ENGLISH

22 ޑިސެމްބަރު 2025

Advertisement

ލޯކަލް ކައުންސިލް އިންތިޚާބު؛ 3 ކައުންސިލަރުން 133 ރަށުގައި، 5 ކައުންސިލަރުން 46 ރަށުގައި

22 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

2025 އޮކްޓޫބަރު 26 ވަނަ ދުވަހު، އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށްނަގާ ޢާންމު ވޯޓުގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ: އިލެކްޝަންސް ކޮމިޝަންސް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް ކޮންމެ ސިޓީއެއް އަދި ރަށެއްގައި ހިމެނޭ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތާއި، އެ އިންތިޚާބީ ދާއިރާތަކުގެ ސަރަޙައްދުތައް ކަނޑައަޅާފައިވާ ގޮތުގެ ދާއިމީ ރިޕޯޓު އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށްފިއެވެ. 

ސަރުކާރުގެ ގެޒެޓުގައި އަދި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި އިއްޔެ އާއްމުކޮށްފައިވާ ރިޕޯޓުގައި ވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގައި ކޮންމެ ރަށެއް އަދި ސިޓީއަކުން ގޮނޑިތައް ބެހިފައިވާގޮތުގެ ތަފްޞީލް އާއްމުކޮށްފައެވެ. 

ރިޕޯޓް އެކުލަވާލާފައިވަނީ 2025 ސެޕްޓެމްބަރު 30 ގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާ އާބާދީއަށް ބަލައިގެންނެވެ. 

ޤާނޫނަށް ގެނައި އިޞްލާޙާއެކު ކުރިއަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި 2000 އިން ދަށުގެ އާބާދީތަކުގައި ތިބޭނީ 3 ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 3 މެންބަރުންނެވެ. އަދި، 2000 އިން މަތީގެ އާބާދީ ހިމެނޭ ރަށްތަކުގައި 5 ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 5 މެންބަރުން ތިބޭނެއެވެ. 

ރިޕޯޓުގައި ވާގޮތުން އާބާދީއަށް ބަލައި 3 ކައުންސިލަރުން ތިބޭނީ 133 ރަށުގައެވެ. އަދި، 5 ކައުންސިލަރުން ތިބޭނީ 46 ރަށުގައެވެ. ތިިން ކައުންސިލަރުން ތިބޭ ރަށްރަށުގައި އަންހެނުންނަށް 1 ގޮނޑި އަދި 5 ކައުންސިލަރުން ތިބޭ ރަށްރަށުގައި އަންހެނުންނަށް 2 ގޮނޑި ވަނީ ކަނޑައަޅައިފައެވެ. 

އާއްމުކޮށްފައިވާ މަޢުލޫމާތުގައި ވާގޮތުން ތިން ކައުންސިލަރުން ތިބޭ 133 ރަށުގެ އާބާދީއަކީ 136957 މީހުންނެވެ. އެއީ ކައުންސިލްގެ 399 ގޮނޑިއެވެ. އަދި، ފަސް ކައުންސިލަރުން ތިބޭ 46 ރަށުގެ ޖުމްލަ އާބާދީއަކީ 136298 މީހުންނެވެ. އެއީ 230 ކައުންސިލް ގޮނޑިއެވެ. 

އައްޑޫ ސިޓީ ކައުންސިލް އަލުން ކަނޑައެޅުމަށާއި، އައްޑޫ މީދޫ ރަށު ކައުންސިލާއި އައްޑޫ ހުުޅުދޫ ރަށު ކައުންސިލްގެ ގޮތުގައި ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ނިންމަވާފައިވާތީ، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެ ދެރަށަށް ކައުންސިލް މެންބަރުން އިންތިޚާބުކުރާނެއެވެ. 

ޤާނޫނަށް ގެނައި އިޞްލާޙާއެކު، އަލަށް އެކުލަވާލާ ކައުންސިލުގައި ސިޓީތައް ނުހިމެނޭ ގޮތަށް ރަށްރަށުގައި ތިބޭނީ 629 ކައުންސިލަރުންނެވެ. 

