ENGLISH
19 ޑިސެމްބަރު 2025
އައު އަހަރާ ގުޅިގެން ހުޅުމާލޭގައި ބާއްވާ ފެސްޓިވަލަށް 80 ސްޓޯލް ދޫކުރަނީ
19 ޑިސެމްބަރު 2025
|
އާ އަހަރާ ގުޅިގެން ހުޅުމާލޭގައި ބާއްވާ ފެސްޓިވަލަށް 80 ސްޓޯލް ކުއްޔަށް ދޫކުރަން ހުޅުވާލައިފިއެވެ.
"ނިއު އިޔަރ ފެސްޓިވަލް" ގެ ނަމުގައި ބާއްވާ ފެސްޓިވަލާއި ގުޅިގެން ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނެރުނު އިއުލާނުގައި ބުނީ، އޮންލައިންކޮށް ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ހުށަހަޅާ މީހުންނަށް އިސްކަންދޭ އުސޫލުން ޝަރުތުހަމަވާ ފަރާތްތަކަށް ސްޓޯލް ކުއްޔަށް ދޫކުރާނެ ކަމަށެވެ.
ފޯމު ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކަށް އެޗްޑީސީގެ ވެބްސައިޓްގައިވާ ލިންކް މެދުވެރިކޮށް ފޯމް ހުށަހެޅޭނެއެވެ. މި ފުރުސަތު ހުޅުވާލަނީ 22 ޑިސެމްބަރު ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ޖަހާއިރުއެވެ. އަދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 23 ޑިސެމްބަރުގެ މެންދުރު 12:00 އެވެ.
މި ފެސްޓިވަލުގެ ސްޓޯލްތައް ކުއްޔަށް ހިފުމަށް ހުށަހަޅާއިރު، އައިޑީ ކާޑު ކޮޕީ، އަދި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއް ކަމުގައިވާނަމަ، އެސްއެމްއީ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ނުވަތަ އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ދޫކުރާ ޕްރޮފައިލް ޝީޓް ހުށަހަޅަންޖެހޭނެއެވެ.
މި ފެސްޓިވަލް ކުރިޔަށްގެންދަން ހަމަޖެހިފައިވަނީ ހުޅުމާލޭގެ 1 ވަނަ ފިޔަވަހި އަދި 2 ވަނަ ފިޔަވަހި ގުޅޭ ޗެނަލް ސަރަހައްދުގައެވެ.
އެގޮތުން ފުޑް އެންޑް ބެވެރޭޖެ (އެފްއެންޑްބީ) ގެ ބޭނުންތަކަށް ޚާއްސަކޮށްގެން ޖުމްލަ 40 ސްޓޯލް ކުއްޔަށް ދޫކުރެވޭނެއެވެ. މީގެތެރޭގައި 20 ސްޓޯލް އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ފަރާތްތަކަށް ޚާއްސަ ކޮށްފައިވާއިރު، އަނެއް 20 ސްޓޯލް އެސްއެމްއީ އަށް ޚާއްސަކޮށްފައިވެއެވެ. އަދި ބާކީ 40 ސްޓޯލަކީ ރިޓެއިލްގެ ބޭނުންތަކަށް ޚާއްސަ ސްޓޯލްތަކެވެ.
މި ފެސްޓިވަލަކީ 27 ޑިސެމްބަރުން ފެށިގެން 01 ޖަނަވަރީ 2026 ގެ ނިޔަލަށް ކުރިޔަށްގެންދާ ހަރަކާތެކެވެ. އަދި ސްޓޯލްތައް ކުއްޔަށް ދެވޭނީ މި މުއްދަތުގައި ދުވާލަކަށް 500 ރުފިޔާގެ ރޭޓުން 6 ދުވަހަށް 3000 ރުފިޔާ އަށެވެ.