ENGLISH

22 ޑިސެމްބަރު 2025

Advertisement

ފުލެޓުތަކުގެ ކުއްޔާއި ޖޫރިމަނާއަށް ލުއިތައް ދެނީ ދަރަނި އަދާކުރުމަށް ދަތިނުވާނެ ގޮތަށް: ރައީސް

22 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ހުޅުމާލޭ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ދޫކޮށްފައި ހުރި ފުލެޓުތަކުގެ ކުއްޔާއި ޖޫރިމަނާ އަދާކުރުމުގައި އެކި ލުއި ގޮތްތަައް ސަރުކާރުން ހަމަޖައްސައިދެނީ އެ ފުލެޓުތަކާ ގުޅިފައި ހުރި ދަރަނި އަދާކުރުމަށް ބުރުލެއް ނާރާނެ ގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެެއްޖެއެވެ. 

މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސް ކުރިއަށްގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ރޭ އެމަނިކުފާނު ބައްދަލުކުރެއްވި ބައްދަލުވުމުގައި ފުލެޓުތަކުގެ ކުލި ކުޑަކުރުމާއި ޖޫރިމަނާ މައާފުކުރުމާމެދު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރިއެވެ. 

ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ކުލި ކުޑަކުރުމާއި ޖޫރިމަނާ މައާފުކޮށްދިނުން ފަދަ އެއްވެސް ލުޔެއް ސަރުކާރުން ދޭނަމަ އެކަމެއް ކުރަނީ ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހު އެކަމުގައި އުފުލަންޖެހޭ މާލީ ބުރައަކީ ކޮބައިކަން ރަނގަޅަށް ދެނެގަތުމަށްފަހު ކަމަށެވެ. 

ރައީސް އިތުރަށް ވިދާޅުވީ އެއްވެސް ސިޔާސަތެއް ތަންފީޒުކުރެއްވުމުގެ ކުރިން އެ ސިޔާސަތުން ނިކުންނާނެ ނަތީޖާ ވަރަށް ރަނގަޅަށް ބަލައި ދިރާސާކުރާ ކަމަށެވެ. އަދި ރާއްޖޭގެ އިގުތިސާދަށް ނޭދެވޭ އަސަރުކުރާނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. 

"ސަރުކާރުން އެތެރޭގެ ދަރަނި، ބޭރުގެ ދަރަނި ދެއްކުމަށް އޮންނަ ޕްލޭނާ އެއްގޮތަށް، އެކަން ކުރުމަށް ހުރަސްއެޅޭ ގޮތަކަށް އަޅުގަނޑުމެންނެއް އެއްވެސް ކަހަލަ ލުޔެއް ނުވަތަ ޖޫރިމަނާ މާފުކުރުމެއް ކަމުގައި ވިޔަސް ނުކުރަން. އެކަންކަން މި ކުރަނީ އެފޯޑު ކުރެވޭ ގޮތަށް، ރައްޔިތުންނަށް ވެސް އޭގެ ބުރައެއް ޕާސްނުވާ ގޮތަށް، ހަމަ އެ އޮންނަ މިންގަނޑުގެ ތެރެއިން ކުރެވޭ ގޮތަށް ކަން ރައްޔިތުންނަށް އަޅުގަނޑު ދަންނަވަން،" ރައީސް ވިދާޅުވިއެވެ. 

އަދި މިފަދަ ލުއިތައް ދިނުމުގައި މާލޭގައި އަޅާފައި ހުރި ފުލެޓުތަކާއި އަތޮޅު ތެރޭގެ ރަށްރަށުގައި އަޅާފައި ހުރި ފުލެޓުތަކުގެ މެދުގައި ތަފާތެއް ނުކުރައްވާކަމަށާއި، އެ ލުއިތައް ދެއްވަމުންގެންދަވަނީ ވަކި އުސޫލެއްގެ މަތިން މިންގަނޑުތަކެއްގެ ތެރެއިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

މިފަހުން ސަަރުކާރުންވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ 4،000 ހައުސިން ޔުނިޓުގެ ޑައުންޕޭމެންޓު ކުޑަކޮށްދީ، ކުލިވެސް ލުއިކޮށްދީފައެވެ. އޭގެ އިތުރަށް ހިޔާގެ ހަތްހާސް ފުލެޓު ލިބުނު މީހުންގެ ތެރެއިން ކުލި ނުދައްކާ ފަރާތްތަކަށް ދައްކަންޖެހޭ ޖޫރިމަނާވެސް ސަރުކާރުންވަނީ މައާފުކޮށްދީފައެވެ. 

ކިޔުންތެރިންގެ ހިޔާލު