ENGLISH
19 ޑިސެމްބަރު 2025
ހަތަރުހާސް ފްލެޓްގެ ކުލި ކުޑަކޮށް ޑައުންޕޭމަންޓް ބޮޑުތަނުން ކުޑަކުރައްވަން ރައީސް ނިންމަވައިފި
18 ޑިސެމްބަރު 2025
|
މިރޭގެ ބައްދަލްވުމުގައި ރައީސް ވާހަކަފުޅު ދައްކަވަނީ --
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްޤީކޮށްފައިވާ ފްލެޓްތަކަށް ދައްކަން ޖެހޭ މަހު ކުއްޔާއި އެޑްވާންސް ކުޑަކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.
އެމަނިކުފާނު އެކަން އިޢުލާނު ކުރެއްވީ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ބައްދަލްވުމުގައި އާންމުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފަހު ވާހަކަފުޅު ދައްކަވަމުންނެވެ.
މިހާރު އޮތްގޮތުން އެފްޑީސީން ތަރައްޤީކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ތިން ކޮޓަރީގެ ތަންތަނަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 25,000 ރުފިޔާ ދައްކަން ޖެހެ އެވެ. ކުލީގެ ގޮތުގައި މަހަކު ދައްކަން ޖެހެނީ 10,500 ރުފިޔާ އެވެ.
ދެ ކޮޓަރީގެ ތަންތަނަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 15,000 ރުފިޔާ ދައްކަން ޖެހެ އެވެ. މަހު ކުއްޔަކީ 7,000 ރުފިޔާ އެވެ.
ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައި ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މެއިންޓަނަސް ފީ އާއެކު ތިން ކޮޓަރީގެ ފްލެޓްތަކަށް ދެން ދައްކަން ޖެހެނީ މަހަކު 10,000 ރުފިޔާ އެވެ. އަދި އެޑްވާންސް ޕޭމަންޓް 25,000 ރުފިޔާގެ ބަދަލުގައި 8,000 ރުފިޔާއަށް ވަނީ ކުޑަކުރައްވަން ނިންމަވާފަ އެވެ.
ދެ ކޮޓަރީގެ ކުލީގެ ގޮތުގައި ދެން ދައްކަން ޖެހޭނީ ހަ ހާސް ރުފިޔާ އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 15,000 ރުފިޔާގެ ބަދަލުގައި ދެން ދައްކަން ޖެހޭނީ 6,000 ރުފިޔާ އެވެ.