ENGLISH

19 ޑިސެމްބަރު 2025

Advertisement

ރައީސްގެ ވައުުދުފުޅާ އެއްގޮތަށް އަމާން އުދަރެސްގައި ޖީޕީ ކްލިނިކެއް ހަދަނީ

19 ޑިސެމްބަރު 2025

|

މަރިޔަމް ލީމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ޖެނެރަލް ޕްރެކެްޓިސް (ޖީޕީ) ކްލިނިކެއް އަމާން އުދަރެސްގައި ހަދަން މަސައްކަތް ފަށާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.

އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ އަމާން އުދަރެސްގެ 6 ވަނަ ޓަވަރުގައި ކްލިނިކެއް ޤާއިމްކުރުމުގެ އަމާޒަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ އާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށަންވާ އިރަށް އެ މީހުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.

މި ކްލިނިކް ޤާއިމްކުރުމަށްޓަކައި އެފްޑީސީ އާއި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއާ ދެމެދު ކޮމާޝަލް ޔުނިޓް ބޭނުންކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އަދި މި އެއްބަސްވުމުގެ ދަށުން އަމާން އުދަރެސް 6 ވަނަ ޓަވަރުން 6،788.43 އަކަފޫޓުގެ ޖާގައިގެ ކޮމާޝަލް ޔުނިޓެއް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލަށް ވަނީ ދޫކޮށްފައެވެ.

މި ޖާގައަކީ ސަރުކާރުގެ ނެޝަނަލް ޕޮލިސީ އިނިޝިއޭޓިވްގެ ދަށުން ދީފައިވާ ތަނަކަށްވާތީ، އެ ޖާގައަށް މެއިންޓެނެންސް ފީގެ އިތުރުން އެއްވެސް ކުއްޔެއް ނުނެގުމަށް ނިންމާފައިވެއެވެ. 

ކްލިނިކްގެ މަސައްކަތްތައް ބައްލަވާލެއްވުމަށް އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް އަދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާގު ޙަލީމް އިއްޔެ ވަނީ އެ ޓަވަރަށް ވަޑައިގެންފައެވެ. 

މި އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ވިދާޅުވީ ޕްރައިމަރީ އާބަން ހެލްތު ކެއަރ ކްލިނިކުގައި އިތުރު ޙިދުމަތްތައް ދެވޭނެ ކަމަށެވެ.

މީގެތެރޭގައި ވެކްސިން ދިނުމާއި، ކުޑަކުދިން ގްރޯތު މޮނިޓަރިންގެ މަސައްކަތްތަކާއި، ވެލްނަސް ކްލިނިކް، ކައުންސެލިންގެ ޚިދުމަތް އަދި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ ޚިދުމަތްތަކެއް ފޯރުކޮށްދޭނެ ކަމަށް ވަނީ ހަމަޖެހިފައެވެ. 

"މި ޕްރޮޖެކްޓަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއާއެކު ޖީޕީ ކްލިނިކެއް ޤާއިމްކުރުމަށްޓަކައި ފެށިފައިވާ ޕްރޮޖެކްޓެއް. މި ޕްރޮޖެކްޓުގައި އެފްޑީސީގެ ޒިންމާއަކީ މި ކްލިނިކުގެ ޑިވެލޮޕްމެންޓް އަދި ޑިޒައިން މަސައްކަތް. އަޅުގަނޑުމެންގެ އަމާޒަކީ އަމާން ޓަވަރު ތަކުގައި މީހުން އާބާދުވަމުންދާއިރު ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ދެވޭނެ ނިޒާމު މި ޓަވަރުތަކުގައި ހަމަޖެހިފައިވުން." - އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް 

ކިޔުންތެރިންގެ ހިޔާލު