ENGLISH
22 ޑިސެމްބަރު 2025
ކާވާ ވިމެންސް ކަޕް: ދެވަނަ މެޗުގައި އަފްޣާނިސްތާން އަތުން ވެސް ރާއްޖެ މޮޅުވެއްޖެ
22 ޑިސެމްބަރު 2025
|
މުބާރާތުގައި އަފްޣާނިސްތާނާ ދެކޮޅަށް ޕޮއިންޓެއް ހޯދުމަށްފަހު ރާއްޖޭގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. ފޮޓޯ: ކާވާ
މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ވިމެންސް ކަޕްގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުން ވެސް ފަސޭހަކަމާއެކު އަފްޣާނިސްތާން އަތުން މޮޅުވެއްޖެއެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގައި ރާއްޖޭން އަފްޣާނިސްތާން އަތުން މޮޅުވީ ސީދާ ތިން ސެޓުންނެވެ.
މި މެޗުގެ ސެޓުތައް ރާއްޖޭން ކާމިޔާބުކުރީ 25-20، 25-13، އަދި 25-12 އިންނެވެ.
ރޭގެ މެޗު ފެށުމުގެ ކުރީން ވަނީ އިއްޔެގެ ވަގުތެއްގައި ނިޔާވި ގައުމީ ވޮލީބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ، އިބްރާހިމް އާދިލް (ކޮއްކޮ) ގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފައެވެ.
މެޗު ފެށުމުގެ ކުރީން ރާއްޖޭގެ ކުޅުންތެރިން ހަމަހިމޭންކަމުގެ ސުކޫތެއްގަ. ފޮޓޯ: ކާވާ
މި މުބާރާތުގައި އިއްޔެ ކުޅުނު އަނެއް މެޗުގައި ކިރްގިސްތާނުން ވަނީ ސީދާ ތިން ސެޓުން ބަންގްލަދޭޝްގެ މައްޗަށް ކުރިހޯދާފައެވެ. މި މެޗުގެ ސެޓުތައް ކިރްގިސްތާން ގެންދިޔައީ، 25-15، 25-21، އަދި 25-11 އިންނެވެ.
މުޅިއެކު ހަތަރު ޓީމު ވާދަކުރާ މުބާރާތުގެ ކުޅުން ކުރިއަށްދާނީ މި މަހުގެ 20 އިން 25 ގެ ނިޔަލަށެވެ. މި މުބާރާތުގައި ރާއްޖެއާއި ބަންގްލަދޭޝްގެ އިތުރުން ދެން ވާދަކުރަނީ، އަފްޣާނިސްތާން އާއި ކިރްގިސްތާނެވެ.
މި މުބާރާތް ރޭވިފައިވާ ގޮތުން، ލީގު އުސޫލުން ކުޅުމަށް ހަމަޖެހިފައިވާ ބުރަށްފަހު ދެން ކުޅޭނީ ސެމީ ފައިނަލް އެވެ. އެގޮތުން، ސެމީގެ ފުރަތަމަ މެޗުގައި ލީގުގެ އެއްވަނަ އާއި ހަތަރުވަނަ ޓީމު ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު، އަނެއް ސެމީގައި ދެވަނަ ނިކުންނާނީ ތިންވަނައާ ދެކޮޅަށެވެ.
މުބާރާތުގައި އަފްޣާނިސްތާނާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: ކާވާ
އެއަށްފަހު، މި މެޗުތަކުން މޮޅުވާ ޓީމުތައް ފައިނަލަށް ދަތުރުކުރާއިރު، ބަލިވާ ޓީމުތައް ކުޅޭނީ ބްރޯންޒް މެޑަލް މެޗުގައެވެ. މި ދެ މެޗާއެކު މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ވެސް އޮތީ އަންނަ ބުރާސްފަތި ދުވަހު އެވެ.
މުބާރާތުގައި ރާއްޖެ ދެން ކުޅޭ މެޗުގައި މިރޭ ނިކުންނާނީ ކިރްގިސްތާނާ ދެކޮޅަށެވެ. މިހާތަނަށް މުބާރާތުގައި ކުޅުނު ދެ މެޗު ކާމިޔާބުކޮށް، ސައްތަ އިން ސައްތައިގެ ރެކޯޑަކާއެކު އޮތް މި ދެ ޓީމުގެ ކުރިމަތިލުން އޮތީ މިރޭ ރާއްޖޭގަޑިން 20:40 ގައެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބަންގްލަދޭޝް ބައްދަލުކުރާނީ އަފްޣާނިސްތާނާ އެވެ.