ENGLISH
19 ޑިސެމްބަރު 2025
ހުޅުމާލެ ފޭސް 2 ގެ މުހިންމު ހުރިހާ ތަނެއް ކަވަރުވާ ގޮތަށް ސީސީޓީވީ މޮނިޓަރިން ސެންޓަރެއް ގާއިމްކޮށްފި
19 ޑިސެމްބަރު 2025
|
އެސްޓޭޓް ސެކިއުރިޓީ ސަރވިސް ތަޢާރަފްކުރުމުގެ ޙަފްލާގެ ތެރެއިން. ފޮޓޯ: އެޗްޑީސީ
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އެ ފިޔަވަހީގެ މުހިންމު ހުރިހާ ތަންތަނެއް ކަވަރު ކުރެވޭ ގޮތަށް، ސީސީޓީވީ މޮނިޓަރިން ކޮމާންޑް ސެންޓަރެއް ގާއިމްކޮށްފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީން ބުނީ މި ސެންޓަރު ގާއިމުކޮށްފައި ވަނީ ވިނަރެސް ޓަވަރު ނުވައެއްގަ ކަމަށެވެ.
މިއީ ހުޅުމާލެއަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި އެޗްޑީސީން ކުރަމުން އަންނަ މަސައްކަތުގެ ތެރެއަށް އިތުރުވެގެން ދިޔަ މުހިއްމު ކަމެއްގެ ގޮތުގައި ސިފަކުރައްވަމުން އެ ކުންފުނިން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިނގަމުން އަންނަ ހުރިހާ ކަމެއް އެ ސެންޓަރުން ފެންނާނެ ކަމަށެވެ.
ހުޅުމާލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެޗްޑީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ދާދި ފަހުން ތައާރަފުކުރި އެސްޓޭޓް ސެކިއުރިޓީ ފާހަގަކޮށްލެވެެ އެވެ. އެޓީމުން 24 ގަޑިއިރު ހުޅުމާލޭގެ ތަން ތަން ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.
އެޗްޑީސީން ބުނީ، އެސްޓޭޓް ސެކިއުރިޓީ ސަރވިސް ތަޢާރަފްކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ، ހުޅުމާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންގެ މުދަލާއި، އަދި އަމިއްލަ ފަރުދުންގެ ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިކުރުން ކަމަށެވެ.
ހުޅުމާލެ ފޭސް ދޭއްގައި ގާއިމުކުރި ސީސީޓީވީ މޮނިޓަރިން ކޮމާންޑް ސެންޓަރު ބެލެހެއްޓުމަށް ހަމަޖެހިފައިވަނީ އެސްޓޭޓް ސެކިއުރިޓީގެ މުވައްޒަފުން ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީގެ އަމާޒަކީ، ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެ މައްސަލަތަކަށް ހައްލު ހޯދައިދީ، އުފާވެރި، ރައްކާތެރި، ޒަމާނީ ސިޓީއަކަށް ހުޅުމާލެ ހެދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުންކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.