ENGLISH
20 ޑިސެމްބަރު 2025
މާލެއަށް ބޯކޮށް ވާރޭވެހި، ފެންހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި
20 ޑިސެމްބަރު 2025
|
އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުު ސަރވިސްއިން މާލޭގައި ފެންހިންދުމުގެ މަސައްކަތް ކުރަނީ. ފޮޓޯ: އެމްއެންޑީއެފް
މިއަދު ހެނދުނުން ފެށިގެން މާލެއަށް ބޯކޮށް ވާރޭ ވެހި މަގުތަކުގައި ފެންބޮޑުވެފައިވާތީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މާލޭގައި ފެންހިންދުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއެންޑީއެފުން މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓުގައި ބުނީ މާލޭގައި ފެންބޮޑުވުމާއި ގުޅިގެން އެ އިދާރާގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ފެންހިންދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މޫސުން ގޯސްވެ މިއަދު މާލެ ސަރަޙައްދަށް ވަނީ ވަރަށް ބޮޑަށް ވިއްސާރަވެފައެވެ. އިއްޔެ ވެސް މާލެއަށް ވިއްސާރައިރު، ރެއިން ފަށައިގެން އެމްއެންޑީއެފުން ވަނީ ޕަންޕުތައް ބަހައްޓައި ފެންބޮޑުވާ ޙާލަތުގައި ފެންހިންދުމަށް ތައްޔާރުވެފައެވެ. އަދި، ވާރޭވެހި ފެންބޮޑުވެފައިވާ ސަރަޙައްދުތަކުން ފެންހިންދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ، ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައަކީ އިރުވައި މޫސުން ފެށުމާއެކު ކުރަމުން އަންނަ ވިއްސާރައެއް ކަމަށެވެ.
ރާއްޖެއަށް މޫސުން ގޯސްވެ، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މިއަދު ވަނީ ރީނދޫ ސަމާލު ވެސް ނެރެފައެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލު ނެރުނީ ޅ އަތޮޅުން ފެށިގެން ވ އަތޮޅާ ހަމައަށެވެ. އަދި، ބ އަތޮޅުން ފެށިގެން ތ އަތޮޅާ ހަމައަށް ވަނީ ހުދު ސަމާލު ނެރެފަ އެވެ.
ރީނދޫ ސަމާލާއި ހުދު ސަމާލު ވެސް މިވަގުތަށް ނެރެފައިވަނީ މިއަދު ހަވީރު 4:00 އާ ހަމައަށެވެ.
މޫސުން ގޯސް ވަގުތުގައި މެދުރާއްޖެތެރެއަށް ބޯކޮަށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އަންދާޒާކޮށްފައިވެއެވެ. އަދި، ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
އިރުވައި މޫސުން ފެށިގެން ކުރިއަށްދާއިރު، އާއްމުކޮށް އިރުވައި މޫސުން ފެށެނީ ޑިސެންބަރު މަހުގެ ދެވަނަ ނުވަތަ ތިންވަނަ ހަފްތާގައެވެ. މެދު އަތޮޅުތަކުން އިރުވައި މޫސުން ފެށުމަށް ފަހު މުޅި ރާއްޖެއަށް އާއްމުގޮތެއްގައި ފެށެނީ ޖަނަވަރީ މަހުގެ ތެރޭގައެވެ.