އިލެކްޝަންސް ކޮމިޝަނުގެ ބައްދަލުވުމެއް ކުރިއަށްދަނީ. ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ސިޓީތަކުގައި ވެސް އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވަނީ 2025 ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށް އާބާދީއަށް ބަލައިގެންނެވެ. 

އިލެކްޝަންސް ކޮމިޝަނުގެ ރިޕޯޓުގައި ވާގޮތުން، ކުޅުދުއްފުށި ސިޓީގައި 11،110 (އެގާރަހާސް އެއްސަތޭކަ ދިހައެެއް) މީހުން ދިރިއުޅޭއިރު ތިނަދޫ ސިޓީ - 10،453 (ދިހަހާސް ހަތަރު ސަތޭކަ ފަންސާން ތިނެއް) މީހުން ދިރިއުޅެއެވެ. އެ ސިޓީއަށް އިންތިޚާބުކުރެވޭނީ ކައުންސިލްގެ މޭޔަރާއި، އަންހެން މެންބަރުން ހިމެނޭ ގޮތަށް 7 ގޮނޑިއެވެ. އެގޮތުން އަންހެނުން މެންބަރުންނަށް 2 ގޮނޑި ވަނީ ކަނޑައަޅައިފައެވެ. 

ފުވައްމުލައް ސިޓީގެ އާބާދީއަކީ 13،802 (ތޭރަހާސް އަށްސަތޭކަ ދޭއް) މީހުންނެވެ. އެ ސިޓީގައި 8 އަވަށް އޮންނައިރު، ފުވައްމުލައް ސިޓީއަށް އިންތިޚާބުކުރެވޭނީ، ކައުންސިލްގެ މޭޔަރާއި، އަންހެން މެންބަރުން ހިމެނޭ ގޮތަށް 9 ގޮނޑިއެވެ. އަންހެން މެންބަރުންގެ ގޮތުގައި ކަނޑައަޅާފައިވަނީ 3 ގޮނޑިއެވެ. 

އައްޑޫ ސިޓީ (ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ) ގެ އާބާދީއަކީ 28،800 (އަށާވީސްހާސް އަށްސަތޭކަ) މީހުންނެވެ. އެގޮތުން އައްޑޫ ސިޓީއަށް އިންތިޚާބުކުރެވޭނީ ކައުންސިލްގެ މޭޔަރާއި، އަންހެން މެންބަރުން ހިމެނޭ ގޮތަށް 11 ގޮނޑިއެވެ. އަދި، އަންހެނުން މެންބަރުންނަށް 4 ގޮނޑި ކަނޑައަޅާފައިވެއެވެ. 

އިލެކްޝަންސް ކޮމިޝަންގެ ރިޕޯޓުގައި ވާގޮތުން މާލެ ސިޓީގެ މިހާރުގެ އާބާދީއަކީ 83،813 (އައްޑިހަ ތިންހާސް އަށްސަތޭކަ ތޭރަ) މީހުންނެވެ. މާލެ ސިޓީ ކައުންސިލަށް ކައުންސިލަރުން އިންތިޚާބުކުރާނީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާ ކަނޑައަޅާފައިވާ ގޮތަށެވެ. އެގޮތުން މާލޭ ސިޓީ ކައުންސިލަށް އިންތިޚާބުކުރާނީ 17 ކައުންސިލަރުންނެވެ. އެ 17 މެންބަރުންގެ ތެރޭގައި 6 އަންހެން މެމްބަރުން ހިމެނޭނެއެވެ. 

މޭޔަރުގެ ގޮނޑިއާއެކު މާލެ ސިޓީގައި ޖުމްލަ ތިބޭނީ 18 ކައުންސިލަރުންނެވެ. ސިޓީގެ މޭޔަރު މާލޭ ރައްޔިތުންގެ ސިއްރު ވޯޓަކުން އިންތިޚާބުކުރާއިރު، ބާކީ 17 މެންބަރުން ސިއްރު ވޯޓަކުން އިންތިޚާބުކުރާނީ ކޮންމެ އިންތިޚާބީ ދާއިރާއަކުން 1 މެންބަރެއް ހިމެނޭ ގޮތަށެވެ. 

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން މިހާރު އަންނަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު