ENGLISH

20 ޑިސެމްބަރު 2025

Advertisement

މޫސުން ގޯސް ދުވަސްވަރެއް، މިއަދު އެންމެ މޫސުން ގޯހީ މެދުރާއްޖެތެރެއަށް

20 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

އިރުވައި މޫސުން ފެށި، ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު މޫސުމާ ބެހޭ ޤައުމީ އިދާރާއިން މެދުރާއްޖެތެރޭގެ ރަށްތަކަށް ރީނދޫ ސަމާލު މިއަދު ނެރެފިއެވެ. 

ރާއްޖެއަށް އިރުވައި މޫސުން ފެށުނީ ޑިސެމްބަރު 17 ވަނަ ދުވަހު އެވެ. އެހެން އަހަރުތަކަށް ވުރެ އަވަހަށް އިރުވައި މޫސުން މިފަހަރު ފެށުނުއިރު، ފުރަތަމަ ނަކަތުގައި މޫސުން ވަނީ ގޯސްވެފައެވެ. 

މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު 12:30 ހާއިރު އާއްމުކޮށްފައިވާ މަޢުލޫމާތުގައި ބުނީ، މޫސުން އެންމެ ގޯހީ މެދުރާއްޖެތެރެއަށް ކަމަށެވެ. އެގޮތުން ޅ އަތޮޅުން ފެށިގެން ވ އަތޮޅާ ހަމައަށް މިހާރު ވަނީ ރީނދޫ ސަމާލު ނެރެފައެވެ. ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު 12:45 އިން ހަވީރު 16:00 އާ ހަމައަށެވެ. 

މޫސުން ގޯސް ވަގުތުގައި މެދުރާއްޖެތެރެއަށް ބޯކޮަށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އަންދާޒާކޮށްފައިވެއެވެ. އަދި، ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. 

މެދުރާއްޖެތެރެއަށް މޫސުން ގޯސްއިރު މިއަދު ހެނދުނު މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ބ އަތޮޅުން ފެށިގެން ތ އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. އެ ސަމާލު ދަމަހައްޓާނީ މިއަދު 11:00 އިން 16:00 އާ ހަމައަށެވެ. 

އިރުވައި މޫސުން ފެށިގެން ކުރިއަށްދާއިރު، އާއްމުކޮށް އިރުވައި މޫސުން ފެށެނީ ޑިސެންބަރު މަހުގެ ދެވަނަ ނުވަތަ ތިންވަނަ ހަފްތާގައެވެ. މެދު އަތޮޅުތަކުން އިރުވައި މޫސުން ފެށުމަށް ފަހު މުޅި ރާއްޖެއަށް އާއްމުގޮތެއްގައި ފެށެނީ ޖަނަވަރީ މަހުގެ ތެރޭގައެވެ. 

މޫސުން ގޯސް ދުވަސްވަރު ކަނޑުދަތުރު ކުރުމުގައި ސަމާލުކަން ދިނުމަށް އިދާރާތަކުން އަންނަނީ އަބަދުވެސް އިލްތިމާސްކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު