޗައިނާ ޓީމެއް ރާއްޖެ އަށް

22 ޑިސެމްބަރު 2025

|

މަރިޔަމް ލީމް

ވިލިމާލޭގައި ތަރައްގީކުރާ ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ކުރަން ޖެހޭ މުހިންމު ސާވޭ އާއި ޑިޒައިނިން މަސައްކަތް ކުރުމަށް ޗައިނާގެ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

ވިލިމާލެ ހޮސްޕިޓަލް ތަރައްގީކުރުމާ ގުޅޭގޮތުން މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ދިވެހި ރާއްޖެއާއި ޗައިނާއާއި ދެމެދު ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކޮށްފައިވެއެެވެ.

މި ހޮސްޕިޓަލުގެ އިމާރާތާއި ވަޞީލަތް ޤާއިމުކުރުމުގެ ހުރިހާ މަަސައްކަތްތަކެއް ކުރާނީ ޗައިނާ ސަރުކާރުންކަން ފާހަގަކުރައްވާ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ ވިލިމާލޭގައި ތަރައްޤީކުރުމަށް ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލުގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރެވޭ މަސައްކަތެއް ކަމަށެވެ.

އެ ވުޒާރާއިން އެކްސްގައި ހިއްސާކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ޗައިނާ ނޯތުއީސްޓް އާކިޓެކްޗަރަލް ޑިޒައިން އެންޑް ރިސާޗް އިންސްޓިޓިއުޓް ކޯ ލިމިޓެޑުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންޓް ޓީމެއް މިހާރު ވަނީ ރާއްޖެ އައިސްފައެވެ. އަދި ވިލިމާލޭގައި އިމާރާތްކުރާ ޓާރޝަރީ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ސާރވޭ ހެދުމާއި އެހެނިހެން މަސައްކަތައް ކުރުމަށް އަންނަ ޖަނަވަރީ މަހުގެ 15 އާ ހަމައަށް އެ ޓީމު ރާއްޖޭގައި ތިބޭނެއެވެ. 

މި މަސައްކަތުގެ ތެރެއިން މައިގަނޑު ގޮތެއްގައި ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވަނީ ވިލިމާލެ ހޮސްޕިޓަލުގެ ޑިޒައިން ކުރުމުގެ މަރުހަލާތައް އިތުރަށް ހަރުދަނާކުރުމާއެކު، މި މަސައްކަތަށް ޚާއްސަ "ޖިއޯޓެކްނިކަލް ސާރވޭ" ތައް ހެދުމެވެ.

މިއިން ކޮންމެ މަސައްކަތަކީ މުހިންމު ސްޓޭކްހޯލްޑަރުންނާއި ޗައިނާގެ ޓީމް ގުޅިގެން ކުރަމުންދާ މަސައްކަތްތަކެއްކަން އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު