ENGLISH
20 ޑިސެމްބަރު 2025
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް އެއް މިލިއަން ގަސް އިންދައިފި
20 ޑިސެމްބަރު 2025
|
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މާލެ ސަރަޙައްދުގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށްދަނީ. ފޮޓޯ: ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާ
މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް ސަރުކާރުން ފެށި ޕްރޮގްރާމްގެ ދަށުން މިހާތަނަށް އެއް މިލިއަން ގަސް އިންދާފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު އިއުލާނުކުރެއްވި ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގެ ދަށުން ފަސް މިލިއަން ގަސް ހަމަކޮށް، ވަކިވަކި އޮފީސްތަކާއި އިދާރާތަކުގެ އެހީގައި ސަރުކާރުގެ އަމާޒަކީ އެ އަދަދު 6.4 މިލިއަން ގަހަށް އިތުރުކުރުމެވެ.
މިހާތަނަށް އެއް މިލިއަން ގަސް އިންދާފައިވާކަން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ރަސްމީކޮށް އިޢުލާނުކުރީ ޑިސެމްބަރު 18 ވަނަ ދުވަހު އެވެ. އެ ވުޒާރާއިން އެދުވަހު މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓުގައި ބުނީ، މިހާތަނަށް އެއް މިލިއަން ގަސް އިންދުމަކީ ޕްރޮގްރާމްގެ ދަށުން ބޮޑު ހާސިލުވުމެއް ކަމަށެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި، ރާއްޖެއިން ނެތެމުންދާ ނުވަތަ މަދު ބާވަތްތަކުގެ ގަސް އިންދާ އާލާކުރުމަށް ޚާއްޞަ ސަމާލުކަމެއްދެއެވެ. އެގޮތުން، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް މިހާރު ވެސް ވަނީ ހައިވަކަރު ގަސް ފޮނުވައިފައެވެ.
އެ ވުޒާރާއިން ބުނީ އިތުރު ގަސް އާލާކުރުމަށް، ޗައިނާ ސަރުކާރުގެ އެހީގައި 55،000 އަކަފޫޓުގެ ސަރަޙައްދެއްގައި ނާސަރީއެއް ޤާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމްގެ ދަށުން މިއަހަރު ތެރޭ ވަނީ 8 އަތޮޅެއްގެ 55 ރަށެއްގައި ގަސް އިންދުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންގޮސްފައެވެ.
ސަރުކާރުން ފަށައި، ބާރު ސްޕީޑުގައި ކުރިއަށްދާ ގަސް އިންދުމުގެ ޕްރޮގްރާމްގައި ކުންފުނިތަކުން ވެސް އަންނަނީ ބައިވެރިވަމުންނެވެ. އެގޮތުން، މިހާތަނަށް އައިއިރު ރޯސްވުޑް، އެޗްޑީސީ، އެމްޕީއެލް، އެސްޑީއެމް ފާޕް، ސްޓެލްކޯ، އާރުސީއެލް އިން ގިނަ އަދަދެއްގެ ގަސް އިންދާފައިވެއެވެ.