ENGLISH

22 ޑިސެމްބަރު 2025

Advertisement

ސަރުކާރުން ދަނީ ޒުވާނުންގެ އަގުވަޒަންކޮށް، އިތުރު ފުރުޞަތުތައް ފަހިކޮށްދެމުން: ވަޒީރު

22 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ޒުވާނުންގެ ޤައުމީ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތަށް ވަޒީރު އިބްރާހީމް ވަޙީދު ޔޫތު ހަބަށް ވަޑައިގެންނެވުން. ފޮޓޯ: ޒުވާނުންގެ ވުޒާރާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ޒުވާނުންގެ އަގުވަޒަންކުރަމުން ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް ޒުވާނުންގެ އަގުވަޒަންކޮށް ފުރުޞަތުތައް ފަހިކޮށްދެއްވާނެ ކަމަށް، ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވެއްޖެއެވެ. 

ޒުވާނުންނަށް އަގުހުރި މެސެޖުތަކެއް ވަޒީރު ދެއްވެވީ "ނޭޝަނަލް ޔޫތު ކޮންފަރެންސް 2025" ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ. 

ވަޒީރު ވިދާޅުވީ، މާދަމާގެ ދިވެހިރާއްޖެ އޮންނާނީ މިއަދުގެ ޒުވާނުންގެ ފިކުރާއި ސުލޫކުގައި އެކަން ސޫރަކުރެވޭ ގޮތެއްގެ މަތީގައި ކަމަށެވެ. އަދި، މާދަމާގެ ދިވެހިރާއްޖެ ބިނާވާނީ އަދުގެ ޒުވާނުންގެ ހިތްތަކުގައިކަމަށާއި، މިއަދުގެ ޒުވާނުންނަށް މިހާރު ހޯދައިނުދެވޭ އެއްޗެއް މާދަމާ މި ޤައުމުގަ ނޯންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

ޒުވާނުންނަށް ފަހި ފުރުޞަތުތައް ސަރުކާރުން ހޯއްދަވައިދެއްވާ ކަމުގެ މިސާލަކީ ޒުވާނުންގެ ޤައުމީ ކޮންފަރެންސްކަން ވަޒީރު ފާހަގަކުރެއްވިއެވެ.  

"ކޮންމެ ދާއިރާއެއްގެ މީހަކަށް ވީކަމުގައި ވިޔަސް ޤައުމުގެ ކުރިއެރުވުމަށް ތިބާގެ ހުނަރު ބޭނުންކުރައްވާ. ޢިލްމަކީ ތިބާގެ އެންމެ ވަރުގަދަ ހަތިޔާރު. ކެނޑިނޭޅި ޢިލްމު ހޯދާ ދީލަތިކަމާއެކު ހިއްސާކުރައްވާ. ޝައުގުވެރިކަމާއި ހިތްވަރާ އެކު އުނގެނި ދަސްކުރައްވާ. އެކަމަށް އަޅުގަނޑުމެންގެ ސަރުކާރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެގެންދަވަނީ ދިވެހި ޒުވާނުން ބޭނުންވާ މަގުތައް ކޮއްޓަވަމުން ފުރުޞަތުތައް ފަހިކުރައްވަމުން. މިކަމަކީ ވެސް އޭގެ އަގުހުރި މިސާލެއް " - ވަޒީރު އިބްރާހީމް ވަޙީދު

ޒުވާނުންނަކީ މާދަމާގެ ލީޑަރުންނަށް ވާން މަޑުކުރެވެން ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ. ޒުވާނުން ލީޑަރުންނަށް ވާނީ މިއަދު ކަމަށާއި، ޤާބިލް ޒުވާނުން އުފެއްދަންޖެހޭނީ ވެސް މިއަދު ކަމަށް ވަޒީރު ވިދާޅުވިއެވެ. 

މިސްރާބުން ކަސިޔާރުކޮށްލުމަށްޓަކައި ޒުވާނާ ގޯސްކޮށް 'ޑިފައިންކޮށް' ސިކުނޑިތަކަށް އެހެން ގޮތަކަށް ވިސްނައިދޭ ބަޔަކު ވެސް އުޅޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. ދުވަހުގެ މުހިއްމު ވަގުތުތަކުގައި، އެއްވެސް ޕްރޮޑަކްޓިވް މަސައްކަތެއް ނުކޮށް، ބޭކާރު ގޮތުގައި ދުވަސް ހަރާބުކޮށްލާ މިރޭގެ ބޭނުމާ ހަމައަށް ފުދިފައި ހުންނަ ޒުވާނާއަކީ، އަބުރުވެރި ޒުވާނާ ކަމަށް ދައްކައިގެން ޒުވާން އެތައް ޖީލެއް ނެތިގެންގޮސްފައިވާކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. 

ޒުވާނުންގެ ޤައުމީ ކޮންފަރެންސްގެ ބައިވެރިން ވަޒީރާ އެކު. ފޮޓޯ: ޒުވާނުންގެ ވުޒާރާ

ނުރަނގަޅު ކަންކަމުން ދުރުވެ ވަޒީރު އެދިވަޑައިގަތީ ޒުވާން އުމުރުގައި ހިތްވަރާއެކު މަސައްކަތްކޮށް ޤައުމުގެ އިޤްތިޞާދު ކޮޅަށް ޖެހުމުގައި ބައިވެރިވުމަށެވެ. އަދި، ކަންނެތްކަން ދޫކޮށްލައި ބަދަލުވަމުން އަންނަ ދުނިޔެއަކަށް ޒުވާނުން ތައްޔާރުވުމަށް ވަޒީރު އެދިވަޑައިގަތެވެ. އަދި، އެކަމަށް ޒުވާނުންގެ ތަޢުލީމާއި ހުނަރު އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ. 

"ޒުވާން އުމުރުގައި ގިނަ ވަގުތު މަސައްކަތުގައި އުޅޭ ހިތްވަރުގަދަ ހިތްވަރުހުރި ޤައުމުގެ އިޤްތިޞާދު ކޮޅަށްޖަހާނެ ގިނަ ޒުވާން ފުދުންތެރި މިލިއަނަރުންނާއި އަދި ކީއްތޯ ބިލިއަނަރުން ވެސް ނުއުފެދެންވީ ޤައުމެއް ނޫން މި ޤައުމަކީ. އެ ގޮވެލި މިއަދު މި ޤައުމު އެބަ ގޮވާ. އެ ޒުވާނުންނަށް މި ޤައުމު އެބަ ބޭނުންވޭ" - ވަޒީރު އިބްރާހީމް ވަޙީދު

ޔޫތު ހަބްގައި ކުރިއަށްދާ ޒުވާނުންގެ ކޮންފަރެންސްގައި 93 ޒުވާނުން ބައިވެރިވެއެވެ. ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ ކޮންފަރެންސްގައި ޒުވާނުންގެ ޚިޔާލާ މަޝްވަރާ ހިމެނޭ ގިނަ ސެޝަންތަކެއް ކުރިއަށްގެންދަން ވަނީ ހަމަޖެހިފައެވެ. 

ޒުވާނުންގެ ޤައުމީ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު މާދަމާ ރޭ އޮންނައިރު، އެ ރަސްމިއްޔާތުގައި ޒުވާނުންގެ މަޝްވަރާތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. 

ކިޔުންތެރިންގެ ހިޔާލު