ENGLISH
22 ޑިސެމްބަރު 2025
ދުނިޔޭގެ އެންމެ ވަރުގަދަ އެއް އެއާލައިންކަމުގައިވާ އެމިރޭޓްސްއަށް އައު ޓާމިނަލުން ހިދުމަތް ދޭން ފަށައިފި
22 ޑިސެމްބަރު 2025
|
ވީއައިއޭގެ އައު ޓާމިނަލުން އެމިރޭޓްސްއަށް ހިދުމަތް ދޭން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: އެމްއޭސީއެލް
ދުނިޔޭގެ އެންމެ ވަރުގަދަ އެއް އެއާލައިން ކަމުގައިވާ އެމިރޭޓްސްއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އައު ޓާމިނަލުން ހިދުމަތް ދޭން ފަށައިފިއެވެ.
އެމިރޭޓްސްއަށް ވީއައިއޭގެ ޓާމިނަލް އެކަކުން ހިދުމަތް ފޯރުކޮށްދޭން ފެށުން ފާހަގަކުރުމަށް އިއްޔެ އެ އެއާޕޯޓުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވިއެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް ތާރިގު އިބްރާހީމެވެ.
ރަސްމިއްޔާތުގައި އެމިރޭޓްސް އިން ރާއްޖެއާއި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ މެނޭޖަރު ޖަބޭރު މުހައްމަދާއި އެމިރޭޓްސްގެ އޮފިޝަލުންނާއި އެމްއޭސީއެލްގެ އިސްވެރިން އަދި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
އިއްޔެ ޓާމިނަލް އެކަކުން އެމިރޭޓްސްގެ ކަސްޓަމަރުންނަށް ހިދުމަތް ދޭން ފަށާފައިވާއިރު، އެ ޓާމިނަލުގައި ހުރި އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އިއްޔެ ވީއައިއޭއިން ފުރި އެމިރޭޓްސްގެ 310 ފަސިންޖަރަކަށް ހިދުމަތް ފޯރުކޮށްދިނެވެ.
އަދި އައު ޓާމިނަލަށް ކައިރިކުރި އެމިރޭޓްސްގެ އީކޭ-660 މަތިންދާބޯޓުގައި ރާއްޖެއަށް އައި 298 ފަސިންޖަރުންނަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ. އެ ފަސިންޖަރުންނަށް މަރުހަބާ ކިޔުމުގެ ގޮތުން ސަގާފީ ހަރަަކާތްތައް ބާއްވާފައިވެއެވެ.
ދުނިޔޭގެ އެންމެ ބޮޑެތި އެއާލައިންތަކުގެ ތެރޭގައި ހިމެނޭ އެމިރޭޓްސްއަކީ މެދުއިރުމަތީގެ އެއްވަނަ އެއާލައިނެވެ. މި އެއާލައިނަކީ އައު ޓާމިނަލުން ހިދުމަތް ދޭން ފެށި ޔުނައިޓެޑް އަރަބިކް އެމިރޭޓްސްގެ ހަތަރުވަނަ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުކުރަން ފެށީ މޭ 27، 1987 ގައެވެ.
އެމިރޭޓްސްއަށް އައު ޓާމިނަލުން ހިދުމަތް ދޭން ފެށުމާއެކު މިހާރު އައު ޓާމިނަލުން އަންނަނީ ޖުމްލަ 36 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ.