ENGLISH

19 ޑިސެމްބަރު 2025

Advertisement

މޯލްޑިވިއަނުން ސީދާ ދަތުރުތައް އޮސްޓްރޭލިއާ އަށް ފަށަނީ

19 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

މޯލްޑިވިއަން އިން އޮސްޓްރޭލިއާ އަށް ދަތުރުތައް ފަށާނީ އަންނަ މެއި މަހު --ފޮޓޯ: މޯލްޑިވިއަން

ދިވެހިރާއްޖެ އާއި އޮސްޓްރޭލިއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން ބުނެފި އެެވެ.

މި ދަތުރު ވެގެންދާނީ ރާއްޖެއާއި އޮސްޓްރޭލިއާ ދެމެދު ފުރަތަަމަ ފަހަރަށް ފަށާ ތާރީޚީ ދަތުރަކަށެވެ. މޯލްޑިވިއަނުން ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާގެ ލީޑިންގ ޓްރެވެލް ކުންފުންޏެއް ކަމަށްވާ 'ލަގްޒަރީ އެސްކޭޕްސް' އާއި ގުޅިގެންކަމަށާއި އަދި ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ އޮސްޓްރޭލިއާގެ މެލްބަންއަށް ކަމަށެވެ.

ރާއްޖެއާއި އޮސްޓްރޭލިއާ ދެމުދު ސީދާ ދަތުރުތައް ފެށުމުން އޮސްޓްރޭލިއާއިން ރާއްޖެ އަންނަ ފަރުތުވެރިން އިތުރުވެ، ދަތުރުކުރާ ފަރާތްތަކަށް ފަސޭހަވެގެންދާނެ ކަމަށް މޯލްޑިވިއަނުން ގަބޫލުކުރެ އެވެ.

މޯލްޑިވިއަނުން ބުނީ މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ސީޒަނަލްކޮށް ކަމަށާއި، އަދި މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެއި މަހު ކަމަށެވެ. އަދި މި ދަތުރުތައް ހަފްތާއަކު އެއްފަހަރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ.

އިތުރަށް މޯލްޑިވިއަނުން ބުނީ މި ދަތުރުތަކުގެ ތާވާލުތައް ރޭވިފައިވަނީ، ރާއްޖޭގެ އެކި ހިސާބުތަކަށް މޯލްޑިވިއަނުން ކުރާ ދަތުރުތަކާ އަދި ސީޕްލޭންގެ ދަތުރުތަކަށް ފަސޭހާވާނެ ގޮތަކަށް ބަލައިގެން ކަމަށެވެ. މިގޮތަށް ދަތުރުތައް ޝެޑިއުލް ކުރުމުން ރާއްޖެ އަންނަ ފަތުރުވެރިންނަށް އެމީހުންގެ މަންޒިލްއަށް ދިއުމަށް ފަސޭހަވެގެން ދާނެ ކަމަށް މޯލްޑިވިއަނުން ގަބޫލުކުރެ އެވެ.

މޯލްޑިވިއަނުން ސީދާ ދަތުރުތައް އޮސްޓްރޭލިއާއަށް ފެށުމަށް ނިންމާފައިވާއިރު، އެގައުމުން ރާއްޖެ އަންނަ ފަތުރުވެރިން ވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް 40،490 ފަތުރުވެރިން އޮސްްޓްރޭލިއާއިން ރާއްޖެ އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ ގައުމުން ރާއްޖެ އައިސްފައިވާ 35،818 ފަތުރުވެރިންނާ އަޅާ ބަލާއިރު 13 އިންސައްތައިގެ އިތުރުވުމެކެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ 10 ގައުމުގެ ތެރޭގައި އޮސްޓްރޭލިޔާ ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު