ENGLISH
19 ޑިސެމްބަރު 2025
އިމާރާތްކުރުމުގެ ދާއިރާއަށް ޚިދުމަތްކޮށްފައިވާ 16 ފަރާތެއްގެ އަގުވަޒަންކޮށްފި
19 ޑިސެމްބަރު 2025
|
މަސީ ބިލްޑަރ އެވޯޑްސްގެ ދެވަނަ އެޑިޝަން -- ފޮޓޯ: މަސީ
މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ބިލްޑަރ އެވޯޑްސްގެ ދެވަނަ އެޑިޝަންގައި 16 ފަރާތެއްގެ އަގު ވަޒަންކޮށް އެވޯޑު ދީފިއެވެ.
ހޮޓެލް ޖެންގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި، އިމާރާތްކުރުމުގެ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްފައިވާ އަމިއްލަ ފަރުދުންނާއި ކުންފުނިތަކުގެ އަގުވަޒަންކޮށްފައިވެއެވެ.
މަސީ ބިލްޑަރ އެވޯޑްސްގެ ދެވަނަ އެޑިޝަންގައި އިމާރާތްކުރުމުގެ އެކި ގިންތިތައް ހިމެނޭހެން 19 ކެޓެގަރީއަކުން އެވޯޑު ދީފައިވެއެވެ. މީގެތެރޭގައި ކޮންޓްރެކްޓަރ އެވޯޑު ކެޓެގަރީ، ޕްރޮފެޝަނަލް ފާރމް އެވޯޑު ކެޓެގަރީ އަދި ވަކިވަކި ފަރުދުންގެ ކެޓެގަރީ ހިމެނެއެވެ.
މީގެ އިތުރުން މަސީން ވަނީ އިމާރާތްކުރުމުގެ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް މަސީ ޕްރެޒިޑެންޓްސް ސްޕެޝަލް އެވޯޑު ދީފައެވެ. މިގޮތުން މިދާއިރާއަށް 20 އަހަރަށްވުރެ ދިގު މުއްދަތަށް ޚިދުމަތްކޮށްފައިވާ ފަރާތްތަކަށްދޭ ޕްލެޓިނަމް އެވޯޑު ހާސިލްކުރައްވާފައި ވަނީ، އަލާއު އަލީ، އަދުނާން ހަލީމް، އިބްރާހިމް މުއްތަލިބު އަދި ސައުދުﷲ ހިލްމީއެވެ.
މިދާއިރާއަށް 15 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވައިގެން މުހައްމަދު ސައީދު ގޯލްޑް އެވޯޑު ހާސިލްކޮށްފައިވާއިރު، 10 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރުމުގެ ސިލްވަރ އެވޯޑު ހާސިލްކުރައްވާފައިވަނީ ހަސަން ހަބީބު، އަމީން މުހައްމަދު އަދި އަބްދުﷲ ޞާލިހެވެ.
މަސީގެ ބިލްޑަރ އެވޯޑްސްގެ ދެވަނަ އެޑިޝަންގެ އެކްސްކްލޫސިވް ޕްލެޓިނަމް ސްޕޯންސަރެއްގެ ގޮތުގައި ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމެންޓްސް ހަމަޖައްސާފައިވާއިރު، އޮފިޝަލް ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ ބިޒްނަސްއެވެ. އަދި ގޯލްޑް ޕާޓްނަރަކީ ޕްރިންޓް ލެބް ކްރިއޭޓިވްއެވެ.
މި ރަސްމިއްޔާތުގައި އިމާރާތްކުރުމުގެ ދާއިރާގެ ތަޖުރިބާކާރުންނާއި، ސްޓޭކްހޯލްޑަރުން ބައިވެރިވެފައިވެއެވެ.