ENGLISH

22 ޑިސެމްބަރު 2025

Advertisement

މާލީ ދާއިރާއަށް އިންގިލާބީ ބަދަަލުތަކެއް ގެނައުމުގެ މަސައްކަތް؛ ގައުމީ އުފެއްދުންތެރިކަމުގައި މާލީ ދާއިރާގެ ހިއްސާ އިތުރުވާނެ

22 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

އެމްއެމްއޭއިން މާލީ ދާއިރާ ތަރައްގީކުރަން ފެށި މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިފުތިތާހުކޮށްދެއްވައިފި، ފޮޓޯ: ރައީސް އޮފީސް

މާލީ ދާއިރާއަށް ބޮޑެތި އިންގިލާބީ ބަދަލުތަކެއް ގެންނާނެ މަސައްކަތްތަކެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ފަށައިފިއެވެ. 

މާލީ ދާއިރާ އިތުރަށް ތަރައްގީކުރުމުގެ ގޮތުން އެމްއެމްއޭއިން ފަށާ ގިނަ މަސައްކަތްތަކެއް އިފުތިތާހުކުރުމަށް ހާއްސަ ރަސްމިއްޔާތެއް މިއަދު ބޭއްވިއިރު މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ. 

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެމްއޭގެ ގަވަނަރު އަހްމަދު މުނައްވަރުވަނީ އެމްއެމްއޭއިން ފަށާ މަސައްކަތްތަކުގެ ތަފުސީލު ހިއްސާކުރައްވާފައެވެ. އެގޮތުން މިއަދު އިފުތިތާހުކޮށްފައިވާ ތިން މަސައްކަތަކީ ނޭޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީއާއި، ޕޭމެންޓް މޯލްޑިވްސް އަދި ނޭޝަނަލް ސަސްޓައިނަބަލް ފައިނޭންޝަލް ރޯޑް މެޕެވެ. މި ތިން މަސައްކަތަކީ މާލީ ދާއިރާއިން ގައުމާއި ރައްޔިތުންނަށް ހިދުމަތްކުރާ ގޮތް މުޅިން ބަދަލުކޮށްލުމަށް ފަށާ މަސައްކަތެއް ކަމުގައި ގަވަނަރު ވިދާޅުވިއެވެ. 

"މިއަދު އަޅުގަނޑުމެން މިބިންގާ އަޅަނީ ފަރުމާގައި ޑިޖިޓަލް، އިޚުތިޔާރުން ދެމެހެއްޓެނެވި، އަދި އުސޫލުގައި ޝާމިލު ރާއްޖެެއެއް،" ގަވަނަރު ވިދާޅުވިއެވެ. ގަވަނަރު ވިދާޅުވި ގޮތުގައި މި ތިން މަސައްކަތުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގައި މާލީ ދާއިރާއިން ހިއްސާވާ މިންވަރު %6 އިން ދެގުނައަށް އިތުރުކޮށް %12 އަށް މަތިކުރުމެވެ. 

މާލީ ދާއިރާގައި ހުރިހާ ރައްޔިތުންގެ ބައިވެރިވުން ކަށަވަރުކުރުމަށް ފަށާ މަސައްކަތާ ގުޅޭ ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ 2022 ވަނަަ އަހަރު ހެދި ނޭޝަނަލް ފައިނޭންޝަލް ސާވޭއިން ރާއްޖޭގެ އަންހެނުންގެ އާބާދީގެ 14 އިންސައްތަ އަންހެނުންނަކީ މާލީ ހިދުމަތްތަކުން މަހުރޫމުވެފައިވާ މިންވަރުކަން ދެނެގަނެވިފައިވާ ކަމަށެވެ. އިންޝިއުރޭންސް ފަދަ ހިރާސް މެނޭޖުކުރުމާ ގުޅޭ އާލާތްތައް ބޭނުންކުރެވެނީ މަދުންކަމާއި، އިންޓަނެޓާއި މޯބައިލް ފޯނު އާއްމުވި ނަމަވެސް އިންޓަނެޓު ބޭންކިން ބޭނުންކުރަނީ އިސްރަށްވެހިންގެ 38 އިންސައްތަކަން އެ ސާވޭއިން ފާހަގަކުރެވުނު ކަމުގައި މުނައްވަރު ވިދާޅުވިއެވެ. 

އޭގެ އިތުރަށް ގަވަނަރު ވިދާޅުވީ ރާއްޖޭގެ އާބާދީގެ 22 އިންސައްތަ މީހުންނަކީ އަމިއްލަ މަސައްކަތްކުރާ މީހުން ކަމަށްވާއިރު އެ މީހުން މާލީ އެހީ ހޯދުމުގައި ބަރޯސާވަނީ ނުރަސްމީ ނިޒާމަށް ކަމުގައެވެ. 

