ENGLISH
22 ޑިސެމްބަރު 2025
އެކި ދާއިރާތަކުން 93 ޒުވާނުންނާއެކު "ނޭޝަނަލް ޔޫތު ކޮންފަރެންސް 2025" ފަށައިފި
22 ޑިސެމްބަރު 2025
|
ޒުވާނުންގެ ޤައުމީ ކޮންފަރެންސް ފެށުން: ކޮންފަރެންސް ކުރިއަށްދާނީ ދެ ދުވަހުގެ ނިޔަލަށް. ފޮޓޯ: ޒުވާނުންގެ ވުޒާރާ
އެކި ދާއިރާތަކުން ޒުވާނުން ހިމެނޭހެން "ނޭޝަނަލް ޔޫތު ކޮންފަރެންސް 2025" މިއަދު ފަށައިފިއެވެ.
ޒުވާނުންގެ ވެހި ނުވަތަ ޔޫތު ހަބްގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައި ޒުވާނުންގެ ޤައުމީ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަޙީދު އެވެ.
ޒުވާނުންގެ ކޮންފަރެންސް ބާއްވަނީ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުން އިސްނަގައިގެންނެވެ.
ޔޫތު ހަބްގައި ޒުވާނުންގެ ޤައުމީ ކޮންފަރެންސް ކުރިއަށްދާނީ ޑިސެމްބަރު 22 އަދި 23 ވަނަ ދުވަހު އެވެ. ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިއަހަރުގެ ޒުވާނުންގެ ޤައުމީ ކޮންފަރެންސްގައި އެކި ދާއިރާތަކަށް ނިސްބަތްވާ 93 ޒުވާނުން ބައިވެރިވެއެވެ. ކޮންފަރެންސްގައި ހަ މަޢުޟޫޢުއަކަށް ބަހާލައިގެން ސެޝަންތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވީ، މިއަދަކީ ދިގު މާޒީއަކަށްފަހު، ޕްރެޒިޑެންޝަން ޔޫތު އެޑްވައިޒަރީ ބޯޑުން އިސްނަގައިގެން ޤައުމީ ފެންވަރެއްގައި ރާއްޖޭގެ ހުރިހާ އަތޮޅުތަކަކުން ޒުވާނުން އައިސް ޒުވާނުންނަށް ގައުމުގައި ފާހަގަކުރެވޭ ކަންކަމަށް އެއްތަނެއްގައި ތިބެ މަޝްވަރާކޮށް ސައްލާކޮށްލުމަށް ފުރުސަތު ލިބިގެންދާ ދުވަސް ކަމަށެވެ.
ޒުވާނުންގެ ވުޒާރާއިން ބުނީ ކޮންފަރެންސްގެ އަމާޒަކީ، ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ބަލައި، އެކަންބޮޑުވުންތަކަށް ވަށާޖެހޭ ޙައްލެއް ހޯދުމާއި، ޒުވާނުންގެ ޤައުމީ ސިޔާސަތެއް އެކުލަވާލުމަށްޓަކައި ޒުވާނުންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ އިތުރުން ޒުވާނުން ކުރިއެރުވުމަށްޓަކައި މަސައްކަތްކޮށްދިނުން ކަމަށެވެ.
ޔޫތު ހަބް ހުޅުވުމަށް ފަހު ޒުވާނުންގެ ވުޒާރާއިން އަންނަނީ އެތަނުގައި ޒުވާނުންނާ ގުޅުންހުރި ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.