ENGLISH
20 ޑިސެމްބަރު 2025
ފަހަތުންއަރައި ނިއު ބަލިކޮށް، ވިކްޓްރީ ފަސްވަނައަށް
20 ޑިސެމްބަރު 2025
|
ނިއު ކޮޅަށް ލަނޑުޖެހުމަށްފަހު ވިކްޓްރީގެ ފޯވާޑް، ލެޗްނީ އުފާ ފާޅުކުރަނީ. ފޮޓޯ: މިހާރު
މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު 'ރަސްވާދަ' މެޗުގައި ފަހަތުންއަރައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު 3-1 އިން ބަލިކޮށް، ވިކްޓްރީ ސްޕޯޓްސް ކްލަބުން ގަދަ ހައެއްގެ ރޭހުގައި މުހިއްމު މޮޅެއް ހޯދައިފިއެވެ.
މި މޮޅާއެކު ވިކްޓްރީ ވަނީ ތާވަލްގެ ފަސްވަނަ އަށް ޖެހިލައިފައެވެ. އެއީ މިހާތަނަށް ކުޅުނު 11 މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. މި މެޗުން ބަލިވުމާއެކު ނިއު އަށް ލިބިފައިވަނީ 11 މެޗުން 20 ޕޮއިންޓެވެ.
މިއީ މި ފަހަރުގެ ސީޒަނުގެ ލީގުގައި ނިއު އަތުން ވިކްޓްރީ މޮޅުވި ފުރަތަމަ ފަހަރެވެ. މި ދެ ޓީމުގެ މެދުގައި ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު މެޗުން ނިއު މޮޅުވީ 4-0 އިންނެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ނިއު އަށް ލީޑުނަގައިދިނީ ގޯމޭސް ޑަ ސިލްވާ އެވެ. މިއީ އެ ޓީމުގެ ކެޕްޓަން، އަލީ ފާސިރު (ސެންޓޭ) ހުސްކޮށްލާފަ ދިން ބޯޅައެއްގެ އެހީގައި ޑަ ސިލްވާ ކާމިޔާބުކޮށްދިން ގޯލެކެވެ.
އޭގެފަހުން، ނިއުގެ ލީޑު ފުޅާކޮށްދޭން ޑަ ސިލްވާ އަށް ރަނުގެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ. އަރިމަތިން އެ ޓީމުގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ނަގައިދިން ހުރަހަކުން ހުހަށްހުރެ ޑަ ސިލްވާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.
ވިކްޓްރީން ނަތީޖާ ހަމަހަމަކުރުމަށް ކުރި މަސައްކަތް ކާމިޔާބުވާގޮތްވީ މެޗުގެ 29 ވަނަ މިނެޓުގައެވެ. މިއީ މި ފަހަރުގެ ޓްރާންސްފަރ ބާޒާރުގައި ނިއުއާ ގުޅެން މަޝްވަރާކުރުމަށްފަހު، ފަހުން ވިކްޓްރީ އަށް ލޯން އެއްބަސްވުމެއްގައި ބަދަލުވި އީގަލްސްގެ ކުރީގެ ކެޕްޓަން، އަހުމަދު ރިޒުވާން (ރިޒޭ) ދިން ބޯޅައެއްގެ އެހީގައި އެ ޓީމުގެ ސްލޮވާކިއާ ފޯވާޑް، މިލޯސް ލެޗްނީ ކާމިޔާބުކޮށްދިން ގޯލެކެވެ. މި ގޯލާއެކު ދެ ޓީމުން ފުރަތަމަ ހާފު ނިންމާލީ 1-1 އިން އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފަށައިގެން 12 ވަރަކަށް މިނެޓުގެ ތެރޭގައި ވިކްޓްރީން ވަނީ ލަނޑެއްޖަހައި، ފުރަތަމަ ފަހަރަށް މި މެޗުގައި ލީޑު ނަގައިފައެވެ. މިއީ އަރިމަތިން އެ ޓީމުގެ އަލީ ޝާމިސް (ތޮއްޕޭ) ނަގައިދިން ހުރަހެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ލެޗްނީ ކާމިޔާބުކޮށްދިން ގޯލެކެވެ.
ވިކްޓްރީން ލީޑު ނެގުމާއެކު، ނަތީޖާ ހަމަހަމަކުރުމަށް ނިއުގެ ކުޅުންތެރިން ކުރި މަސައްކަތުގެ ތެރެއިން ފޮނުވާލި ގިނަ ހަމަލާތަކެއް ވިކްޓްރީގެ ކީޕަރު، ކިރަން ކުމާރް ވަނީ މަތަކޮށްފައެވެ.
މެޗު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް، ވިކްޓްރީގެ ތިންވަނަ ލަނޑުޖަހައިދިނީ އެ ޓީމުގެ އުޒްބެކިސްތާންގެ ޑިފެންޑަރު، ޖަވޯހިރު އަޒަމޯވް އެވެ. އޭނާ މި ލަނޑުޖެހީ ބޮލުންނެވެ.
އޭގެފަހުން، ނިއު އަށް ލަނޑެއްޖަހައިދޭން މުޙައްމަދު ފާސިރު (ފާއްޓޭ) ފޮނުވާލި ބޯޅަ ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، އިތުރުވަގުތުގެ ތެރޭގައި ސެންޓޭ ފޮނުވާލި ބޯޅައެއް ވިކްޓްރީގެ ކީޕަރު ކިރަން ވަނީ ހުއްޓުވައިފައެވެ.