"މި ހޯދުންތަކުގެ މައްޗަށް ބިނާކޮށް އެކުލަވައިލެވި މިއަދު އިފުތިތާހުކުރެވޭ ނޭޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ ތައްޔާރުކޮށްފަައިވަނީ ހަގީގީ ޝާމިލުވުމަކީ އެކްސެސް އެކަނި ދިނުމުގެ މައްޗަށް ބިނާވެފަައިވާ ކަމެއް ނޫންކަން ގަބޫލުކުރުމުގެ މައްޗަށް. މި ސްޓްރެޓެޖީތަކުގެ އަމާޒަކީ ގައުމީ ފެންވަރެއްގައި މާލީ ހިދުމަތްތައް ވާސިލުވާ މިންވަރު ފުޅާކޮށް ހިދުމަތް ބޭނުންކުރުމަށް މަގުފަހިކޮށްދިނުން،" މުނައްވަރު ވިދާޅުވިއެވެ. 

ޕޭމެންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަކީ ރާއްޖޭގެ މާލީ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމުގައި ހާސިލުކުރެވުނު މުހިއްމު މަގުފާހަގައެއް ކަމުގައި ފާހަގަކުރައްވަމުން މުނައްވަރު ވިދާޅުވީ، ހަ އަހަރު ކުރިން ރާއްޖޭގައި ހެދި ޕޭމެންޓުގެ 40 އިންސައްތަ ހެދީ ޗެކު މެދުވެރިކޮށް ކަމެވެ. ގަވަނަރު ވިދާޅުވި ގޮތުގައި މިހާރު އެ ނިސްބަތްވަނީ އެންމެ ހަ އިންސައްތައަށް ދަށްކުރެވިފައެވެ. 

އެކައުންޓު ޓްރާންސްފާތައްވަނީ ޖުމްލަ މާލީ މުއާމަލާތްތަކުގެ 49 އިންސައްތައިން 89 އިންސައްތައަށް އިތުރުވެފައިވާ ކަމަށާއި، ފަވަރައާއެކު ޑިޖިޓަލް މުއާމަލާތްތައް އިތުރުވި ކަމުގައި ގަވަނަރު ވިދާޅުވިއެވެ. އެގޮތުން ނިމުނު އަހަރު 23 ބިލިއަން ރުފިޔާގެ އަގުހުރި 8 މިލިއަން މުއާމަލާތް ފަވަރަ މެދުވެރިކޮށް ކުރެވުނުކަމަށާއި، މި އަހަރު އެ އަދަދު 48 ބިލިއަން ރުފިޔާގެ އަގުހުރި 16 މިލިއަންގެ މުއާމާލާތަށް އިތުރުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ. 

ޕޭމެންޓް މޯލްޑިވްސްއަކީ މޯލްޑިވްސް 2.0އާ އެއްގޮތްވާ ގޮތަށް މާލީ މުއާމަލާތްތައް ރައްކާތެރި އުސޫލުތަކާ ހަމަތަކާ އެއްގޮތަށް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް ހަލުއިކުރުމަށް މަސައްކަތްކުރާނެ ކުންފުންޏެއް ކަމަށާއި، އެއީ ޕޭމެންޓު ސޮލިއުޝަންތައް އުފައްދައިދިނުމުގެ މަސައްކަތްކުރާނެ ކުންފުންޏެއް ކަމަށް ވިދާޅުވިއެވެ. އަދި އެ ކުންފުނީގައި އިކުއިޓީ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވުމަށް ބޭންކުތަކާއި ޕޭމެންޓު ހިދުމަތް ދޭ ކުންފުނިތަކަށް ގަވަނަރު ދައުވަތު ދެއްވިއެވެ. 

މޫސުމީ ބަދަލުތަކުން ކުރޭ ނޭދެވޭ އަސަރުތަކުން އަރައިގަތުމާއި އެ ބަދަލުތަކަށް ހޭނުމަށް ރާއްޖެއަށް ގިނަ އަދަދެއްގެ ފައިސާ ބޭނުންވާނެކަން ފާހަގަކުރައްވަމުން ގަވަނަރު ވިދާޅުވީ އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި މާލީ ދާއިރާގެ ޒިންމާއެއްވެސް އޮންނާނެ ކަމަށެވެ. 

ނޭޝަނަލް ސަސްޓައިނަބަލް ފައިނޭންޝަލް ރޯޑް މެޕަކީ މާލީ ދާއިރާ މެދުވެރިކޮށް ރައުސުލްމާލު ނުވަތަ ކެޕިޓަލް ގައުމީ އަމާޒުތައް ހާސިލުކުރުމަށް ބޭނުނކުރުމަށް މަގުފަހިކުރާނެ ރޯޑް މެޕެއްކަމަށާއި، އެކަމުގައި އެމްއެމްއޭގެ އަމާޒަަކީ ދެމެހެއްޓެނެވި މާލީ ހިދުމަތްތަކުގެ ތެރެއިން ވިލުންތެރި ގައުމެއް ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައި ގަވަނަރު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު